ޔާމީންގެ ދިފާއުގައި މައުމޫން ނުކުމެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް

މީގެ ކުރިން ޕީޕީއެމްގެ އޮފީހުން ރައީސް މައުމޫން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ހަނާ އަޅުއްވާއިރު ޣައްސާން އަރިހުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ދިފާއުގައި، ކުރީގެ ރައީސް އަދި ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ވަރަށް އަވަހަށް ވާހަކަދައްކަވާނެ ކަމުގެ އިޝާރާތެއް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ދެއްވައިފި އެވެ.

މިފަދަ އިޝާރާތެއް ޣައްސާން ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައ،ި ބައްޕާފުޅު މައުމޫންގެ އިތުރުން ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި، ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރި އިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އޭނާ އެއްވެސް އިރެއްގައި އާއިލާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޣައްސާން އޭރުވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަަށް ގޮވާލައި، އެމަނިކުފާނުގެ ދިފާއުގައި ޣައްސާން ކުރައްވަމުން އަންނަ މަސައްކަތަށް ވެސް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުން ވަނީ، ގާނޫނުއަސާސީ އިސްލާހުކުރުން އަވަސްކުރަން އެއްބަސްވާަން ރައީސް ޔާމީން މިނިވަންކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޝަރުތުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީގެ ތުހުމަތުތަކަށް ރައްދު ދެއްވައި ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި، އެ މަނިކުފާނު މިނިވަންކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަނީ ވަރަށް ފާޅުކަން ބޮޑުކޮށް، ކެރިގެން ކަމަށެވެ.

"ސިއްރު ޑީލްތައް ހަދައިގެނެއް ނޫން. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކާމިޔާބު ވާނެ،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާންގެ ޓުވީޓާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު، ޣައްސާންގެ ބައްޕާފުޅާއި ބޭބޭފުޅު ޖަލަށް ލީއިރު، އެކަމަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ޣައްސާންގެ ޓުވީޓަށް ރައްދުދެއްވައި މެމްބަރު ވަހީދު ވިދާޅުވީ ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާއުގައި އޭރު އެއްވެސް ބަހެއް ވިދާޅުވާން ޣައްސާނަށް ކެރިވަޑައިނުގެންނެވި ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދަވައިފަ އެވެ.

"ޝަރީއަތެއް، ހުކުމެއް ވެސް ނެތި އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބީ. މިހާރު އެންމެނަށް ގަބޫލުކުރެވޭ ވަރުގެ ބޮޑު ހުކުމެއްގައި ޔާމީން އަބްދުލްގައްޔޫމް އެހުރީ. އެވެސް ވައްކަމުގެ،" ވަހީދު ވިދާޅުވި އެވެ.

ވަހީދަށް ރައްދު ދެއްވައި ޣައްސާން ވިދާޅުވީ، މެމްބަރު ފާހަގަކުރެއްވި ނުކުތާތަކުގެ އިހުލާސްތެރިކަމާމެދު ޝައްކު ނުކުރާ ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ.

ޣައްސާން ވަނީ މެމްބަރު ވަހީދުގެ ސުވާލުތަކުގެ ޖަވާބުލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގެ ލިންކެއް ހިއްސާކުރައްވައިފަ އެވެ.

ޣައްސާނަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ނުފޫޒުން ހުކުމެއް އައި ނަމަ، ޔަގީނުންވެސް ރައީސް މައުުމޫނާއި ފާރިސް އެކަން ފާހަގަކުރައްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެކަމަށް ޣައްސާން ވިދާޅުވީ ދާދި އަވަހަށް އެކަން ފެންނަން ފަށާނެ ކަމަށެވެ.

"ދެން އިޝާރާތް ކުރެއްވި ކަަންތައް ކޯލިޝަން މުގުރުމުން ފެންނަން ފަށާނެ. އެދުވަސް ދާދި ކައިރިން ފެންނަ ކަހަލަ،" ޣައްސާން ވިދާޅުވި އެވެ.

އެ ޓުވީޓުގައި ޣައްސާން ވަނީ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ހޭޝްޓެގެއް ބޭނުންކުރައްވައިފަ އެވެ.

ޣައްސާން އެފަދަ ހޭޝްޓެގަކާ އެކު ކޯލިޝަން ރޫޅޭ ވާހަކަ ދައްކަވާފައި މިވަނީ، އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމަށް ވަޑައިގެން، މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީން ބުނެފައިވަނިކޮށެވެ.

މަޖިލިސް ތަޅުމުގައި އެމްޑީޕީ މެމްބަރުން ވަނީ ޒަހާގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަޖިލީހުން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

މެމްބަރު ވަހީދު ވަނީ އާއިލީ ގުޅުންތަކާއި، ރަހުމާ ހަމްދަރުދީ ގެންޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށް ފަހުގައި ކަމަށް ފާހަގަކުރެއްވީތީ ޣައްސާނަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ވަހީދަށް ޖަވާބުދެއްވައި ޣައްސާން ވިދާޅުވީ، އިޝާރާތްކުރެއްވީ ތެލާ ފެނުގެ ގުޅުމަށް ކަމަށާއި، ލެޔާ ލޭގެ ގުޅުން ބަދަހި ކަމަށެވެ. ޣައްސާން މީގެކުރިން ވިދާޅުވެފައި ވަނީ ފުޅިއެއްގެ ތެރެއަށް ފެނާއި ތެޔޮ އަޅައި، ކިތަންމެ ވަރަކަށް ތެޅުވިޔަސް، ތެޅުވުން ހުއްޓާލުމުން ވަކިވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ރައީސް މައުމޫން ވަނީ މަސައްކަތް ކޮށްދެއްވައިފައެވެ. އަދި ކޯލިޝަން ސަރުކާރު ރޫޅާލުމަށް އެމްޑީޕީ މެމްބަރުން ގޮވާލަމުން ދިޔަ ނަމަވެސް، ރައީސް ސޯލިހު ވިދާޅުވަނީ ކުރިއަށް ވަޑައިގަންނަވާނީ ކޯލިޝަނާއެކުގައި ކަމަށެވެ. އަދި ކޯލިޝަން ޕާޓީތަކުން ވެސް ތިބީ ސަރުކާރާ އެކު މަސައްކަތް ކުރުމަށެވެ.

comment ކޮމެންޓް