ރަށުގައި ކަރަންޓީނުވުމަށް މިއަދު އެކަނި 100 މީހަކު ފޮނުވާލަނީ

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، މާލޭގައި ތާށިވެފައިތިބި ރަށްތަކުގެ މީހުންގެ ތެރެއިން އަމިއްލަ ރަށުގައި ކަރަންޓީނުވާން ބޭނުން މީހުންގެ ތެރެއިން 100 މީހަކު މިއަދު ފުރުވާލަން ހަމަޖެހިފައިވާކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ހޯމް ކަރަންޓީނަށް ދާން ބޭނުންވެފައި ތިބި މީހުންގެ ތެރެއިން 42 މީހަކު އިއްޔެ ފުރުވާލާފައިވާ ކަމަށެވެ.

އެ އެންމެންނަކީވެސް އައްޑޫ ސިޓީގެ މީހުންނެވެ. ޝަރީފް ވިދާޅުވީ އެމީހުން އައްޑޫގެ 25 ގެއެއްގައި ކަރަންޓީނުވެފައިވާ ކަމަށެވެ.

މިއަދު ފުރުވާލަން ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީއަށް ދާ 50 މީހަކާ ފުވައްމުލަކު ސިޓީއަށް ދާ 50 މީހެކެވެ.

އައްޑޫ ސިޓީއަށްދާ 50 މީހުންގެ ޓެސްޓު އިއްޔެ ހަދާފައި ވާއިރު، ފުވައްމުލަކަށް ދާ މީހުންގެ ޓެސްޓުތައް މިއަދު ހަދާނެ އެވެ.

ޝަރީފް ވިދާޅުވީ މާލެއިން ރަށްރަށަށް ދިއުމަށް ނަން ނޯޓުކުރި މީހުންގެ ތެރެއިން ހޯމް ކަރަންޓީނަށް ގެންދަންޖެހޭ 2،369 މީހަކު ތިބިކަމަށެވެ. އަދި މާލެއިން ރަށްރަށަށް ދާން ބޭނުންވި މީހުންގެ ތެރެއިން 3،061 މީހަކު ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ފެސިލިޓީތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 628 މީހެއްގެ ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓްކޮށް ރަށްރަށަށް ފޮނުވާފައިވާ ކަމަށެވެ.

މާލެ ސަރަހައްދު ފުރަބަންދުވުމާ ގުޅިގެން ރަށަށް ނުދެވި ތިބި ފަރާތްތައް ސަރުކާރު ހަރަދުގައި ރަށްރަށަށް ގެންގޮސް، ގޭގައި ކަރަންޓިން ކުރާ ގޮތަށް ނިންމައި އެކަމުގެ އުސޫލު މިހާރު ވަނީ އާންމުކޮށްފަ އެވެ.

އުސޫލުގައި ބުނެފައި ވަނީ ރަށަށް ދާ މީހުން 24 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި 24 ދުވަހަށްފަހު ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އުސޫލުުގައި ބުނެ އެވެ.

https://sun.mv/138017

comment ކޮމެންޓް