އާސަންދައިގެ ދަށުން ބޭރަށް ގޮސްތިބި މީހުންނަށް 2.9 މިލިއަން ރުފިޔާ ހަރަދުވި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ---

އާސަންދައިގެ ދަށުން ބޭރަށް ގޮސްތިބި މީހުންނަށް 2.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގް ވިދާޅުވީ ރާއްޖެއިން ބޭރުގެ ބައެއް ތަންތަން ފުރަބަންދައަށް އައިއިރު ރާއްޖޭގެ ބަލި މީހުން އިންޑިއާ އަދި ސްރީލަންކާގައި ގިނަ އަދަދަކަށް ތިބި ކަމަށެވެ. އަދި އޭގެން ބައެއް ބަލި މީހުން ގެނައުމުގެ މަސައްކަތްތަކެއްވެސް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެގޮތުން 114 ބަލި މީހަކު އިންޑިއާ އަދި ސްރީލަންކާއިން ގެނެވުނު. އަދި 114 ބަލި މީހުންގެ އިތުރުން އެމީހުންގެ ބެެލެނިވެރިންނާއެކު އެމީހުންގެ އެހީތެރިންގެ ގޮތުގައި ދިޔަމީހުންވެސް ގެނެވުނު. ދެން ހަމަ އެއާ ވިދިގެން އެކޮޅުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ފައިސާގެ އެހީވެސް ފޯރުކޮށްދިނިން،" މަރިޔަމް ޝަފީގް ވިދާޅުވިއެވެ.

އާސަންދަ އަދި އެންސްޕާގެ އެހީގެ ދަށުން ވަޑައިގެންތިއްބެވި ހުރިހާ ބަލި މީހުންނާ އެމީހުންގެ އެހީތެރިންނަށްވެސް ފައިސާގެ އެހީ ދިން ކަމަށް މަރިޔަމް ވިދާޅުވިއެވެ.

"މިގޮތުން އަޅުގަނޑުމެން ގާތްގަނޑަކަށް އަޅުގަނޑުމެން ގާތްގަނޑަކަށް 287 ފަރާތަކަށް ފައިސާގެ އެހީ ދެވުނު. މުޅި ޖުމްލަ 2.9 މިލިއަން މިއަށް އަޅުގަނޑުމެން ހަރަދުކޮށްފިން،" މަރިޔަމް ވިދާޅުވިއެވެ.

ފުރަބަންދާ ގުޅިގެން ރަށްރަށުގެ ދަތުރުފަތުރުތައް ހުއްޓުމާ ގުޅިގެން ބައެއް އަސާސީ ހިދުމަތްތައް ވަރަށް އިމެޖެންސީކޮށް ހޯދަން ޖެހޭ ފަރާތްތަކަށް "މެޑިކަލް ޓްރާންސްފާ" ގެ ނަމުގައި ހިދުމަތެއް ފެށިކަމަށް މަރިޔަމް ވިދާޅުވިއެވެ.

އެ މެޑިކަލް ޓްރާންސްފާގައި އެއް ރަށުން އަނެއް ރަށަށް ކީމޯތެރެޕީ ހެދުމަށާއި، ލޭ އަޅަން އަދި ޑައެލެސިސް ހަދަން ޖެހޭ މީހުންނާއި ވިހެއުމަށްޓަކައި ދާން ޖެހޭ މީހުންނަށް މެޑިކަލް ޓްރާންސްފާގެ ހިދުމަތް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 21 އޭޕްރީލްއިން ފެށިގެން މިއަދާ ހަމައަށް 161 ފަރާތަކަށް މެޑިކަލް ޓްރާންސްފާގެ ހިދުމަތް ވަނީ ދީފައެވެ.

comment ކޮމެންޓް