ލުއިތައް ތަންފީޒުވާހެން ދެ ހަފްތާއަށް މާލޭގެ ފުރަބަންދު އިތުރުކޮށްފި

މެއި 27، 2020: ސިނަމާލެ ބްރިޖްއާ ދިމާލުން މާލޭގެ މަލަމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، އެ ލުއިތައް ތަންފީޒުވާނެ ގޮތަށް، ފުރަަބަންދުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފިއެވެ.

އެންމެ ފަހުން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރުނު އެންގުމުގައި ބުނެފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ލޮކްޑައުުންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ލޮކްޑައުންގެ މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުތަކަށް ނުކުތުން މަނާވާނެއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން މަނާވުމާއެކު، މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށްޓަށް މީހުން އަރާ ފޭބުން މަނާވާނެއެވެ.

މިފަހަރު ފުރަ ބަަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް، ގިނަ ލުއިތަކެއް ދިނުމަށް ވަނީ ނިންމައިފައެވެ. އެ ލުއިތަކަކީ:

  • ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމަށް ދެވޭ ހުއްދަތައް އިތުރުކުރުން
  • އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިޔަކާއެކު ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާދެމެދު ތިން ގަޑިއިރަށް ބޭރަށް ނުކުތުމުގެ އުޅުން
  • މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
  • މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން
  • ހުއްދަ ލިބިގެން ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަށް ދިއުމާއި އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި ދިއުން
  • އިކޮނޮމިކް މިނިސްޓްރީގެ ކަނޑައަޅާ އުސޫލެއްގެ ދަށުން ފިހާރަތަކާއިި އަމިއްލަ އޮފީސްތައް ހުޅުވުން
  • ކޮންސްޓްރަކްޝަން މަސައްކަތްތައްް މާލެ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކަށް ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން
  • ބޭންކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުން
  • ސިއްހީ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތައް ދިނުން އިތުރުކުރުން

ލޮކްޑައުންގެ ފިޔަވަޅުތަކުން އިސްތިސްނާ ވަނީ ސިފައިންނާއި ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ ދުއްވާ އުޅަނދުފަހަރާއި އެމްބިއުލެންސް އަދި އެންއީއޯސީގެ ހާއްސަ ހުއްދަ އޮންނަ ފަރާތްތައް އެކަންޏެވެ.

ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

comment ކޮމެންޓް