އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ: ރޮޒައިނާ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މެންބަރު ރޮޒައިނާ: އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައި ---

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަސައްކަތް ކުރަނީ އެއް މަގުސަދެއް ހާސިލް ކުރުމަށް ކަމަށާއި އެ ޕާޓީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ، ކައުންސިލަރުންގެ ދައުރާ ގުޅޭ ގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެއްކެވި ވާހަކައަށް ރައްދު ދެއްވަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލަރުންގެ ދައުރާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކީ "ދެމިޔަލީ ކަނޑިއެއް" ކަމަށާއި އެ ލަފާ ދެ ފެކްޝަނަށް ވެސް ފަހިވާ ކަމަށެވެ.

އާދަމް ޝަރީފަށް ފަހު ދެން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިވަޑައިގަތް ރޮޒައިނާ އާދަމް ވިދާޅުވީ، އޭނާ ނިސްބަތްވާ ޕާޓީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށާއި އެ ޕާޓީގެ މެންބަރުން މަސައްކަތް ކުރަނީ އެއް މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ.

"މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ކައިރީގައި ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގައި ދެ ފެކްޝަނެއް ނޯންނާނެ އޭ. އެކަމަކު އަޅުގަނޑުމެންނަކީ އަބްދުވެސް ހިޔާލުތަފާތުވީމަ އެކަމާ ވަރަށް ގަދަޔަށް ޒުވާބު ވެސް ކުރާ ބަޔެކޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުވަހު ހަމަވާއިރު އެކަމަށް އަދިވެސް މަޖިލީހުން ވަނީ ގޮތެއް ނިންމޭ ގޮތް ނުވެފަ އެވެ. އެމައްސަލައިގައި އެންމެ ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައިވަނީ ވެސް ސުޕަ މެޖޯރިޓީއެއް އޮތް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ މެދުގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ދިން ލަފަޔާ އެކު އެ ނުތަނަވަސް ކަމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.

comment ކޮމެންޓް