ގުޅީފަޅު މަޝްރޫއުގެ ސަބަބުން ވިލިމާލޭ ފަރަށް އަދި މާ ބޮޑު އަސަރެއް ނުކުރޭ: އީޕީއޭ

ގުޅީފަޅު ހިއްކުމުގެ މަޝްރޫއަށް ފަޅު ތެރެއިން: އީޕީއޭއިން ބުނަނީ އަދި ހިއްކުމުގެ އަސަރު ވިލިމާލޭ ފަރަށް ނުކުރާ ކަމަށް -- ފޮޓޯ/ އީޕީއޭ

ގުޅީފަޅު ހިއްކަން އަޅާ ވެލީގެ މާ ބޮޑު އަސަރެއް އަދި ވިލިމާލޭ ފަރަށް ކޮށްފައި ނުވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެއެވެ.

ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށްދާއިރު ހަދަން ޖެހޭ މޮނިޓަރިން ރިޕޯޓުތަކުގެ ހޯދުންތައް އާންމު ކުރަން މިހާރު އީޕީއޭއިން ވަނީ ފަށައިފައެވެ. އެގޮތުން މި މަހުގެ 27 އިން ފެށިގެން 29ގެ ނިޔަލަށް ހޯދިފައިވާ ހޯދުންތައް އީޕީއޭގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

އީޕީއޭއިން ވަނީ ވިލިނގިލީ ފަރު ކައިރީގައި ތިން ފުންމިނެއްގައި ފެނުގެ ކިލަނބުކަން ހުރި ވަރު ބަލައިފައެވެ. އެ ހޯދުންތަކުގެ އަލީގައި އެ އެޖެންސީއިން ހާމަ ކުރި ގޮތުގައި ކިލަނބުކަމުގެ އަސަރެއް އަދި ވިލިމާލެ ފަރަކަށް ނުކުރެއެވެ. އެކަން ހުރީ އާދައިގެ ވަރަކަށެވެ.

އޭގެ އިތުރުން، ބަލާ ބެލުމަށް، އަދި ފަރުގެ ދިރުންތަކަށްވެސް އަސަރު ނުކުރާ ކަމަށް އީޕީއޭއިން ބުންޏެވެ. މުރަކައާއި މަސްތަކަށް އަސަރެއް ނުކުރާ ކަމަށާއި، ވެލި ގިނަވެފައިވާ ތަންވެސް އަދި ނުފެންނަ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އީޕީއޭއިން ބުނީ އެ އެޖެންސީއިން ދާނީ ގުޅީފަޅަށް އަޅާ ވެލި ދަތުރުކުރާ ގޮތް ބަލަމުން ކަމަށެވެ. އަދި މަޝްރޫއު ކުރިއަށްދާ ގޮތްވެސް މޮނިޓާކޮށް، އާންމުންނަށް ހުރިހާ މައުލޫމާތުތައް ހާމަ ކުރަމުން ގެންދާނެ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އަދި ގުޅީފަޅު ހިއްކަން ފެށިތާ މާ ދުވަހެއް ނުވެއެވެ. ޕްރޮޖެކްޓު ކުރިއަށްދާ ވަރަކަށް ފަރަށް އަސަރު ކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން ބުނެއެވެ.

ހިއްކާ އިރު ވެއްޔާއި ކިސަޑު ފެތުރިޔަ ނުދިނުމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު ބޮސްކާލިސްް ކުންފުނިން ދަނީ ބޮޑެތި ވެލި ބަސްތާ ޖަހަމުންނެވެ. ވެއްޔާއި ކިސަޑު ފެތުރިޔަ ނުދިނުމަށް އެންމެ ބޮޑަށް ބޭނުން ކުރާ ސިލްޓް ސްކްރީން ގުޅީފަޅާއި ވިލިނގިއްޔާ ދޭތެރޭ ނޭޅޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެއީ އެ ސަރަހައްދުގެ ފުންމިނާއި އޮއި ހުރި ގޮތުން ސިލްޓް ސްކްރީން ނޭޅޭނެތީ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --

ގުޅީފަޅު ހިއްކަން ފެށުމުން ކިސަޑުގަނޑުތައް ވިލިމާލެއާ ހަމައަށް ގޮސްފައިވާ މަންޒަރު ފެންނަ ފޮޓޯތައް މީގެ ކުރިން ވަނީ ދައުރުވެފައެވެ. އެކަމާ ގުޅިގެން އާންމުން ކަންބޮޑުވާން ފެށުމުން އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ، މަޝްރޫއު ކުރިއަށްދާ ގޮތް ބަލައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭން އީޕީއޭއަށް އަންގައިފައެވެ.

ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މި މަހުގެ ތެރޭގައެވެ. އެ މަޝްރޫއަށް ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކޮށްފައިވެއެވެ. އަދި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުގެ ސަބަބުން ބޯޓުފަހަރަށް އެތަނުގައި ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ފާޅު ކޮށްފައިވެއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެތަނުގެ ވަށައިގެންވާ ފަރުތަކަށް ގެއްލުންވަމުންދާތީ އެކަން އަވަހަށް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.

comment ކޮމެންޓް