ސިވިލް ސާވެންޓުންގެ އިތުރުގަޑީގެ ފައިސާ ކުޑަކުރުމުން ޓްރައިބިއުނަލަށް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް-- ސަން ފައިލް ފޮޓޯ

ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ކުޑަކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

ސިވިލްސާވިސްގެ މުވައްޒަފުންތަކެއްގެ ނަމުގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނެއްގައި ވަނީ އާ ސާކިއުލާއެއްގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާދޭން ނިންމާފައިވާ ގޮތާ މެދު އެ ޖަމްއިއްޔާއަށް ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާ އިން ބެލިބެލުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ނިންމުމުގައި ގާނޫނީގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ އެ ޖަމްއިއްޔާ އިން ހެލްތު ޕްރޮފެޝަނަލް ޔޫނިއަނާ މަޝްވަރާކުރުމަށްފަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

"ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގުރުބާނީ އެއް ވަމުންދާ އެއްބަޔަކީ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. މިހާރުވެސް މި މުވައްޒަފުންނަށް ދެމުންގެންދާ އުޖޫރައަކީ އެކަށީގެންވާ މިންވަރަށްވުރެ ކުޑަ އުޖޫރައެއް ކަމުގައިވާއިރު، އުޖޫރަ ބޮޑު ކުރުމުގެ ބަދަލުގައި އިތުރު ގަޑީގައި މަސައްކަތް ކުރުމުން ލިބޭ އުޖޫރަ އިތުރަށް ކުޑަކޮށްލުމުން އެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ބަދަލު ލިބިގެން އެދަނީ ވަރަށް ހިތިކޮށެވެ. ފްރޮންޓް ލައިންގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ރަސްމީ ގަޑިއަށްވުރެ މާބޮޑަށްވެސް އިތުރަށް ގިނައިރުތަކެއް މަސައްކަތް ކުރަންޖެހޭ ފަރާތްތަކެކެވެ،" ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ޖަމްއިއްޔާ އިން ބުނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އެކުރަމުން ގެންދަނީ ގައުމީ މުހިންމު ބޮޑު މަސައްކަތެއް ކަމަށާއި އެ މުވައްޒަފުންނަށް ހައްގުވާ އުޖޫރަ ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުމުގައި ސަރުކާރުން މިސާލު ދެއްކުމަށް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލާފަ އެވެ.

ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ހަމަވުމުން އިތުރުގަޑީގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އަދި އެއީ ވަޒީފާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ ގެނައި ބަދަލެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެއީ ވަޒީފާއާބެހޭ ގާނޫނާއި ސިވިލް ސަވިސް ކޮމިޝަންގެ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދާއި ސިވިލް ސާވިސް މުވައްޒަފުން، ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ކުރި ދައުވާގައިވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތް ދިވެހި ސިވިލް ސާވިސް ގަވާއިދުގެ 163 މާއްދާގެ (ށ) ގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ސިވިލް ސާވިސްގެ މުވައްޒަފަކު، ދުވާލަކު ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފި ނަމަ، އިތުރަށް މަސައްކަތް ކުރުވި ވަގުތަށް އިތުރު ގަޑީގެ ފައިސާ ދޭންވާނެ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ހުށަހެޅި ދައުވާގައި އެދިފައި ވަނީ ފިނޭންސް މިނިސްޓްރީގެ މާލިއްޔަތާއިބެހޭ ސާކިއުލާގެ މައްޗަށް ބިނާކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން 17 މެއި ގައި ނެރުނު ސާކިއުލާއިން ސިވިލް ސާވިސް އިދާރާތަކަށް އަންގާފައިވާ އެންގުމަކީ، ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާ އާއި ސިވިލް ސާވިސް ގަވާއިދުގެ 163 ވަނަ މާއްދާ އާއި ސިވިލް ސާވިސްއާއެކު މުވައްޒަފުން ވެފައިވާ އެއްބަސްވުމާއި އަދި ގާނޫނުއަސާސީގެ 37 ވަނަ މާއްދާއާ ހިލާފަށް އަންގާފައިވާ އެންގުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ އެންގުމަކީ ބާތިލް އެންގުމެއްކަމުގައި ކަނޑައަޅައި، އެ އެންގުމާ ގުޅިގެން މައްސަލަ ހުށަހަޅާ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާއިން އެއްވެސް މިންވަރެއް އުނިކޮށްފައިވާނަމަ އެ ފައިސާ އެކީ އެއްފަހަރާ މައްސަލަ ހުށަހަޅާ ފަރާތްތަކަށް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގައި އަމުރު ކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.

comment ކޮމެންޓް