އިންތިގާލީ މާއްދާއެއް ހިމަނައި، ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދީފި

އޮކްޓޯބަރ 21، 2018: ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ: ރިޔާސީ އިންތިޚާބު ބާތިލު ކުރަން ނުޖެހޭ ކަމަށް ސުޕްރީމު ކޯޓުން ވަނީ ހުކުމް ކޮށްފައި -- ސަން ފޮޓޯ// ފަޔާޒު މޫސާ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާދީފިއެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.

އެހެން ނަމަވެސް އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބު ބާއްވާ، އެ މެމްބަރުުން އިންތިހާބުވެ މަގާމާ ހަވާލުވުމާ ހަމައަށް ކުރިމަަތިވާ ގާނޫނީ ހުސްކަން ފޫބެއްދުމަށްޓަކައި އޮތް ހަމައެކަނި ގާނޫނީ ހަމައަކީ ގާނޫނު އަސާސީ އިސްލާހުކޮށް މިހާރު އިންތިހާބުކޮށްފައި ތިބި ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުން ކަމަށް ރައްޔިތުންްގެ މަޖިލީހުގެ ހުރިހާ މެމްބަރުުންނަށް އިއްތިފާގު ނުވެވޭ ކަމަށް ބުނެ މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ ސުޕްރީކް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދިފައެވެ.

މަޖިލީހުން ކޯޓުގައި އެދިފައި ވަނީ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ، އެ އިންތިހާބު ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބަައިކަން ސާފުކޮށްދިނުމަށާއި އަދި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ގާނޫނީ މައްސަލަތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި މިއަދު ވަނީ، މަޖިލީހުން އެދުނު އިސްތިޝާރީ ލަފާ މަޖިލީހާ ހިއްސާކޮށްފައެވެ.

އެ ލަފާގައި ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހުކުރަން މިހާރު ހުށަހަޅާފައިިވާ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ގާނޫނު އަސާސީގެ 231 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި، އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކުރުމަށެވެ.

އަދި އެގޮތަށް ބަޔާންކޮށްގެން މެނުވީ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށެވެ.

"ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓުގެ ލަފައަކީ ގާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގައި އިސްލާހުކުރަން މިހާރު ހުށަހަޅާފައިިވާ އެ ގާނޫނުގެ ހަތަނަ ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި، އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށް މެނުވީ، 4 އޭޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށެވެ." ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ދިން ލަފާގައި ބުނެފައިވެއެވެ.

އިންތިހާބު ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބަައިކަމާ ގުޅޭ ނުގުތާ:

މި ނުގުތާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައި ވަނީ ޖޫން ތިން ވަނަ ދުވަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، ދުސްތޫރީ ނިޒާމުގެ ތެރެއިން އެ ފަރާތްތަކަށް މަގާމުގައި ނުތިބެވޭނެތީ އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަށެވެ.

އަދި އެ އިންތިޒާމު ހަމަޖައްސަން ވާނީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ފުށުނާރާ ގޮތެއްގެ މަތިން ކަމަށެވެ.

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި ބުނެފައިި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތީން، ސިއްރުވޯޓަކުން އިންތިހާބުކުރާ މެންބަރުން ކަމަށެވެ.

އެހެންކަމުން އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގޭނެ އިންތިޒާމެއް ހަމަޖައްސަން ވާނީ އެ މާއްދާއާ ފުށުނާރާނެ ގޮތަށް ކަމަށް ވެސް ލަފާގައި ބުނެފައިވެއެވެ.

"މާނައަކީ އާ އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބުކޮށް އާ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވަންދެން ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ކައުންސިލްތައް ނިސްބަތްވާ ސަރަހައްދުުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން އިންތިހާބުކުރާ މެމްބަރުންނެވެ." ލަފާގައި ވެއެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރާއްޖެއަކީ ދީމިގްރާތީ ހަމަތަކުގެ މައްޗަށް ބިނާވެފައި ދައުލަތެއް ކަމަށް ގާނޫނުއަސާސީގަައި ބަޔާންކޮށްފައިވާއިރު، އެ އެ މައިގަނޑު އުސޫލު ދެމެހެއްޓޭކަން ކަށަވަރުކުރެވޭނެ ގޮތަކީ ކަނޑައެޅި ބަޔާންވެގެންވާ މުއްދަތުތަކުން މިނިވަންކަމާއެކު ބޭއްވޭ އިންތިހާބުތަކުގައި ރައްޔިތުން އިންތިހާބުކުރާ މަންދޫބުން މެދުވެރިކޮށް ދައުލަތުގެ ކަންކަން ހިންގުން ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ކުރިން، 231 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ވަކިކަމެއް ވަކިގޮތަކަށް ބަޔާންކުރުމުން އެ އުސޫލު ބަދަލުކުރެވޭނީ، ނުވަތަ އެ އުސޫލަށް އިސްތިސްނާއެއް ގެނެވޭނީ ގާނޫނުއަސާސީއަށް ގެނެވޭ ބަދަލަކުން ކަމަށެވެ.

"ގާނޫނުއަސާސީގައިވާ ކަމެއް ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ ގާނޫނުއަސާސީގެ ބާރަވަމަ ބާބުގައި ބަޔާންކޮށްފައިވާ ގޮތެވެ. ގާނޫނުއަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއްވެސް ގާނޫނުއަސާސީގެ ބާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ބަދަލުކުރުމަށް ދައުލަތުގެ އެއްވެސް ބާރަކަށް ހުއްދަ ދީފައި ނުވެއެވެ."

ބާރަވަނަ ބާބުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އިންތިހާބުކޮށް ނިންމަންޖެހޭ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިިވާ މުއްދަތުގައި އެކަން ކުރުމުން މުސްތަހީލުވާ އަދި އިންސާނީ ބާރު ނުފޯރުވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، ދެ ގޮތަކަށް އަމަލުކޮށްގެން އެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.

އެއީ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެގޮތް ދުރާލާ ގާނޫނުއަސާސީގައި ބަޔާންކުރުމާއި، އެ ހާލަތަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ތަންދޭ ހާލަތެއް ނަމަ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ކަމަށެވެ.

އަދި އެ ދެ ގޮތް ނޫން ގޮތަަކށް މައްސަލަ ހައްލުކުރުމަކީ ގާނޫނުއަސާސީން ގާއިމުކޮށްފައިވާ ހަމަތަކާ އެއްގޮތަށް ކުރެވޭ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

"މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ"

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ، މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ވެސް ބައެއް މެމްބަރުން އަންނަނީ ބުނަމުންނެވެ.

ސުޕްރީމް ކޯޓުން މިއަދު މަޖިލީހަށް ފޮނުވި ލަފާގައި ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެއް ކަމުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނީ ރައީސް އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތަށް ނުރައްކަލެއް އޮތް ކަމަށް ހެލްތު މިނިސްޓަރު އިއުލާންކޮށްފައި އޮތް އޮތުމަކީ ގާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ގާނޫނުއަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.

"ސަރުކާރުގެ ބިލުން ގާނޫނީ ހައްލެއް ނުލިބޭ"

ގާނޫނު އަސާސީގެ 266 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމަށް ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިސްލާހަކާއި އެ އިސްލާހަކާ ގުޅިގެން ކުރާންޖެހޭ ކަންތައްތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެނެއް ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މަޖިލީހަށް ފޮނުވި ލަފާގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް ގެނެވޭ އެއްވެސް އިސްލާހަކީ ނުވަތަ ބަދަލަކީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލެއް ނޫން ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް ގެނެވޭ އެއްވެސް އިސްލާހަކުން، އިންތިހާބު ބާއްވަން ރައްކާތެރި މާހައުލެއް ގާއިމުވެ، އާ އިންތިހާބެއް ބާއްވައި އާ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވަންދެން، މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވިދާނެ ކަމަށް ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ވަނީ ލަފާދީފައެވެ.

"އެކަން ކުރެވޭނެ ކަމަށް ފެންނަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސުތަަކަށް ސީދާގޮތެއްގައި ގެނެވޭ އިސްލާހަކުންނެވެ."

ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަކީ ކައުންސިލްތައް އިންތިހާބުކުރުމާ ގުޅޭ މާއްދާއެވެ. ސުޕްރީމް ކޯޓުން ބުނީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ، އާ އިންތިހާބެއް ބޭއްވެއްދެން ދިމާވާނެ ގާނޫނީ ހުސަކަން ފިލައިގެން ދާނެ އަދި އެކަމަށް ގާނޫނީ ހައްލެއް ލިބިދޭ ގޮތެއް ކަމަށް ނުފެންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެދުނު ގޮތަށް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ލިބުމާ ގުޅިގެން، ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިރޭ 21:00 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

comment ކޮމެންޓް