މި އަހަރުގެ މިސްޓަރު މޯލްޑިވްސް ހޮވުން ކެންސަލް ކޮށްފި

ކުރީ އަހަރެއްގައި ބޭއްވި ބޭޑްލެބް މިސްޓަރ މޯލްޑިވްސް މުބާރާތުގެ ތެރެއިން--ފޮޓޯ/ ޗޮޕް އާޓް

މި އަހަރުގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕް (މިސްޓަރު މޯލްޑިވްސް) ދެން ނުބާއްވައި ކެންސަލްކޮށްފައިވާ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނެފި އެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މި އަހަރު ސެޕްޓެމްބަރު މަހު މާފުށީގައި ބާއްވަން ހަމަޖެހިފައި އޮތް އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް ވަނީ މިއަހަރު ނުބާއްވައި އަންނަ އަހަރަށް ފަސް ކުރުމަށް ނިންމައިފަ އެވެ. އަދި އެއާ އެކު ގައުމީ ބޮޑީބިލްޑިން މުބާރާތާއި ގައުމީ ބޮޑީބިލްޑިން ސްކޮޑު ނެގުން ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައިވާ ކަން ބީބީއެމުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިއުލާން ކޮށްފަ އެވެ.

ބީބީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އަޅާފައިވާ އެކިއެކި ފިޔަވަޅުތަކާއި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމާ ގުޅިގެން މުބާރާތްތަކުގެ ކަންކަން ކުރިއަށް ގެންދާނެތޯ ނޫންތޯ ބެލުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ ލަފާފުޅާއި އަދި އެ އެސޯސިއޭޝަންގެ އާންމު މެންބަރުންނާއި ކުރި މަޝްވަރާ އަށް ފަހު، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ގައުމީ ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ނުބޭއްވުމަށް ނިންމާފައިވާ ކަމަށް ބީބީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބީބީއެމްއިން ކުރިން މަސައްކަތްކުރީ މިދިޔަ އޭޕްރީލް މަހު ގައުމީ ސްކޮޑު ނެގުމަށާއި ޖުލައި 17 ވަނަ ދުވަހު ގައުމީ މުބާރާތް ބާއްވާށެވެ. އެކަމަކު ބީބީއޭއެމް އިން މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އަންނަ އަހަރުގެ މާޗް 21 ވަނަ ދުވަހު ގައުމީ ބޮޑީބިލްޑިން މުުބާރާތް ބޭއްވުމަށެވެ. އަދި ގައުމީ ސްކޮޑުން ނެގުން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް ދެ ވަނަ ދުވަހަށެވެ.

comment ކޮމެންޓް