އައްޑޫގައި ކޮވިޑަށް ޓެސްޓް ހެދޭނެ އިންތިޒާމް އަމިއްލަ ކުލިނިކަކުން ހަމަޖައްސަނީ

އައްޑޫ ނޭޗާރ ޕާކާއި އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް އަމިއްލަ ފަރާތަކުން އައްޑޫގެ ހިންގަމުން އަންނަ ސިއްހީ ހިދުމަތް ދޭ ކުލިނިކަކުން ގާއިމް ކުރަން ނިންމައި އެކަމުގެ މަސައްކަތް ފަށައިފި އެވެ.

އައްޑޫގައި ކޮވިޑްއަށް ޓެސްޓުކުރެވޭ އިންތިޒާމު ހަމަޖައްސާނެކަން އިއުލާންކޮށްފައި ވަނީ، ހޭޕީމާކެޓުން ސ. ފޭދޫގައި ހިންގަމުން އަންނަ "އެއިމް ޑައިގްނޯސްޓިކް ކެއާ ކްލިނިކުން" އެވެ.

ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާން "ސަން" އަށް ވިދާޅުވީ ޓެސްޓުކުރާ މެޝިން މިހާރު އައްޑޫއަށް ގެންދިޔުމުގެ މަސައްކަތްކުރަމުން ދާއިރު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ޓެސްޓުކުރެވެން ފެށޭނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެކަން ކުރަން އެ ކުންފުނިން ނިންމީ، މިއީ އައްޑޫ ކަހަލަ ބޮޑު އާބާދީއަކަށް ބޭނުންވާ މުހިންމި ހިދުމަތަކަށް ވާތީ އާއި ސަރުކާރަށް ވެސް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

"މިކަމުގައި އައްޑޫ ސިޓީގައި، ސަރުކާރުގެ ފަރާތުން ވަރަށް ގިނަ ކަންކަން ކުރަމުން މި އަންނަނީ، އަންނަ އިރުގައި ވަރަށް ބޮޑެތި ޙަރަދުތަކެއްތާ މި ކުރެވެނީ...އެހެންވީމަ އަޅުގަނޑުމެން ޕްރައިވެޓް ސެކްޓާރގެ ބަޔަކުވެސް މީގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަންކަން ކުރަން ފެށިއްޔާ ސަރުކާރަށްވެސް ލުއިތަކެއް ލިބިގެންދާނެ. އެ ނިޔަތުގައި އަޅުގަނޑުމެން މިކަން ފެށީ،" އިހުސާން ވިދާޅުވި އެވެ.

ކޮވިޑް-19 އަށް އައްޑޫގައި ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދަނީ އެއިމްސް ޑައިގްނޯސްޓިކް ކެއާރ ކްލިނިކްގައި. -- (ފޮޓޯ/އެއިމްސް/އިހުސާން)

ޓެސްޓް ކުރާނެ މެޝިނާއި އެކަމަށް ބޭނުންވާ ރީއެޖެންޓްސްތައް މިހާރު ހުރީ ގެނެވިފައި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ ސަރުކާރަށް، ދޭން ޖެހޭ ހުއްދަތައް އަޅުގަނޑުމެންނަށް ދެންދެން. އެ ހުއްދަތައް ލިބުމާއިއެކު އަޅުގަނޑުމެން ހުޅުވާލާނަން އާންމުންނަށް ޓެސްތުތަކަށް އެދެން،" އިހުސާން ވިދާޅުވި އެވެ.

އެ ކުލިނިކުގައި ޓެސްޓް ހަދަން ބޭނުންކުރާ މި މެޝިނަކީ ބޮޑަށް އެންޓި-ބޮޑީ ޓެސްޓުތަކަށް ހާއްސަކޮށްފައިވާ މެޝިނެކެވެ. އަދި މެޝިން އޮޕަރޭޓްކުރާ ވަގުތުގައި ގަޑިޔަކު ގާތްގަނޑަކަށް 36 ޓެސްޓު ހެދޭނެކަމަށްވެސް އިހުސާން ފާހަގަ ކުރެއްވި އެވެ. މި މެޝިނަކީ އެންޓި ބޮޑީ ޓެސްޓުތައް ކުރުމަށްޓަކައި މާލޭގެ އައިޖީއެމްއެޗުގައިވެސް ބޭނުންކުރެވޭ ވައްތަރުގެ މެޝިނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޮޑަށް މި ފޯކަސް ކުރަނީ އެންޓި-ބޮޑީއަށް. މި މެޝިނުން އަޅުގަނޑުމެންނަށް، ވައިރަސް މީހާގެ ހަށިގަނޑަށް އަންނަތާ ނިސްބަތުން އެންމެ ގިނަވެގެން ހަތަރު ދުވަސް ތެރޭ ޓެސްޓުތަކުން، ލޭގެ ޓެސްޓެއް މި ހަދަނީ، އޭގެން އިނގޭނެ،" އިހުސާން ވިދާޅުވި އެވެ.

އާންމުކޮށް ކޮވިޑް-19 ހުރިކަން އެނގެނީ އެއް ދުވަހާއި 14 ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. އަދި ގިނަ ފަހަރަށް ޓެސްޓު މި ހަދަނީ ވައިރަސް ޖެހިގެން ނުވަތަ އަލާމާތްތައް ފެންނަ ފަހުންކަމަށްވެސް އިހުސާން ފާހަގަކުރެއްވި އެވެ.

"ދެން އަނެއްކަމަކީ ކޮންޓެކްޓް ޓްރޭސިންގްއަށް ބަލާލާއިރުގައި، އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ. މި ޓެސްޓުތަކުން ކޮންމެވެސް ވަރަކަށް އަންދާޒާކޮށްލެވޭނެކަމަށް އެމީހާއަށް ބަލިޖެހުނު ތާރީޙު. އެހެންވީމަ އޭގެން ފަސޭހަތަކެއް ވާނެ ކޮންޓެކްޓް ޓްރޭސިންގްއަށް ވެސް." އިހުސާން ވިދާޅުވި އެވެ.

"ދެން އާސަންދައަށްވެސް އަޅުގަނޑުމެން ލިޔާނަން. އާސަންދައިގެ ކަވަރޭޖް ހޯދަން. އާސަންދަ ހަމަނުޖެހެންޏާމުން އަޅުގަނޑުމެން ޗާޖުކުރާނަން، އެކަމަކު އަޅުގަނޑުމެންނަށް ޖެހޭ ކޮސްޓަކަށް އަޅުގަނޑުމެން ޗާޖުކުރާނީ، އާސަންދަ ހަމަޖެހެންދެން...އިތުރު އެއްވެސް ފައިދާއެއް ނުލައި އަޅުގަނޑުމެން ޓެސްޓުކޮށްދޭނަން."

އެއިމްސް ޑައިގްނޯސްޓިކް ކެއާރ ކްލިނިކްގެ ލެބޯޓަރީ -- (ފޮޓޯ/އެއިމްސް/އިހުސާން)

ޓެސްޓުކުރަން އޮންނަ ހާއްސަ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅި، ޓެސްޓުކުރެވޭނީ ކޮން ބައެއްކަން އަދި ކިހާ އަގެއްގައި ކަން ކަނޑައެޅޭނީ ސަރުކާރުން ހުއްދަ ދިނުމުންކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އައްޑޫގައި ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެ ކުލިނިކުން ތިބީ ތައްޔާރަށް ކަމަށެވެ.

އައްޑޫ ސިޓީގެ ބޮޑު އާބާދީއެއް އޮތް ނަމަވެސް، އެ ސިޓީއިން ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ބުނެ މަޖިލިސް މެންބަރުންނާއި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކޮވިޑް-19ގެ ބަލި މީހަކު އައްޑޫ ސިޓީއިން މިހާތަނަށް ފެނިފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައި ވަނީ އަންނަ މަހުގެ ތެރޭގައި އައްޑޫގައި ޓެސްޓް ހެދޭނެ އިންތިޒާމް ސަރުކާރުގެ ފަރާތުން ވެސް ހަމަޖައްސާނެ ކަމަށެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ކޮވިޑް-19 އަށް ފަރުވާދޭ ރީޖަނަލް މަރުކަޒެއްގެ ގޮތުގައި އަންނަނީ ތަރައްގީ ވެސް ކުރަމުންނެވެ.

comment ކޮމެންޓް