ހިޔާ ފްލެޓު ލިބޭ ލިސްޓު ޖުލައިގެ ނިޔަލަށް ފައިނަލް ކުރަނީ

ހައުސިން މިނިސްޓަރު އާތިފާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ" ގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި ޖުލައި މަސް ނިމޭއިރު ފްލެޓު ލިސްޓު ފައިނަލް ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާތިފާ މިއަދު ވިދާޅުވީ ފްލެޓުތައް ހަވާލު ކުރުން ލަސްވެފައި ވަނީ ހާލަތު ބެލުމުގެ ކަންތައްތަކުގައި ލަސްތަކެއް އުޅުމުން ކަމަށެވެ.

މިހާރު ކުރިއަށްދަނީ ލިސްޓު ކްރޮސްޗެކް ކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓު ހޯދުމަށް 22،000 މީހަކު ހުށަހަޅާފައިވާއިރު ކުރީ ސަރުކާރު ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓު ދިނުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް ހިޔާ ފްލެޓުތައް ދީފައިވާގޮތް ބެލުމަށް ވަނީ ކޮމެޓީ އެއް އެކުލަވާލައިފަ އެވެ. ފްލެޓު ކޮމެޓީ ގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދީފައިވަނީ އެންމެ ފަހަރަކު އެވެ.

އޭގެ ފަހުން މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އޭގެ ހައްގުވެރިންނާ މިއަހަރު ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ފްލެޓު ދޭނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށްވެސް ރައީސް ވަނީ ފަހުން ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ފްލެޓުތަކާ ގުޅޭ ފައިނޭންޝަލް ގެރެންޓީސްތަކުގެ މަސައްކަތްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު ހުޅުވިގެން ހިނގައިގަންނަން ފެށުމާއެކު މިހާރު އެޕްރޫވް ވެފައިހުރި ހުރިހާ މީހުންގެ ގެރެންޓީ ޑޮކިޔުމެންޓުތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ސަރުކާރު ބަންދު ވުމުގެ ސަބަބުން ގެރެންޓީ ހަމަޖެއްސުމުގައި ލަސްތައް ދިމާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރު ބަންދުވިއިރު، ދެ ހަފްތާ ތެރޭ ލިސްޓު ނިމޭނެ ކަމަށް ފްލެޓު ކޮމެޓީ އިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން ދެން އަޅުގަނޑުމެންނަށް ދޭންވީނުންތޯއޭ ކްލެރިފައި ކުރެވިފައި ހުރި އެއްޗެއް. އެ ހަފްތާ ތެރޭ އަޅުގަނޑުމެންނަށް ފޮނުވައިދިން ހުރިހާ އެޕްލިކޭޝަންތަކުގެ ނަންތައް. އެބައުޓް 25،000 ކަންނެނގެ އައީ. އެ ހަފްތާގެ ތެރޭގައި އޮފީހުގެ ތެރެއިން، ޑޭޓާ ބޭސްގެ ލިސްޓް ކްރޮސްޗެކް ކޮށް، ހުޅުވޭދުވަހު ފޮނުވުމަށް މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ދެތިން ރަށެއް ފިޔަވައި އެހެން ރަށްރަށުގެ މައުލޫމާތު މިނިސްޓްރީގައި ހުންނާނެ ކަމަށް މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.

"ގޭގޭގެ ހާލަތު ބެލުމުގެ ތެރޭގައި އޭތި ލަސްވެފައިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި، ހިޔާ މަޝްރޫއުގެ ފްލެޓު ދޫކުރަން ފެށޭނެ މުއްދަތތަކީ ކޮބައިތޯ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ސުވާލު ކުރެއްވުމުން މިނިސްޓަރު ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ޖުލައި މަސް ނިމޭއިރު ހަވާލުކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އެކްސްޕެކްޓު ކުރަން ހުޅުވިގެން މަސައްކަތް ފަށައިގަނެ ވިއްޖެެ ކަމަށް ވަންޏާ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވެނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް