ނިއު ޒިލެންޑްގެ ސްކޫލުތަކުގައި ސެނިޓެރީ ޕްރޮޑަކްޓް ހިލޭ

ނިއު ޒީލެންޑްގެ ފިހާރައެއްގައި ސެނިޓެރި ޕްރޮޑަކްޓްތަކެއް ---

ނިއު ޒީލެންޑްގެ ހުރިހާ ސްކޫލުތަކަކުން އަންހެނުންނަށާއި އަންހެން ކުދީންނަށް ސެނިޓެރީ ޕްރޮޑަކްޓުތައް ހިލޭ ފޯރުކޮށްދޭން ފެށުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑެން ނެރުއްވި ބަޔާނެއްގައި ވިދާޅުވަނީ ނިއު ޒީލެންޑުގައި ނުވަ އަހަރާއި 18 އަހަރާ ދެމެދުގެ ކުދީންގެ ތެރެއިން، ސްކޫލްގައި ޕެޑް އަދި ޓެމްޕޮން ފަދަ ސެނިޓަރީ ޕްރޮޑަކްޓް ގަންނަން ނުލިބިފައި ތިބި 95،000 އަށްވުރެ ގިނަ ކުދިން ތިބޭ ކަމަށެވެ.

"އެ ތަކެތި ހިލޭ ކުރުމުން އެ ކުދީންނަށް ސްކޫލުގައި ސެނިޓަރީ ޕްރޮޑަކްޓް ހޯދުމަށް ވަމުން އަންނަ ދަތިތަަކަށް ހައްލު ވެގެން އަންނާނެ ކަމަށް ބެލެވޭ. އަދި މިއީ ކިޔެވުމަށް އެޅޭ ބާރަކަށް ވާނެ،" އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ނިއު ޒީލޭންޑުގެ ސަރުކާރުން އަލަށް ފެށި މި ޕްރޮޖެކްޓު ހިންގުމަށް ވަނީ 1.7 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެ ޕްރޮޖެކްޓު ފަށާނީ އެގައުމުގެ 50 ސްކޫލެއްގަ އެވެ. އަދި ޕައިލެޓް ޕްރޮގްރާމަކަށް ފަހު އެ ޕްރޮޖެކްޓު ގައުމުގެ އެހެން ސްކޫލުތަކަށްވެސް ތައާރަފުކުރާނެ ކަމަށް ވަނީ ސަރުކާރުން ބުނެފަ އެވެ.

ޕައިލެޓް ޕްރޮޖެކްޓުގެ ގޮތުގައި މަސައްކަތް ފަށަނީ އެ ޕްރޮޖެކްޓާއެކު ދިމާވެދާނެ ބައެއް ދަތިތައް ދެނެ ގަނެ ދަރިވަރުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އިތުރު ގޮތްތަކެއް ހޯދައި ހިޔާލުތަކެއް ހޯދުމުގެ ގޮތުން ކަމަށް އެގައުމުން ބުނެ އެވެ.

comment ކޮމެންޓް