ގައިދުރުކަން ބެހެއްޓުމަށް އަންގައި، ރަށްތަކަށް ލުއިތަކެއް

ށ. ނަރުދޫ: މޮނިޓަރިންގައި ހުރި ރަށްތަކާއި މޮނިޓަރިންގ އިން ނަގާތާ 14 ހަމަ ނުވާ ރަށްތަކަށް ވަނީ ލުއިތަކެއް ދީފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާއިރު މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްތަކުގެ ރައްޔިތުން ގައިދުރުކޮށް އުޅުމަށް އަންގައި ލުއިތަކެއް ދީފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19ގެ ބަލި މީހަކު ފެނުމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ރަށްތައް ލޮކްޑައުން ކުރި އެވެ. ނަމަވެސް މާލެ ފިޔަވައި އެ ބަލި ފެނިފައިވަނީ މަދު ރަށަކުންނެވެ. އެއާއެކު އެ ރަށްތަކުގެ ފުރަބަންދަށް މަޑުމަޑުން އަންނަނީ ލުއިތަކެއް ދެމުންނެވެ.

އެގޮތުން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އެންގުމެއްގައި ބުނީ، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާ ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައި ވެސް އަމަލުކުރުމާއި ރަށުތެރޭގައި އުޅުމުގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ.

ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ހުޅުވާލާފައިވާއިރު އެ މަސައްކަތް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ޖެހޭނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެންނަތާ 14 ދުވަސް ނުވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި، އާންމު ހިދުމަތްތަކާގުޅޭ ކަންކަމާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް އެ އެންގުމުގައި ވަނީ ބުނެފަ އެވެ.

އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެންމެހާ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.

ކޮވިޑް19 އާ ގުޅިގެން ރަށްތަކުގައި މީހުން އެއްވެ، ކުޅިވަރު ކުޅުމާއި، މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން މަނާކުރިއެވެ. އެހެން ނަމަވެސް މިހާރު ވަނީ ރަށްތަކުގައި އަޅާފައިިވާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން ބަލި ނެތް ރަށްތަކުގައި މިސްކިތުގައި ޖަމާއަތް ހެދުމަށް ވެސް މިހާރު ވަނީ ހުއްދަ ދީފައެވެ.

މޮނިޓަރިންގްއާ ގުޅިގެން އެޗްޕީއޭއިން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ނުދެނީ މާލެ ސިޓީގެ އިތުރުން ހއ. ތަކަންދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ނ. މަނަދޫ، ކ. ހިންމަފުށި އަދި ކ. ތުލުސްދޫ އެވެ. މި ރަށްތައް އަދި އާންމު ހާލަތަށް ނުގެނެ އެވެ.

comment ކޮމެންޓް