ބައްޕަ ނިޔާވެގެން ދިޔައީ، ޓެސްޓު ނަހަދާ ފަސް ކުރަނިކޮށް!

ކެންސަރު ޖެހިގެން އައިޖީއެމްއެޗްއަށް ގެންގޮސްފައި ހުއްޓައި ފަރުވާ ނުދެވި ނިޔާވި، ޏ. ފުވައްމުލައް، ދިގުވާޑު، ސިންދު، އަލީ މުހައްމަދު، 62 --

ބަނޑޮސް އައިލެންޑް ރިސޯޓުގެ ސެކިއުރިޓީ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި، ޏ. ފުވައްމުލައް، ދިގުވާޑު، ސިންދު، އަލީ މުހައްމަދު، 62، ލޯންޗެއް ހިފައިގެން އޭޕްރިލް 21ގައި އޭނާގެ އަމިއްލަ ރަށަށް ފުރީ ކޮރޯނާވައިރަހާ ގުޅިގެން ރިސޯޓު ހުއްޓުމަކަށް އައުމުންނެވެ. އޭރު އަލީ އުޅުނީ އަޑު ސަކަރާތްވެގެން އެކަމާ އުނދަގޫވާތީ އެވެ. ރަަށަށް ދިޔަފަހުން ވެސް އެކަން ރަނގަޅު ނުވުމުން ފާމަސީއަކުން ބޭސް ނަގައިގެން އެކަން ފަސޭހަވޭތޯވެސް ބެލި އެވެ. އެކަމަކު، އޭރު އެއީ މާ ބޮޑު ކަމެއް ކަމަށް އޭނާއާއި އާއިލާގެ މީހުންގެ ހިތަކަށް ނާރަ އެވެ.

ފަހުންފަހުން އައިސް، އަލީއަށް ކެއުމަށާއި ކާބޯތެކެތި ދިރުވަންވެސް އުނދަގޫވާން ފެށި އެވެ. އަދި ދެ ލޮލުގެ ކުލަ ރީނދޫވާން ފެށި އެވެ. މިކަމާ ހާސްވެގެން ފުވައްމުލަކު ހޮސްޕިޓަލަށް އޭނާ ގެންގޮސް ހެދި ސްކޭންތަކުން ދެއްކީ އޭނާގެ ކަރުގައި ކެންސަރު ހުރި ކަމެވެ. އެ ހޮސްޕިޓަލުން ބުނީ އެއީ ތައިރޮއިޑުގެ ކެންސަރު ކަމަށެވެ. އަދި އެ ކެންސަރު ހުރީ ވަރަށް ނުރައްކާ ހިސާބަކަށް ގޮސްފައި ކަމަށެވެ. އެހެންވެ، މެއި 24 ވަނަ ދުވަހު އާސަންދައިގެ އެހީގައި ފްލައިޓެއްގައި އަލީ ފޮނުވާލީ ފުރަބަންދުކޮށްފައި އޮތް މާލެއަށެވެ. އައިޖީއެމްއެޗް ހޮސްޕިޓަަލަށް ދައްކައި ފަރުވާ ހޯދާށެވެ.

އެންމެ މުހިންމު ޓެސްޓު ތިން ފަހަރެއްގެ މަތިން ފަހަށް ޖައްސާލި

އަލީގެ ދަރިފުޅު، ތަހްސީން އަލީ ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ މާލެ ގެނެސް މެއި 25ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ އެވެ. އެތަނުގައި ބާއްވައިގެން ފުރަތަމަ ކަމަކަށް އޭނާގެ ބައްޕަގެ ކޮވިޑް ޓެސްޓު ހެދި އެވެ. އެ ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމުން ސީޓީ ސްކޭންއާއި، އީސީޖީ އާއި ލޭގެ ޓެސްޓުތަކެއް ހެދި އެވެ.

ތަހްސީން ބުނީ ސީޓީ ސްކޭންއިން ދެއްކީ ބައްޕަގެ ކެންސަރު ވަރަށް ބޮޑަށް ފެތުރިފައި ހުރި ކަމަށެވެ. ނަމަވެސް، ޖެހިފައިވާ ކެންސަރަކީ ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް އައިޖީއެމްއެޗްއަށް ޔަގީން ނުވާ ކަމަށް ތަހްސީން ކިޔައިދިނެވެ.

"ސީޓީ ސްކޭންއިން ފެންނަ ގޮތުގައި ކެންސަރު ހުރީ ވަރަށް ބޮޑަށް ޕްރޮޕޮގޭޓްވެފައި [ފެތުރިފައި]. ވަރަށް އެޑްވާންސް ސްޓޭޖެއްގައި ހުރީ،" ތަހްސީން ކިޔައިދިނެވެ.

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައްޕަ އައިޖީއެމްއެޗްއަށް ގެނައި ދުވަހުގެ މެންދުރު އައިޖީއެމްއެޗްގެ އޮންކޯ ސާޖަރީ ޑިޕާޓްމެންޓުގެ ހެޑް ޑރ. މުހައްމަދު ޝިފާން ވަޑައިގެން ބައްދަލުކުރެއްވި ކަމަށް ތަހްސީން ބުންޏެވެ. އަދި ބުނީ ބައްޕަގެ "ފައިން ނީޑަލް އެސްޕިރޭޝަން ސައިޓޮލޮޖީ" (އެފްއެންއޭސީ) ބަޔޮޕްސީ ޓެސްޓު ހަދަން ޖެހޭ ކަމަށް ޑރ. ޝިފާން ވިދާޅުވި ކަމަށެވެ. އަދި ޖެހިފައި ވަނީ ކޮން ކަހަލަ ކެންސަރެއް ކަމެއް ޔަގީންކޮށް، ފަރުވާ ދެވެން ފެށޭނީ އެ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

"25ގެ މެންދުރު ޑރ. ޝިފާން އައީ ބަލާލަން. އައިސްފައި ޑރ. ޝިފާން ބުނީ ބަޔޮޕްސީ އެކޯ ހަދަން ޖެހޭނީ. ބަޔޮޕްސީއެއް ހެދީމައޭ އެނގޭނީ ކޮން ކަހަލަ ކެންސަރެއްތޯ ކިހިނެއްތޯ ޓްރީޓު ކުރާނީ،" ތަހްސީން ކިޔައިދިނެވެ. "ބަޔޮޕްސީއަށް އެ މީހުން ސަޖެސްޓު ކުރި އެއްޗަކީ އެފްއެންއޭސީ ޓެސްޓު. އޭގެން ކަރުގައި ހުރި ކެންސަރު ޓިއުމާގެ ސެލްތައް ނަގާފައި މި ބަލަނީ ކޮން ކަހަލަ އެއްޗެއްތޯ،" ތަހުސީން ބުންޏެވެ.

އެފްއެންއޭސީ ބަޔޮޕްސީ ފުވައްމުލަކުންވެސް އައްޑޫއިންވެސް ނުހެދެ އެވެ. އެ ޓެސްޓް ހެދެނީ ހަމައެކަނި މާލެއިންނެވެ.

ޖެހިގެން އައި ދުވަހު ސާޖިކަލް ވޯޑަށް ބައްޕަ ބަދަލު ކުރި ކަމަށް ތަހްސީން ކިޔައިދިނެވެ. އެ ދުވަހު އެހެން ދެ ޑޮކްޓަރަކު އައިސް، 27 ވަނަ ދުވަހު އެފްއެންއޭސީ ޓެސްޓު ހަދަން ތާވަލުކޮށްފައިވާކަމުގެ މައުލޫމާތު ދިން ކަމަށް ތަހްސީން ކިޔައިދިނެވެ.

ކެންސަރު ވަރަށް ބޮޑަށް ފެތުރިފައި ހުރިކަން އެނގޭތީ އަވަހަށް ޓެސްޓު ހަދައި ފަރުވާ ދޭން ފަށަން އާއިލާއިން ތިބީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އެހެންނަމަވެސް، 27 ވަނަ ދުވަސް އައި އިރު، ޓެސްޓު ހަދަން ބޭނުންވާ ފަންނީ މުވައްޒަފަކު ނެތިގެން ޓެސްޓު ހެދުން 28 ވަނަ ދުވަހަށް ލަސް ކުރީ އެވެ. އެހެންވެ، އެ ދުވަހު ގެއަށް ދިޔުމުގެ ކުރިން 28ގައި ޓެސްޓު ހެދޭނެކަމުގެ ޔަގީންކަން ޑޮކްޓަރުންނާއި، ނަރުހުންގެ ގާތުންވެސް ހޯދި ކަމަށް ތަހްސީން ބުންޏެވެ.

"28ގައި ޓެސްޓު ހެދޭނެތޯ ޔަގީންކުރަން ޑޮކްޓަރުން ކައިރީ އެހިން. އެ މީހުން ބުނީ 28ގައި ހެދޭނެއޭ. އެ ދުވަހު ގެއަށް ދަމުން ނަރުހުން ކައިރީވެސް އެހިން ކައުންޓަރުގައި ތިބި. އެ މީހުން ބުނީ ފައިލްގައިވެސް ޖަހާފައި އެބަ އިނޯ 28ގައި ޓެސްޓު ހަދަން. ޕްރޮސީޑް ވާނެއޭ [ކުރިއަށް ދާނެއޭ] 28ގައި،" ތަހްސީން ކިޔައިދިނެވެ.

ކެންސަރު ޖެހިގެން އައިޖީއެމްއެޗްއަށް ގެންގޮސްފައި ހުއްޓައި ފަރުވާ ނުދެވި ނިޔާވި، ޏ. ފުވައްމުލައް، ދިގުވާޑު، ސިންދު، އަލީ މުހައްމަދު، 62 --

އެހާ ބޮޑަށް ޔަގީންކަން ދިން ނަމަވެސް، 28 ވަނަ ދުވަހު އަނެއްކާވެސް ޓެސްޓު ހެދުން ލަސް ކުރި ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ދިން ކަމަށް ތަހްސީން ކިޔައިދިނެވެ. މި ފަހަރު ފަސް ކުރީ 31 ވަނަ ދުވަހަށެވެ.

"[ފަސް ކުރީ] ކީއްވެގެންތޯ ބަލާލަންވެގެން މަންމަ ނަރުހުން ކައިރީގައި އެހީ. އެހީމަ ބުނީ [ޑޮކްޓަރުގެ] ލަފާގެ މަތިންނޯ ބަދަލުކޮށްފައި އެހެރީ. އެ މީހުން އޭނައަށް ގުޅި. [ޑޮކްޓަރު] ބުނީ އިޓް ވޮޒަންޓް ދެޓް އާޖަންޓްއޭ [އަވަހަށް ޓެސްޓު ހެދުން އެހާ މުހިންމެއް ނޫނޭ]. ސަންޑޭގައިވެސް [31ގައި] ޓެސްޓު ހެދޭނެއޭ،" ތަހްސީން ކިޔައިދިނެވެ.

އޭރު އަލީގެ ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އޭނާއަށް ނޭވާލާން އުނދަގޫވާން ފެށި އެވެ. މީހާ މާ ބޮޑަށް ވަރު ދެރަވާން ފެށި އެވެ. އެ ވާހަކަ ޑޮކްޓަރާ ހިއްސާ ކުރުމުން، ކެންސަރު ވަރަށް ނުރައްކާ ހިސާބެއްގައި ހުރުމުން އެފަދަ އަލާމާތްތައް ފެންނާނެ ކަމަށް ވިދާޅުވި ކަމަށް ތަހްސީން ކިޔައިދިނެވެ.

ތިން ވަނަ ފަހަރަށް ޓެސްޓު ފަސް ކުރި ދުވަހު ހަވީރު، ފާހާނާއަށް ދަނިކޮށް، ކުއްލިއަކަށް ފިޓު ޖެހުން ކަހަލަ ގޮތެއްވެ، އަލީ ތަހްސީންގެ އަތް މައްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތަށް އެޗްޑީޔޫއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އަލީ ނިޔާވީ އެވެ.

"އެ ދުވަހު ހަވީރު 5:45 ހާއިރު ބައްޕަ ކޮލެޕްސްވީ [ވެއްޓުނީ]. ހިނގަހިނގައި ހުއްޓާ. ފާހާނާއަށް ދަނިކޮށް. ވެއްޓުނު ގޮތަށް އެޗްޑީޔޫއަށް ގެންދިޔައީ. އެޗްޑީޔޫ ތެރޭ ފަރުވާ ދީދީ ތިއްބާ، ހީ ޕާސްޑް އަވޭ [ނިޔާވީ] އެރައުންޑް 7:58ގައި،" ތަހްސީން ކިޔައިދިނެވެ.

އިހުމާލުގެ ތުހުމަތު އައިޖީއެމްއެޗްއަށް

އެފްއެންއޭސީ ބައޮޕްސީ ޓެސްޓު ނަހަދާ ހޮސްޕިޓަލުން އެކަން ފަސް ކުރުމުން، ފަރުވާ ދޭން ނުފެށި، ބައްޕަ ނިޔާވެގެން ދިޔުމަކީ ތަހްސީން ބުނާ ގޮތުގައި ބޮޑު އިހުމާލެކެވެ. އަދި އޭނާ ދެކެނީ އެކަމުގައި އައިޖީއެމްއެޗް ޒިންމާދާރު ކުރެެވެން ޖެހޭނެ ކަމަށެވެ.

އަލީ މަރުވުމުގައި އައިޖީއެމްއެޗް އިހުމާލުވާ ކަމަށް ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި އާންމުވާން ފެށުމުން އައިޖީއެމްއެޗްއިން އެކަމާ ގުޅިގެން ބަޔާނެއް ނެރުނެވެ. އަލީގެ ޓެސްޓު ހަދަން އެންމެ ފަހުން ތާވަލު ކުރި ތާރީހުގައި ނެރުނު އެ ބަޔާނުގައި އާއިލާއަށް ތައުޒިޔާ ކިޔަމުން އެ ހޮސްޕިޓަލުން ބުނީ އަލީގެ މަރާ ގުޅިގެން ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އައިޖީއެމްއެޗްއިން ބުނީ އަލީ ނިޔާވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަ ދުވަަސް ފަހުން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އޭނާ މަރުވީ "އެނދުމަތިކުރިތާ ދެ ދުވަސް ފަހުން" ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން، އައިޖީއެމްއެޗްއިން ބުނީ އަލީ އެންމެ ފުރަތަމަ އެ ހޮސްޕިޓަލަށް ދައްކާފައި ވަނީ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

ނަމަވެސް، މި ވާހަކަ ތަހްސީން ހެއްކާ އެކު ދޮގު ކުރެއެވެ. އޭނާ "ސަން"އާ ހިއްސާ ކުރި އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން މެމޯއިންނާއި އިމަޖެންސީ ރޫމްގެ ހިދުމަތާ ގުޅޭ ލިޔުމުގައިވެސް ވާގޮތުން 25 ވަނަ ދުވަހު އަލީ އައިޖީއެމްއެޗްއަށް ދައްކާފައިވެ އެވެ.

އައިޖީއެމްއެޗްއިން އަލީ މުހައްމަދަށް ދިން ކޮންސަލްޓޭޝަން މެމޯ: އޭނާ ހޮސްޕިޓަލަށް ދެއްކީ މެއި 25ގައިކަން މި ލިޔުމުން އެނގޭ --

އައިޖީއެމްއެޗްގެ ބަޔާނުގައި ޓެސްޓު ހެދުން ފަސް ކުރުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނެތެވެ. އަދި އެ ހޮސްޕިޓަލް އިހުމާލުވާ ކަމަށް ކުރާ ތުހުމަތުތަކަށްވެސް ޖަވާބެއް ދީފައި ނުވެ އެވެ. ނަަމަވެސް، އިސްލާހު ކުރަން ޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ބަލައި ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެފައިވެ އެވެ.

ބޭނުންވަނީ ޒިންމާދާރު ކުރުވަން

މެޑިކަލް ނެގްޖިލެންސް ގާނޫނެއް ނެތް ނަމަވެސް، މިހާރުވެސް އިހުމާލުގެ ދައުވާ ސިވިލް ކޯޓުގައި ކުރެވޭނެ ކަމަށް ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. އެފަދަ މައްސަލަތަކުގައި "ޑިއުޓީ އޮފް ކެއާ"އެއް ނުވަތަ އަޅާލުމުގެ ޒިންމާއެއް އޮވެ، އެ ޒިންމާ އަދާ ނުކުރުމުން، އެކަމުގެ ސަބަބުން ދައުވާ ކުރާ ފަރާތަށް ގެއްލުންވިކަން ސާބިތު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކަމެއް ނުކުރީ އެކަށީގެންވާ ސަބަބެއް ނެތިކަން ސާބިތު ކުރަން ވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، 2007 ވަނަ އަހަރު ގދ. ތިނަދޫގެ ކުޑަކުއްޖަކަށް އެ ރަށު ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސުޕްރީމް ކޯޓުގައި ސާބިތުވެފައިވާކަން ވަކީލަކު ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ ޖުލައި 25ގައި ނިންމި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅި ގައިޑްލައިންތަކަށް ބަލައިގެންވެސް އިހުމާލުގެ ދައުވާ ކުރެވިދާނެ ކަަމަށް ވަކީލު ވިދާޅުވި އެވެ.

ބައްޕަ ނިޔާވުމުގައި އިހުމާލު ހިމެނޭ ކަމަށް ދެކޭތީ ގާނޫނީ ފިޔަވަޅު އަޅަން ތަހްސީންވެސް ބޭނުންވެ އެވެ. އެހެންވެ، ވަކީލުންތަކަކާ ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އެކަމުގައި އަދި ވަކި ގޮތެއް ނުނިމޭ ކަމަށް އޭނާ ބުންޏެވެ.

ސިވިލް ކޯޓަށް ގޮސްގެން ބަދަލުގައި ފައިސާކޮޅެއް ލިބުމަކުން ތަހްސީނަކަށް ނުފުދެއެވެ. އެއީ ބައްޕަ ގެއްލުމުގެ ހިތާމަ ފޫބައްދާލެވޭނެ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ އިތުރު ފުރާނަތައް ގެއްލިގެން ނުދަނީސް އިހުމާލުވާ މީހުން ޒިންމާދާރު ކުރެވޭނެ ގޮތްތަކެކެވެ. އެކަމަކު، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާފައި އޭނާ އެކަމުގައި މާ ބޮޑު އުންމީދެއް ނުކުރެ އެވެ.

"[ސާބިތު ވިޔަސް] ޓްރާންސެކްޝަނެއް ދޯ ހިނގާނީ. ސެޓަލްމެންޓެއް ކަހަލަ. ހިޔެއް ނުވޭ އެކައުންޓަބިލިޓީ ޕާސްޕެކްޓިވްއިން ވޯކްއައުޓް [ޒިންމާދާރު ކުރުމުގެ ނަޒަރަކުން ބަލާނަމަ މަސައްކަތް] ކުރާނެހެނެއް،" ތަހްސީން ބުންޏެވެ.

ސިއްހީ ދާއިރާގައިވާ އިހުމާލުތަކާ ގުޅޭ ގާނޫނެއް ނުވަތަ "މެޑިކަލް ނެގްލިޖެންސް" ބިލެއް ތައްޔާރު ކުރުމަކީ އެޓާނީ ޖެނެރަލްގެ އޮފީހުން މި ރިޔާސީ ދައުރަށް އެކުލަވާލާފައިވާ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެކެވެ. މިއީ ސިއްހީ ދާއިރާގައި އިހުމާލުވުމުުގެ މައްސަލަތައް މަދުކޮށް، އެފަދަ ކަންކަން ކުރާ މީހުން ޒިންމާދާރު ކުރަން ފަސޭހަވެގެންދާނެ ކަމެކެވެ. އަދި ދާއިމީ ހައްލެއްވެސްމެ އެވެ. ނަމަވެސް، އެ ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރެއް އޭޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް