ސްޕެއިންގައި ކޮވިޑަށް ފަރުވާ ދޭ މީހުން ގޮވައިގެން ގޮނޑުދޮށަށް ގެންދަނީ

ސްޕެއިންގެ ބާސެލޯނާގައި ކޮވިޑް-19 އަށް ފަރުވާ ދޭ މީހުން ގޮވައިގެން މެޑިކަލް ޓީމު އަތިރީގައި --- ފޮޓޯ : ސީއެންއެން

ސްޕެއިންގައި ކޮވިޑް-19 ޖެހި އެ ބައްޔަށް ފަރުވާ ދޭ މީހުންނަށް މޫދު ދައްކާލައި މާހައުލު ބަދަލުކުރުމުގެ ގޮތުން އެފަރާތްތައް ގޮވައިގެން ގޮނޑުދޮށަށް ހިނގައްޖެ އެވެ.

ސްޕެއިން، ބާސެލޯނާގެ ހޮސްޕިޓަލް ޑެލް މާރުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދާ މީހުން ގޮވައިގެން އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ވަނީ ގޮނޑުދޮށަށް ގޮސްފަ އެވެ.

ދާދިފަހުން އެނދުމަތިކޮށްފައި ތިބި ބައެއް ބާސެލޯނާގެ ގޮނޑުދޮށަށް ގެންގޮސްފައި ތިބި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހޭ މިންވަރު ކޮންޓްރޯލް ކުރެވެން ފެށުމާއެކު ޑޮކްޓަރުންގެ ހަށްޓަށް ލުޔެއް ލިބި ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވި ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސްޕެއިންގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެކަމުގެ ނަތީޖާ މިހާރު ފެންނަ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ސިއްހަތާ ބެހޭ އިދާރާއިން ބުނާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސްޕެއިން އިން ކޮވިޑް-19 އަށް ޕޮޒިޓިވް އެއްވެސް ކޭސް އެއް ފެނިފައެއް ނުވެއެވެ. އެއާއެކު ގައުމުގައި އިއުލާނުކޮށްފައިވާ ފުރަބަންދު ލުއިކުރުމަށް ގިނަ މަސައްކަތްތައް އެބަކުރެއެވެ.

ސްޕެއިން އިން ކޮވިޑް-19 އަށް ޕޮޒިޓިވް 239،932 ކޭސް ފެނިފައިވާއިރު އެ ވައިރަސް ޖެހިގެން 27،127 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް