ޖޫން 11 ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސް ނިންމަވައިފި

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ އިން ފެށިގެން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ މުއްދަތުގައި ސަރުކާރުގެ އޮފީސްތައް ހުޅުވަން ރައީސް ނިންމެވީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

އެގޮތުން ސަރުކާރުގެ އޮފީސްތައް ހުޅުވިފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ،" ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

comment ކޮމެންޓް