ލަންކާ ބޯޑަރު ހުޅުވާލާނީ އޮގަސްޓު މަހު

ލަންކާ އެއާޕޯޓު --

ސްރީލަންކާގެ އެއާޕޯޓު އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް އެގައުމުގެ ކޮވިޑް ޓާސްކްފޯހުން ލަފާ ދީފި އެވެ.

ލަންކާގައި ކޮވިޑް19 ފެތުރޭ މިންވަރު ކޮންޓްރޯލުވެ، އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅަށް ލުއިދީފައިވާއިރު، ލަންކާގެ ކޮވިޑް19 ޓާސްކްފޯހުން އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖްޕަކްސަ އަށް ލަފާދީފައި ވަނީ އޮގަސްޓު އެކަކުން ފެށިގެން ލަންކާގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލެވިދާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ލަންކާގެ ބޮޑަރު ޓޫރިސްޓުންނަށް ބަންދު ކުރީ މާޗު 18 ވަނަ ދުވަހު އެވެ. ލަންކާގެ އިގްތިސޯދަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ އިގްތިސޯދެކެވެ.

މިދިޔަ އޭޕްރީލް 30 އިން ފެށިގެން ލަންކާގައި ކޮމިޔުނިޓީ ސްޕްޑެއް ނޫޅޭ ކަމަށާއި މިހާރު ފެންނަ ކޭސްތައް ފެންނަނީ ކަރަންޓީނު ފެސިލިތީތަކާއި ނޭވީ ކްލަސްޓާ އިން އެކަނި ކަމަށް ޓާސްކް ފޯހުން ވަނީ ބުނެފަ އެވެ.

ރައީސް ގޮޓަބަޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޓާސްކްފޯހުގެ މި ލަފަޔަށް އަމަލު ކުރަން ފަށާއިރު ބައިނަލްއަގުވާމީ ސިއްހީ މާހިރުންނާއި އެގައުމުގެ ސިއްހީ މާހިރުންގެ ލަފާ އިތުރަށް ހޯއްދަވާނެ ކަމަށެވެ.

ލަންކާގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދީ، އެގައުމުގެ ފިހާރަތައް ހުޅުވާލާފައިވާއިރު ސަލާމަތީ ފިޔަވަޅުތަކާއެކު ރެސްޓޯރެންޓުތަކާއި ކެފޭތަކުގައި ޑައިން އިންގެ ހިދުމަތް ވެސް މިހާރު ދެވޭނެ އެވެ.

ސްރީލަންކާއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ގައުމެއްގެ ގޮތުގައި ޑަބްލިޔޫއެޗްއޯ އިން ފާހަގަކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެގައުމުގައި ކޮވޑް ޖެހިފައިވަނީ 1,319 މީހަކަށެވެ. ބަލީގައި 11 މީހަކު މަރުވި އިރު 712 މީހަކު ވަނީ ބަިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް