ސަރުކާރުގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފަރުވާތެރިވުމަށް އެދިއްޖެ

ސައިންސާއި ޓެކްނޮލަޖީ މިނިސްޓަރު މަލީހް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު: ދައުލަތުގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފަރުވާތެރިވުމަށް މަލީހް ވަނީ އެދިވަޑައިގެންފައި -- ސަން ފައިލް ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސްވ

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކުއުންޓްތަކާ މެދު އިތުރަށް ފަރުވާތެރިވުމަށް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެދިވަޑައިގެންފި އެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލަޖީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ސަރުކާރުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އިދާރާގެ ނަމުގައި ހަގީގަތާއި ހިލާފް ވާހަކަތައް ފެތުރުން ހުއްޓުވައި އެ މުއައްސަސާއެއްގެ ކޮންޓްރޯލްގައި އެކައުންޓްތައް ބެހެއްޓުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

އެކައުންޓްތައް ވަރުގަދަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް:

  1. އެގޮތުން އެކައުންޓުތަކާއި ޕޭޖްތައް އުފެއްދުމަށް މުވައްޒަފުންގެ އަމިއްލަ އީމެއިލް ބޭނުންކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ރަސްމީ “gov.mv” އީމެއިލް އާއި އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މޯބައިލް ނަންބަރު ބޭނުން ކުރުން
  2. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެޑްމިނިސްޓްރޭޓިވް އެކައުންޓްތަކަކީ އެ އިދާރާއެއްގެ އައިޓީ ބަލަހައްޓާ ޑިޕާޓްމެންޓެއްގެ ބެލުމުގެ ދަށުގައި ހުންނަ އެކައުންޓްތަކެއްގެ ގޮތުގައި ހަމަޖައްސުން
  3. އެކައުންޓްތަކަކީ 2 ފެކްޓާރ އޮތެންޓޮކޭޝަން ބޭނުންކޮށްގެން ލޮގްއިން ކުރެވޭ އެކައުންޓްތަކަކަށް ހެދުން
  4. ރަސްމީ ސޯޝަލް މީޑިއާތަކުގެ ރޯލް ދެވިފައިވާ މުވައްޒަފުންގެ ރަޖިސްޓްރީ އެއް އެޗްއާރު ސެކްޝަންތަކުގައި ބަލަހައްޓައި އެ މުވައްޒަފުން އިދާރާއިން ވަކިވެގެންދާއިރު އެ މުވައްޒަފަކަށް ދެވިފައިވާ ސޯޝަލް މިޑިއާ އެކްސަސް ރިވޯކް ކުރުން
  5. ސޯޝަލް މީޑިއާގައި މައުލޫމާތު ޝާއިއު ކުރުމުގައި އަމަލުކުރާނެ ސްޓޭންޑާރޑް އޮޕަރޭޓިންގް ޕްރޮސީޖާއެއް އެކުލަވާލުން
  6. ސޯޝަލް މީޑިއާގައި އެ އިދާރާއެއްގެ ނަމުގައި އެހެން ޕޭޖްތަކާއި އެކައުންޓްތައް ހިންގާނަމް އެ ޕްލެޓްފޯމްތައް ރިޕޯޓްކޮށް ބްލޮކް ކުރުމުގެ މަސައްކަތް ކުރުން
  7. އިދާރާތަކުގެ ރަސްމީ އެކައުންޓްކުގެ މައުލޫމާތު ރަސްމީ ވެބްސައިޓްގައި ހިމަނައި އެފަދަ އެކައުންޓްތައް ވެރިފައިޑް އެކައުންޓްތަކަކަށް ހެދުމަށް މަސައްކަތް ކުރުން

ދައުލަތުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބެލެހެއްޓުމުގައި އެ ކަންކަމަށް ސަމާލުކަން ދިނުމަށް މިނިސްޓަރ މަލީހް ސޮއި ކުރައްވައި ނެރުނު ސާކިއުލާރގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް