ގާނޫނު އަސާސީ އިސްލާހުކުރަން ވޯޓް ހަމަވާނެތަ؟

ރައްޔިތުންގެ މަޖިލިސް: ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިއަދު ވޯޓަށް އަހާނެ، ސުވާލަކީ ގާނޫނު އަދަދު ހަމަވާނެތޯ؟ --- ފައިލް ފޮޓޯ/ މަޖިލިސް

މީގެ ތިން އަހަރު ކުރިން ރައްޔިތުންގެ ވޯޓުން ކައުންސިލްތަކަށް އިންތިހާބު ކުރި ކައުންސިލަރުންގެ ދައުރު ގާނޫނު އަސާސީގައި ބުނާގޮތުން އަންނަ ބުދަ ދުވަހަށް ހަމަވެ އެވެ. ކޮވިޑް19ގެ ބަލިމަޑުކަމާއެކު ކައުންސިލް އިންތިހާބު ނުބޭއްވުމާ ގުޅިގެން މިހާރު އިންތިިހާބުވެފައި ތިބި ކައުންސިލަރުން މަގާމުގައިގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީ އިސްލާހު ކުރަން ވަނީ ޖެހިފަ އެވެ. އެހެން ނޫނީ ބުދަ ދުވަހުގެ ފަހުން މުޅި ލާމަރުކަޒީ ނިޒާމް އޮންނާނީ ހުއްޓިފަ އެވެ.

ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އެންމެ މަތީ ކޯޓު، ސްޕްރީމްކޯޓުން މަޖިލީހަށް އެރުވި އިސްތިޝާރީ ލަފައާއެކު އެޖިލީހުގައި ދެ މަސްދުވަހު ކުރި ދިގު ބަހުސްވެސް މިވަނީ ނިމިފަ އެވެ. އެމްޑީޕީ މެމްބަރުންގެ އެންމެ ބޮޑު ހިޔާލުތަފާތުވުމެއްގެ ގޮތުގައި އޮތް ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެ މެމްބަރުންވެސް މިހާރު އެ ތިބީ ހިޔާލުއެއްގޮތް ކޮށްގެންނެވެ. އެ ލަފައާއެކު އެންމެ ފަހުން މުޅިން މަޖިލިސް އެއްވެ ބެއްވި ކޮމިޓީގައި ނިންމާފައިވަނީ، ގާނޫނު އަސާސީ އިސްލާހުކޮށް، ކައުންސިލްތަކުގެ ދައުރު ދިގު ދެއްމުމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފައިވަނީ، އާ އިންތިހާބެއް ބޭއްވެން ދެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގައި ދެމިތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީގެ 231 މާއްދާއަށް ދެ އަކުރެއް އިތުރު ކުރުމަށެވެ. ކޮމިޓީ ރިޕޯޓު ނިންމާފައިވަނީ މަޖިލީހުގެ 63 މެމްބަރުންގެ ވޯޓުންނެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރާ ދެ އަކުރު:

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) : މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.
  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ ޅ. ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.

އެ ރިޕޯޓަށް ބަހުސްކޮށް، މިރޭ ބާއްވާ ޖަލްސާގައި ގާނޫނު އަސާސީ އިސްލާހުކުުރުމަށް ވޯޓު ނަގާނެ އެވެ. މިހާރު އުފެދޭ ސުވާލަކީ، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގާނޫނު އަސާސީގައި ބުނާ ގާނޫނީ އަދަދަށް ބޭނުންވާ މެމްބަރުންގެ ވޯޓު ހަމަވާނެ ހެއްޔެވެ؟

ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނާގޮތުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ކަމަށެވެ. އެއީ މިހާރު މަޖިލީހުގެ ޖުމްލަ މެންބަރުން ކަމަށްވާ، 87 މެމްބަރުންގެ ތެރެއިން 66 މެމްބަރުންގެ ވޯޓެވެ.

އެމްޑީޕީ އެކަނި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ!

ރައީސް އެމްޑީޕީ ޕީޖީ ލީޑަރުންނާ ބައްދަލު ކުރައްވަނީ: އެމްޑީޕީ މެމްބަރުންގެ އެކަނި ވޯޓަކުން ގާނޫނު އަސާސީ އިލާހު ނުކުރެވޭނެ --- ފައިލް ފޮޓޯ/ ރައީސް އޮފީސް

މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮންނަ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 65 މެމްބަރުންނެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނުލާ، ވޯޓްގައި ބައިވެރިވެވޭނީ 64 މެމްބަރުންނަށެވެ. މަޖިލިސް ގަވައިދުގައި ބުނާ ގޮތުން މަޖިލިސް ރައީސްއަށް ވޯޓުގައި ބައިވެރިވެވޭނީ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގަ އެވެ. އެހެންކަމުން ހަމަގައިމުވެސް އެމްޑީޕީގެ ހުރިހާ މެމްބަރުން ޖަލްސާއަށް ހާޒިރުވެ، އެ މެމްބަރުންގެ އެކަނި ވޯޓުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ވޯޓު ދިން ނަމަވެސް ގާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ އެވެ.

އެންމެ ފަހުން ބުރާސްފަތި ދުވަހު ޖަލްސާ ބޭއްވި އިރު އެމްޑީޕީގެ ފަސް މެމްބަރުން ދިރިއުޅުއްވާ ގެ މޮނީޓަރިންގެ ހާލަތުގައި ހުރުމުން އެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުނެވެ. އަދި ރަށުން ބޭރުގައި އެމްޑީޕީގެ އެއް މެމްބަރަކު ހުންނެވި އެވެ. އެއާއެކު އޭރު އެމްޑިޕީގެ ހަ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުނެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރުން އަލީ އާޒިމް "ސަން" އަށް ވިދާޅުވީ، މީގެ ކުރިން މޮނީޓަރިންގެ ހާލަތުގައި އޮތް އެމްޑީޕީގެ ފަސް މެމްބަރުންގެ ގެތަކުގެ މޮނީޓަރިންގެ މުއްދަތު މިހާރު ނިންމިފައިވާ ކަމަށާއި އެ މްމެބަރުންނަށްވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށެވެ.

"ރަށުން ބޭރުގައި ހުރީ އެންމެ މެމްބަރެއް. މޮނީޓަރިންގެ ހުރި ގެތަކުގެ މުއްދަތު ހަމަވުމުން މިހާރު އެމްޑީޕީގެ 64 މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވޭނެ. ރަށުގައި ތިބި އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ޖަލްސާއަށް ވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަލީ އާޒިމް ވިދާޅުވި އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ ކޯލިޝަންގެ ވޯޓާއެކު

ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖޭޕީގެ ލީޑަރު ގާސިމް، ރައީސް ނަޝީދު އަދި އަލީ އާޒިމް: ކޯލިޝަންގެ ވޯޓާއެކު ގާނޫނު އަސާސީގެ އިސްލާހު ކުރެވޭނެ ކަމަށް އަލީ އާޒިމް ވިދާޅުވި --- ފައިލް

އެމްޑީޕީގެ 63 މެމްބަރުން ޖަލްސާއަށް ހާޒިރުވެ، އެ ހުރިހާ މެމްބަރުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ވޯޓު ދެއްވި ނަމަވެސް އަދިވެސް ގާނޫނު އަސާސީގައި ބުނާ އަދަދު ހަމަވުމަށް އިތުރު ތިން މެބްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

އަލީ އާޒިމް ވިދާޅުވި ގޮތުގައި، މި ސަރުކާރަކީ ކޯލިޝަންގެ ސަރުކާރެއް ކަމަށާއި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކަށްވާއިރު، އެ ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުންގެ ތާއީދުވެސް އެކަމަށް ލިބިވަޑައިގަންނަވާނެ އެވެ.

"މިއީ ކޯލިޝަންގެ ސަރުކާރެއް. ކޯލިޝަންގެ ތާއީދުވެސް މިކަމަށް ލިބޭނެ. އެ ބޭފުޅުންވެސް ޖަލްސާއަށް ހާޒިރުވެ، ބިލަށް ވޯޓު ދެއްވާނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެން ކަމުން ގާނޫނުގައި ބުނާ އަދަދަށް މެމްބަރުންގެ ހަމަވުމުގައި ހުރަހެއް ނޯންނާނެ،" ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލަށް އިސްލާހު ހުށަހެޅުއްވި މެމްބަރު އަލީ އަޒިމް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން މިވަގުތު މަޖިލީހުގައި މެންބަރުން ތިއްބެވީ ހަމައެކަނި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެވެ. ޖުމްހޫރީ ޕާޓީ ފަސް މެމްބަރުންގެ މަޖިލީހުގައި ތިއްބަވަ އެވެ.

އެހެން ނަމަވެސް ޖޭޕީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމްއާއެކު ދެ މެމްބަރުން މިވަގުތު ތިބީ ރަށުން ބޭރުގަ އެވެ. އެހެންކަމުން ޖަލްސާއަށް ވަޑައިގެންނެވޭ ހާލަތުގައި މިވަގުތު ތިއްބެވީ ޖޭޕީގެ ތިން މެމްބަރުންނަށެވެ.

ޖޭޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު "ސަން" އަށް ވިދާޅުވީ، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގައި މިކަމާ ގުޅޭ ގޮތުން އަދި މަޝްވަރާކޮށްފައި ނުވާ ކަމަށާއި ނަމަވެސް މެމްބަރުންގެ ހިޔާލު ހުރީ ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށް ކަމަށެވެ.

"ހަމަގައިމުވެސް އަޅުގަނޑު ޖަލްސާއަށް ހާޒިރުވެ އިރާދުކުރައްވިއްޔާ މިހާރު ބިލު އޮތްގޮތަށް ފާސްކުރުމަށް ވޯޓު ދެއްވާނަން. ޖޭޕީގެ އެހެން މެމްބަރުންގެ ހިޔާލުތައްވެސް ހުރީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ބިލަށް އިދިކޮޅުގެ ތާއީދެއް ނެތް!

ޕީޕީއެމްެގެ ނައިބު ރައީސް ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު: މިހާރު ހުށަހެޅި ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުުރުމަށް އިދިކޮޅުގެ ތާއީދެއް ނެތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން އިން އޮތީ މިހާރު ބިލު ހުށަހަޅާފައި އޮތް ގޮތުން ބިލު ފާސްކުރަން ތާއީދު ކުރާ ގޮަތަކަށް ނޫނެވެ. އެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ބިލު ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް އައިސްފައިވަނީ، މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. އެހެންކަމުން އެ ބިލަށް އިދިކޮޅު ތާއީދު ލިބުމަކީ ވުމަށްވުރެ ނުވުން ގާތް ކަމަކެވެ. އެ މެމްބަރުން ވަކާލާތު ކުރައްވަނީ، ގާނޫނު އަސާސީ އިސްލާހު ކުރަން އަލުން ވަކި ބިލެއް މަޖިލީހަށް ހުށަހެޅުމަށެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެމްބަރަކު މަޖިލީހުގައި ތިއްބަވަ އެވެ. މީގެ އިތުރުން، އަމިއްލަ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ހަ މެމްބަރަކު އެބަ ތިއްބެވި އެވެ.

އެމްޑީޕީގެ ޖަލްސާއަށް ހާޒިރުވާނެ ކަމަށް ބެލެވޭ 63 މެމްބަރުންނާއި ޖޭޕީގެ ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވައިފި ނަމަ، ދެން އިސްލާހު ފާސްވާނީ އަމިއްލަ މެމްބަރުންގެ ވޯޓާއެކު އެވެ.

އަމިއްލަ މެމްބަރުން:

  1. ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން
  2. ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު،
  3. ނޮޅިވަރަމްދާއިރާ މުހައްމަދު ނަޝީދު އަބްދުﷲ،
  4. ތުލުސްދޫ ދާއިރާ މެމްބަރު އިބްރާހިމް ނަސީމް
  5. ނިލަންދޫ ދާއިރާ އަބްދުލް މުހްސިން ހަމީދު
  6. ވިލިމާލެ ދާއިރާ މެމަބރު އަހްމަދު އުޝާމް

އަމިއްލަ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަކީ މި މައްސަލައިގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ތާއީދުކޮށް ވާހަކަ ދެއްކެވި މެމްބަރުންނެވެ. އެހެންކަމުން ބިލު ފާސްވުމަށް އަމިއްލަ މެމްބަރުންގެ ވޯޓުވެސް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި މީގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވާ، ދެ މެންބަރުން ތިއްބެވި އިރު، އެ ބޭފުޅުންގެ ވޯޓްވެސް ލިބޭނެ ކަމަށް ބެލެވެ އެވެ.

އެހެންކަމުން އިދިކޮޅުގެ ތާއީދު ނެތިވެސް، މިރޭގެ ޖަލްސާގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ގާނޫނީ އަދަދަށް މެމްބަރުންގެ ވޯޓް ހަމަކުރެވޭނެ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރާ ހަވަނަ ފަހަރު!

މިރޭގެ ޖަލްސާގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފާސްވެއްޖެ ނަމަ، މިއީ 19 ވަނަ މަޖިލީހުގައި ގާނޫނު އަސާސީ އިސްލާހު ކުރާ ތިންވަނަ ފަހަރަށް ވެގެންދާނެ އެވެ.

މި މަޖިލީހުން އެންމެ ފަހުން ގާނޫނު އަސާސީ އިސްލާހުކޮށްފައިވަނީ ވެސް ހަމަ މިހާރު އިސްލާހު ހުށަހަޅާފައިވާ މާއްދާއަށެވެ. އެއީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސްއަހަރަށް ދިގު ކުރުމަށެވެ.

ނަމަވެސް އޭރު އިސްލާހު ގެނެސްފައިވަނީ ދެން އިންތިހާބުވާ ކައުންސިލެއްގެ ދައުރު ފަސް އަހަރު ކަމުގައި ހެދުމަށެވެ. އޭގެ ކުރިން އިސްލާހު ގެނެސްފައިވަނީ 18 ވަނަ މަޖިލީހުން ގެނެސްފައިވާ ބައެއް އިސްލާހުތައް ބާތިލު ކުރުމަށެވެ. އޭގެ ތެރޭގައި، ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގެނައި އިސްލާހު ބާތިލު ކުރުންވެސް ހިމެނެ އެވެ.

މި މަޖިލީހުގައި މީގެ ކުރިން ދެފަހަރު ގާނޫނު އަސާސީ އިސްލާހު ކުރިއިރު، ނިމިދިޔަ 18 ވަނަ މަޖިލީހުގައި ތިން ފަހަރެއްގެ މަތިން ގާނޫނު އަސާސީ އިސްލާހު ކުރި އެވެ.

އޭރު ގެނައި ފުރަތަމަ އިސްލާހަކީ ރައިސުލްޖުމްހުރިއްޔާކަން ކުރެވޭ މީހުންގެ އުމުރު 35 އަހަރާއި 65 އަހަރާ ދެމެދަށް ހެދުމެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބު ނިމި ފަހުން އަނެއްކާވެސް ކުރިން އޮތް ގޮތަށް އެ މަގާމަށް ކުރިމަތިލެވޭ އުމުރު ވަނީ 35 އަހަރުން މައްޗަށް ބަދަލުކޮށްފަ އެވެ. ދެން އިސްލާހު ގެނައީ ބޭރު މީހުންނާއި ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށެވެ.

comment ކޮމެންޓް