ކޯލިޝަންގެ ތާއީދާއެކު ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ: އަލީ އާޒިމް

ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖޭޕީގެ ލީޑަރު ގާސިމް، ރައީސް ނަޝީދު އަދި އަލީ އާޒިމް: ކޯލިޝަންގެ ވޯޓާއެކު ގާނޫނު އަސާސީގެ އިސްލާހު ކުރެވޭނެ ކަމަށް އަލީ އާޒިމް ވިދާޅުވި --- ފައިލް

ސަރުކާރު ހިންގާ ކޯލިޝަންގެ ތާއީދާއެކު ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ކުރުމުގެ ބިލު ފާސްވާނެ ކަމަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕު (ޕީޖީ)ގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވަނީ އަންނަ ބުދަ ދުވަހަށެވެ. ކޮވިޑް19އާ ގުޅިގެން އިންތިހާބު ފަސް ކުރަން ޖެހުމާ ގުޅިގެން އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމެގެ ބިލަށް މިރޭ އޮންނަ މަޖިލީހުގެ ޖަލްސާގައި ވޯޓު ނަގާނެ އެވެ.

ގާނޫނު އަސަސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ 66 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ.

އެމްޑިޕީ ޕީޖީ ލީޑަރު އަލީ އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ، މި ސަރުކާރަކީ ކޯލިޝަންގެ ސަރުކާރެއް ކަމަށާއި އެހެން ކަމުން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ކޯލިޝަންގެ މެމްބަރުން ތާއިދުކުރައްވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބިލު ފާސްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ސަރުކާރުން ހުަށަހަޅާފައިވާ ބިލަކަށްވުމުން އަޅުގަނޑު ގަބޫލު ކުރަނީ ކޯލިޝަންނުން ތާއީދުކުރާނެ ކަމަށް... ކޯލިޝަން މެމްބަރުންވެސް ޖަލްސާއަށް ހާޒިރުވެ ވޯޓު ދޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެބޭފުޅުން މިއަށް ތާއީދު ކުރައްވާނެ ކަމަށް އަޅުގަނޑު ދެކެނީ،" މުޅި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލް ހުށަހެޅުއްވި މެމްބަރު އަލީ އާޒިމް ވިދާޅުވި އެވެ.

އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް އެމްޑީޕީގެ ހަ މެމްބަރުންނަށް ވަޑައިނުގެންނެވުނެވެ. އެއީ ފަސް މެމްބަރުން ދިރިއުޅުއްވާ ގެ އެޗްޕީއޭ އިން މޮނީޓަރުންގެ ހާލަތަށް ގެނެސްފައިވުމާއި އެއް މެމްބަރަކު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.

އާޒިމް ވިދާޅުވީ، އެ ފަސް މެމްބަރުން ދިރިއުޅުއްވަމުން ގެންދެވި ގޭގެ މޮނީޓަރިންގެ މުއްދަތު ހަމަވެގެން މޮނީޓަރިންގެ ހާލަތުން މިހާރު ނަގާފައިވާ ކަމަށާއި އެހެންކަމުން އެ މެމްބަރުންނަށްވެސް މިހާރު ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ. އެއާއެކު އެމްޑީޕީގެ 64 މެމްބަރުން ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުފޫޒެއް ފޯރުވައިގެންއެއް ނޫން. އެ މެމްބަރުންގެ ގެތަކުގެ ކަރަންޓިން މުއްދަތު ވަނީ ހަމަވެފައި މިހާރު. އެހެންކަމުން އެ މެމްބަރުންވެސް ޖަލްސާގައި ބައިވެރިވާނެ،" އަލީ އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮންނަ އެމްޑީޕީގައި ޖަލްސާއަށް ހާޒިރުވެވޭ ހުރިހާ މެމްބަރުން ޖަލްސާއަށް ވަޑައިގެން ބިލު ފާސްކުރުމަށް ވޯޓު ދެއްވި ނަމަވެސް މަޖިލިސް ރައީސްގެ ވޯޓާ ނުލާ އެމްޑީޕީއަށް ދެވެނީ 63 ވޯޓެވެ.

މަޖިލިސް ގަވައިދުގައި ބުނާ ގޮތުން މަޖިލިސް ރައީސްއަށް ވޯޓުގައި ބައިވެރިވެވޭނީ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގަ އެވެ. އެހެންކަމުން ބިލު ފާސްވުމަށް ގާނޫނުގައި ބުނާ އަދަދު ހަމަވުމަށް އަދި އިތުރަށް ތިން ވޯޓު ބޭނުން ވާނެ އެވެ.

އާޒިމް ފާހަގަ ކުރެއްވި ކޯލިޝަންގެ ބައިވެރިންގެ ގޮތުގައި މަޖިލީހުގައި މިވަގުތު އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ. ޖޭޕީގެ ފަސް މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އޭގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވީ ތިން މެމްބަރުންނެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ނުވަ މެމްބަރަކު މަޖިލީހުގައި ހިމެނޭ އިރު، އިދިކޮޅުން އޮތީ މިހާރު ބިލު ހުށަހަޅާފައި އޮތް ގޮތުން ބިލު ފާސް ކުރުމަށް ވޯޓު ނުދޭގޮތަށެވެ. އިދިކޮޅުން ބުނެފައިވަނީ ބިލު ތަޅުމަށް އައިސްފައިވަނީ މަޖިލިސް ގަވައިދާ ހިލާފަށެވެ. އެ ބޭފުޅުން ކޮމިޓީގެ ބަހުސް މަރުހަލާފައި ވަކާލަތު ކުރައްވަމުން ގެންދެވީ އަލުން އެހެން ބިލެއްގެ ގޮތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުމަށެވެ.

އެމްޑީއޭ ދެ މެމްބަރުންނާއި އަމިއްލަ ހަ މެމްބަރަކު މަޖިލީހުގައި ތިއްބަވަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންކަކީ ގާނޫނު އަސާސީއަށް މި ބަދަލު ގެނައުމަށް ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވި މެމްބަރުންނެވެ. އެހެންކަމުން އެ މެމްބަރުންގެ ވޯޓް ބިލު ފާސް ވުމަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

https://sun.mv/137702

މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފައިވަނީ، އާ އިންތިހާބެއް ބޭއްވެން ދެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގައި ދެމިތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީގެ 231 މާއްދާއަށް ދެ އަކުރެއް އިތުރު ކުރުމަށެވެ. ކޮމިޓީ ރިޕޯޓު ފާސްކޮށްފައިވަނީ މަޖިލީހުގެ 63 މެމްބަރުންގެ ވޯޓުންނެވެ.

އެ ރިޕޯޓަށް ވޯޓަށް އެހުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ މެންދަމު 1:30ގަ އެވެ.

comment ކޮމެންޓް