އަނެއްކާވެސް އާ ބާވަތެއްގެ މޫދުވިނައެއް ރާއްޖެއިން ފެނިއްޖެ

ރާއްޖޭގައި ހެދިފައި ހުންނަ މޫދު ވިނައިގެ ވައްތަރެއް ---

ރާއްޖެއިން މީގެ ކުރިން ފެނިފައި ނުވާ މޫދުވިނައިގެ އާ ބާވަތެއް ފެނުމާއެކު ރާއްޖެއިން މިހާތަނަށް ފެނުނު މޫދުވިނައިގެ ބާވަތްތަކުގެ އަދަދު އަށަކަށް އަރާފައިވާ ކަމަށް މޯލްޑިވްސް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓުން ބުނެފި އެވެ.

އެ ޕްރޮޖެކްޓުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، އާ ވައްތަރެއްގެ މޫދުވިނައެއް ފާހަގަ ވެފައި ވަނީ އިއްޔެ ބޭއްވި ވެބިނާއެއްގެ ތެރެއިން، މޫދުވިނައިގެ ފޮޓޯތަކެއް ބަލަމުން ދަނިކޮށް ކަމަށެވެ.

އާ ވައްތެރެއްގެ މޫދުވިނައިގެ ބާވަތް ފެނިފައިވަނީ ސްމޯލް އައިލެންޑް ރިސާޗް ޓީމުން ކުރި ދިރާސާއެއްގެ ތެރެއިން ކ.ހުރާއިންނެވެ. އަލަށް ފެނުނު މި ބާވަތައް ދީފައިވާ ސައިންޓިފިކް ނަމަކީ ހެލަޑޮއިލް ޔުނުނާވިސް އެވެ.

މީގެ އިތުރުން މިމަހުގެ ތެރޭ އައްޑޫ ނޭޗާ ޕާކުގައި ބޭއްވި ވެބިނާއެއްގެ ތެރެއިން، މޫދުވިނައިގެ ފޮޓޯތަކެއް ބަލަމުން ދަނިކޮށް ސައިމޮޑޭސިއާ ސެރަލާޓާ ކިޔާ ބާވަތެއްގެ އާ މޫދުވިނައެއް ވެސް ވަނީ ހޯދައިފަ އެވެ.

މިއާއެކު ރާއްޖެއިން ފެނިފައިިވާ މޫދުވިނައިގެ ބާވަތްތަކުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މީގެ އިތުރުން ރާއްޖެއިން މޫދުވިނައިގެ އިތުރު ވައްތަރުތައް ފެނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މޫދުވިނަ ނޮޅުމުގެ އާދަ ހުއްޓުވައި، އަދި މޫދުވިނަ ހިމާޔަތްކުރުމަށް މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ "ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް"ގެ ނަމުގަައި ބޮޑު ކެމްޕޭނެއް ވެސް ފަށައިފައެވެ. އެ ކެމްޕޭނުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެ ކެމްޕޭނު ފެށީ ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުންގެ ޓީމު "މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް"އާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޗެރިޓީ "ބްލޫ މެރިން ފައުންޑޭޝަން" ގުޅިގެންނެވެ.

މޯލްޑިވްސް ރެސިލިއެންޓް ރީޕްސް ޕްރޮޖެޓަކީ ވެސް ބްލޫ މެރިން ފައުންޑޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

comment ކޮމެންޓް