އެއިމްސްގައި ކޮވިޑަށް ޓެސްޓުކުރުމަށް ހުއްދަ ދެވެން ނެތްކަމަށް ބުނެފި

އެއިމްސް ޑައިގްނޯސްޓިކް ކެއާ -- ފޮޓޯ/ މުހައްމަދު ޒާހީ ހުސައިން

ހޭޕީމާކެޓުން ސ. ފޭދޫގައި ހިންގަމުން އަންނަ "އެއިމް ޑައިގްނޯސްޓިކް ކެއާ ކްލިނިކް"ގައި ކޮވިޑް19 އަށް ޓެސްޓުކުރަން ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އަނގަބަހުން ޖަވާބުދީފައި ވާތީ، އެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލައިފިއެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައި، އެކަމުގެ ހުއްދައަށް އެދިފައިވާތާ މިހާރު ހަފްތާއެއް ވެއްޖެއެވެ.

ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާން "ސަން" އަށް ވިދާޅުވީ އެއިމްސް ކްލިނިކުން އެދިފައިވާ ހުއްދަ ދެވެން ނެތްކަން، ރަސްމީ ސިފައެއްގައި ހެލްތު މިނިސްޓްރީން އަންގާފައި ނުވި ނަމަވެސް، އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅި ސްޓާފަކަށް، އެ ސެންޓަރުގައި ކޮވިޑަށް ޓެސްޓުކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީއާ ހުރިހާ މުއާމަލާތެއް ވެސް ކުރަމުން އަންނަނީ އީމެއިލް މެދުވެރިކޮށް ކަމަށާއި، ހުއްދައަށް އެދުނު ފަހުން ހަފްތާއެއް ވެގެން ދިޔަ އިރުވެސް، ހެލްތު މިނިސްޓްރީން އެއްވެސް އީމެއިލް އަކަށް ޖަވާބު ދީފައިނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އަދި ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓްރީން އެންގި އިރު، އެއްވެސް ކަހަލަ އިންސްޕެކްޝަނެއް ކުރަން ނުވަތަ މައުލޫމާތެއް ސާފުކުރަން ވެސް މިނިސްޓްރީން މަސައްކަތް ކޮށްފައި ނުވާކަމަށެވެ.

އިހުސާން ވިދާޅުވީ ހެލްތު މިނިސްޓްރީން އަނގަބަހުން އެގޮތަށް އެންގުމާ އެކު، މިހާރު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. މަސައްކަތް ހުއްޓާލިއިރު، ކޮވިޑް19 އަށް ޓެސްޓުކުރަން ބޭނުންވާ މެޝިނާއި، ކިޓުތަކާއި އެހެނިހެން ހުރިހާ ސާމާނެއް ވެސް ހަމަކޮށްފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދިޔައީ ސަޕްލަޔަރަކާ ގުޅިގެން ކަމަށާއި، އެމީހުންނާ މިހާރު ވާހަކަ ދައްކަމުން އަންނަ އިރު މިކަމުގައި ފައިސާގެ ގެއްލުމެއް ނުވާނެ ކަމަށެވެ.

އިހުސާން މީގެކުރިން ވިދާޅުވެފައި ވަނީ އައްޑޫގައި ކޮވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމީ، އެއީ އައްޑޫ ކަހަލަ ބޮޑު އާބާދީއަކަށް ބޭނުންވާ މުހިންމު ހިދުމަތަކަށް ވުމުގެ އިތުރުން ސަރުކާރަށް ވެސް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

އެ ކުލިނިކަށް ގެނައީ ބޮޑަށް އެންޓި-ބޮޑީ ޓެސްޓުތަކަށް ހާއްސަކޮށްފައިވާ މެޝިނެކެވެ. އަދި މެޝިން އޮޕަރޭޓްކުރާ ވަގުތުގައި ގަޑިޔަކު ގާތްގަނޑަކަށް 36 ޓެސްޓު ހެދޭނެކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އައްޑޫގައި ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެ ކުލިނިކުން ތައްޔާރަށް އޮތް ކަމަށް ކުރިން ވަނީ ހާމަކުރައްވައިފައެވެ.

އައްޑޫ ސިޓީގެ ބޮޑު އާބާދީއެއް އޮތް ނަމަވެސް، އެ ސިޓީއިން ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ބުނެ މަޖިލިސް މެންބަރުންނާއި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ކޮވިޑް-19ގެ ބަލި މީހަކު އައްޑޫ ސިޓީއިން މިހާތަނަށް ފެނިފައެއް ނުވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ މި މަހުގެ ތެރޭގައި އައްޑޫގައި ޓެސްޓް ހެދޭނެ އިންތިޒާމް ސަރުކާރުގެ ފަރާތުން ވެސް ހަމަޖައްސާނެ ކަމަށެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ކޮވިޑް-19 އަށް ފަރުވާދޭ ރީޖަނަލް މަރުކަޒެއްގެ ގޮތުގައި އަންނަނީ ތަރައްގީ ވެސް ކުރަމުންނެވެ.

comment ކޮމެންޓް