އިޓަލީ ޓޫރިސްޓުން ރާއްޖެއަށް ވަފާތެރިވާނެ، އުންމީދަކީ ފްލައިޓުތައް އަވަހަށް ފެށުން: ސަފީރު

އިޓަލީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރީޓާ ޖޫލިއާނާ މަންނޭލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް އެންމެ ވަފާތެރިވާނެ ފަތުރުވެރިންނަކީ އިޓަލީގެ ފަތުރުވެރިން ކަމަށާއި، އުންމީދަކީ މިހާރު މެދުކެނޑިފައި އޮތް ވައިގެ ސީދާ ދަތުރުތައް އަވަހަށް ފެށުން ކަމަށް އިޓަލީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރީޓާ ޖޫލިއާނާ މަންނޭލާ ވިދާޅުވެއްޖެ އެވެ.

މިއަދަކީ އިޓަލީގައި ފާހަގަކުރާ އެގައުމުގެ 74 ވަނަ ގައުމީ ދުވަހެވެ. އިޓަލީގައި ގައުމީ ދުވަސް ފާހަގަކުރަނީ 1946 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެ ގައުމުގެ ރައްޔިތުން އެއްބައިވަންތަކަމާއި ގައުމިއްޔަތު އިސްކޮށް، ގައުމު އާރާސްތުކުރުމަށް ކުރި މަސައްކަތްތަކުގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ.

އިޓަލީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖެ އާއި އެގައުމާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން، އިޓަލީއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރީޓާ ޖޫލިއާނާ މަންނޭލާ "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިޓަލީގެ މައިގަނޑު ގައުމީ ސިޔާސަތުތަކަކީ ޑިމޮކްރަސީއާއި ސުލްހަ ނަގަހައްޓައި، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ހާސިލުކުރުން ކަމަށެވެ.

ސަފީރު މަންނޭލާ ވިދާޅުވި ގޮތުގައި، އިޓަލީއިން ރާއްޖެއަށް އޮތް ލޯބި ގޮސް ގުޅެނީ 1970 ގެ ކުރީކޮޅާ އެވެ.

"އޭގެ ފަހުން އަޅުގަނޑުގެ ގައުމުގެ ރައްޔިތުން ރާއްޖެ ދެކެ ލޯބިވުން ހުއްޓައެއް ނުލާ. އެމީހުން ދެކެނީ ދުނިޔެމަތީގައި ސުވަރުގެއާ އެންމެ ގާތްކުރާ ތަނަކީ ރާއްޖެ ކަމަށް،" ސަފީރު ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިންނަކީ އިޓަލީ ބައެކެވެ.

އެ ފަތުރުވެރިންގެ ގްރޫޕު ރާއްޖެ ގެނައުމުގައި އުޅުނު އިޓަލީގެ ޓްރެވަލް އޭޖެންޓް ޖޯޖިއޯ ކޯބިންގެ މަސައްކަތާއި ތަޖުރިބާ ފާހަގަކުރައްވަމުން ސަފީރު މަންނޭލާ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އެންމެ ފުރަތަމަ ގަބޫލުކުރި ބަޔަކީ އިޓަލީ ރައްޔިތުން ކަމުން އެކަމާ މެދު ފަހުރުވެރިވާ ކަމަށެވެ.

އިޓަލީގެ ރައްޔިތުން ރާއްޖޭގައި ޓޫރިސްޓް ޕްރޮޕަޓީ ހިންގަމުން އަންނަ ކަމަށާއި އަދި އެގައުމުގެ އެތައް ހާސް ޓޫރިސްޓުންނެއް ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާކަން ސަފީރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ އެންމެ ވަފާތެރި އެކުވެރިން. އަދި ތިޔަ ރީތި ރަށްތަކުގެ އެންމެ ވަފާތެރި ކަސްޓަމަރުން. މިދިޔަ އަހަރު އިޓަލީއިން 136،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ދިޔަ. މިއީ ރާއްޖެއަށް ޔޫރަޕުންވެސް އެންމެ ބޮޑު މާކެޓު، އަދި މުޅި ދުނިޔެއިން ތިންވަނަ،" ސަފީރު ވިދާޅުވި އެވެ. "އިޓަލީގެ ޓޫރިސްޓުންނަކީވެސް ދުނިޔޭގެ އެއްވަނަ. އެ މީހުން ޒިޔާރަތްކުރާ ގައުމެއްގެ ސަގާފަތާއި އާދަކާދައަށް އެމީހުން ވަރަށް އިހުތިރާމްކުރާނެ. އަދި އެމީހުން ދެކޭ ގޮތުގައި ދަތުރުކުރުމަކީ ޗުއްޓީއެއްގެ ބަދަލުގައި ކުރެވޭ ތަޖުރިބާއެއް،"

ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާ އިރު، ރާއްޖޭގައި ތާށިވެފައި ތިބި އިޓަލީގެ 8،000 އަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ މަސްތަކުގެ ތެރޭގައި އިޓަލީއަށް ގެންގޮސްފައިވެ އެވެ.

ދަތުރުފަތުރުތައް ހުއްޓާލުމުގެ ކުރިން އިޓަލީގެ ގައުމީ އެއާލައިން އަލިޓާލިއާ އަދި ބަޖެޓް އެއާލައިން ނިއޯސްއިން ދިޔައީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. ސަފީރު ވިދާޅުވީ އުންމީދުކުރަނީ ރާއްޖެއާއި އިޓަލީންވެސް އަޅާފައިވާ ފިޔަވަޅުތައް ވީއްލޭހާ އަވަހަށް ސީދާ ދަތުރުތައް އަލުން ފެށުމަށް ކަމަށެވެ.

ސަފީރު ރީޓާ ޖޫލިއާނާ މަންނޭލާ އިތުރަށް ވިދާޅުވީ އިޓަލީގެ ސަރުކާރުން ރާއްޖޭގެ ރަށްތަކުގެ ރައްކާތެރިކަމަށް އެހީވެދޭން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށެވެ.

އެގޮތުން ރަށްރަށުގައި ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓުމަށާއި، މޫސުމާ ބެހޭ ގައުމީ އިދާރާގެ ވެދާ މޮނީޓަރިން އަދި ޑޭޓާ މެނޭޖްމަންޓް ކެޕޭސިޓީ އިތުރުކުރުމަށާއި އަދި އިޔާދަކުރުވަނިވި ހަކަތައާ ބެހޭ މަޝްރޫއުތައް ހިންގުމަށް ރާއްޖޭގައި ހަ މިލިއަން ޔޫރޯގެ މަޝްރޫއުތައް ހިންގިފައި ވާނެކަމަށް ވިދާޅުވި އެވެ.

ކައިރި މުސްތަގުބަލުގައި އިއާދަކުރަނިވި ހަކަތައާ ގުޅޭ 20 މިލިއަން ޔޫރޯގެ އަގުހުރި މަޝްރޫއެއް ރާއްޖޭގައި ފެށުމަށް އުންމީދުކުރާ ކަމަށްވެސް އިޓަލީ ސަފީރު ވިދާޅުވި އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ މެމްބަރެއްގެ ހައިސިއްޔަތުން ފަތުރުވެރިކަމާއި ސިއްހީ ދާއިރާއިން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ތިން މިލިއަން ޔޫރޯގެ ހިލޭ އެހީ ދިނުމަށް ފައިސާ އެކަށައަޅާފައިވާ ކަމުގެ ހަބަރުވެސް ސަފީރު ދެއްވި އެވެ.

"އަހަރެމެން ރާއްޖޭގެ ރަށްރަށާއި ކަނޑުތަކަށް ވަރަށް ލޯބިކުރަން. އެތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރަން ވެދެވެން އޮތް ހުރިހާ އެހީއެއް ފޯރުކޮށްދޭން ކުރަން ބޭނުންވޭ،" ސަފީރު ވިދާޅުވި އެވެ.

comment ކޮމެންޓް