ޔުނިވާސަލް އިން 20،200 ޓެސްޓް ކިޓް ހަދިޔާކޮށްފި

ޔުނިވާސަލް އިން ހެލްތު މިނިސްޓްރީއަށް ޓެސްޓް ކިޓު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކޮވިޑް-19 ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ޔުނިވާސަލް އެންޓަޕްރައިސް އިން 20،200 ޓެސްޓް ކިޓު ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެއްޗާ ހަވާލުވެވަޑައިންނަވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. އަދި އެތަކެތި މިނިސްޓްރީއާ ހަވާލުކުރައްވާފައިވަނީ ޔުނިވާސަލްގެ ކޮމްޕްލާޔަންސް މެނޭޖަރު މުހައްމަދު ރިޒާ އެވެ.

ޔުނިވާސަލް އިން މިއަދު ހަދިޔާކޮށްފައިވާ ޓެސްޓް ކިޓްތަކަކީ އައިޖީއެމްއެޗުން ބޭނުންކުރާ ބާވަތުގެ ޓެސްޓް ކިޓުތައް ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް ޓެސްޓް ކެޕޭސިޓީ އިތުރުކުރުމުގެ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދަނީ ރާއްޖެއަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް ޑަބްލިއެޗްއޯއިން ރާއްޖެއަށް ވަނީ 15،000 އަށްވުރެ ޓެސްޓް ކިޓް ހަދިޔާކޮށްފަ އެވެ. އެ ޓެސްޓުކިޓުތައް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އެކި ފަހަރުތަކުގެ މަތީންނެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން ވަނީ 28،440 ޓެސްޓް ސާމްޕަލް ނަގާފަ އެވެ. އޭގެތެރޭގައި ތަކުރާރުކޮށް ނަގާފައިވާ ސާމްޕަލް ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެ އެވެ.

comment ކޮމެންޓް