އައްޑޫގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު ހަޔަކަށް، އޭގެ ފަހުން ޑެލިވަރީ ވެސް ނުކުރެވޭ

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ކަމަށް އެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ 22 އޭޕްރީލްގައި އިކޮނޮމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނު ނަންބަރު(IUL)101-BR/1/2020/84 އާއި އެޗްޕީއޭގެ އެންގުން އަދި ލާމަރުކަޒީ ގާނޫނުގެ 39 ވަނަ މާއްދާގެ (ޗ)ގެ ދަށުން އައްޑޫގައި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އަލުން ކަނޑައަޅަން ނިންމީ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން މާލެ ސިޓީ ފިޔަވައި، މީހުން ދިރިއުޅޭ ރަށްތަކުގައި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރަންދާ ފަރާތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ކަނޑައަޅާނީ، އެއިރެއްގެ ޙާލަތަށް ރިޢާޔަތްކޮށް، ސިޓީއެއްގައި ނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ އަވަށްތަކުގެ ސޯޝަލް ސަޕޯޓު ޑެސްކުތަކުން ހުއްދަ ދޫކޮށްފައިވާ ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެމުން ދެންދެވޭނީ ހެނދުނު ހަޔަކުން ހަވީރު ހަޔަކާ ދެމެދު ކަމަށައި މި ވަގުތުތައް ފިޔަވައި ފިހާރަ ހުޅުވައިގެން ހިދުމަތް ދިނުމާއި ޑެލިވަރީގެ ހިދުމަތް ދިނުން ވެސް މަނާ ވާނެ ކަމަށެވެ.

މީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދެމުން ގެންދަންވާނީ ކޮންމެ ދުވަހެއްގެ ހެނދުނު ހަޔަކުން ރޭގަނޑު 10 އަށް ކަމަށާއި އެނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓުތަކުން ހިދުމަތް ދިނުމާއި ޑެލިވަރީގެ ހިދުމަތް ދިނުން ވެސް މަނާވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ނަމަވެސް އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ވިޔަފާރިތަކަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ބުނީ ފިހާރަތަކާއި ރެސްޓޯރެންޓުތަކުން ހިދުމަތްދޭ އިރު އަމަލު ކުރަން ޖެހޭ ގައިޑްލައިންތަކަށް އަމަކު ކުރުމަށް އެދޭ ކަމަށެވެ.

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑި އިތުރުކޮށް 12 މެއި ގައި ކުރި އިއުލާނުގައި ވަނީ ހަވީރު ހަޔެއް ޖަހަންދެން ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވުނު ނަމަވެސް އެހެން ވަގުތުތަކުގައި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

އެ ސިޓީގައި ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު އަދި މިހާތަނަށް އައްޑޫ އިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

comment ކޮމެންޓް