އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުން ލަހެއް ނުވޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަންފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމުގައި ފަސްޖެހުމެއް ނުވަތަ ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ސަރުކާރުން ވައުދުވިގޮތަށް އެކަން ކުރިއަށް ދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ބޭނުން ކުރި މީހުންގެ މައްސަލަ ނުބެލޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ވަނީ އެމައްސަލަ ލަސްވާ ސަބަބެއް ބަލަން ފަށާފަ އެވެ. ސަންގުޓީވީގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހިޔާނާތުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

ހިޔާނާތުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލް ގުޅިގެން އެމައްސައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ކޮށް ދައުވާ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެކަމުގައި ފަސްޖެހުމެއް. ބޮޑު މަޑުޖެހުމެއް އައިސްފައިވާ ކަމަކަށް. ސަރުކާރުން އޭރުގައި ވިދާޅުވިގޮތަށް އެކަން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ. ދެން މިކަމަކީ އެނގިވަޑައިގަންނަވާނެ އެތައް ދުވަހެއް ވެފައި އޮތް އެތައް ފުންމިނަކަށް ފައިބާފައި އޮތް އުނދަގޫ ބޮޑު މައްސަލައެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފައިސާގައި މިސަރުކާރުގައި ހުރި މީހަކު ޖެހިފައި އޮތަތީ އަތްލާން ނުކެރިގެން ތަހުގީގު ނުކުރެވިގެން ނޫޅޭ ކަމަށެވެ. އަތްލާން ޖެހޭ މީހެއްގެ ގައިގައި އަތްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މައްސަލައަކީ ފަސޭހައިން ނިންމާލެވޭނެ މައްސަލައަކަށް ނުވާނެކަން ފާހަގަކޮށް އިމްރާން ވިދާޅުވީ މައްސަލާގައި ދައުވާ ކުރުމަށް ވަގުތު ނަގާނެކަން އެންމެނަށްވެސް ގަބޫލުކުރެވޭނެ ކަމަށެވެ. އެމައްސަލަ ބެލުމަށް އެއްވެސް މީހެއްގެ ނުފޫޒެއް ނުވަތަ ބާރެއް ނުފޯރާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މީގެ އިންސާފު ރައްޔިންނަށް އެންމެ ފުރިހަަމައަށް ގެނެވޭނެ ގޮތަކަށް އިންތިޒާމު ކުރެވިގެން ދާނެ،" އިމްރާން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ކޮރަޕްޝަން މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ. މިހާތަނަށް އެ ލިސްޓު އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ ވަޒީރުން އަދި ކުރީގެ ވަޒީރުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތުގެ މައްސައާ ގުޅިގެން މިހާތަނަށް ޖަލަށް ލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެކަންޏެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މަނީ ލޯންޑައިންގެ ދައުވާ ސާބިތުވުމުންނެވެ. އެފައިސާއަކީ އެމްއެމްޕީއާރުސީއިން ރަށެއް ކުއްޔަށް ދިނުމުން ލިބެންޖެހޭ ފައިސާ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

comment ކޮމެންޓް