ކޮރޯނާވައިހަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ޔާރާ ޕްރޮޑަކްޝަން ޓީމުން ރިލީޒްކުރި ކުރު ފިލްމު "ފަރުދީ ޒިންމާ" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
އިއްޔެ ރޭ މި ފިލްމު ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު މި ފިލްމުގެ މޮޅު ވާހަކަ އަންނަނީ ދައްކަމުންނެވެ. އާންމުން އެންމެ ފާހަގަކުރީ އާމިނަތު ރަޝީދާ (އައިންތު)ގެ ބަދަލެއް ނުވާ މޮޅު އެކްޓިންއެވެ. އަދި އޭނާ ލައިގެން ހުރި ކިޓްގެ ފުރިހަމަކަމުގެ ވާހަކައެވެ. ކޮންމެއަކަސް މަންމަ އާއި ދަރިފުޅު ފެނިގެންދިޔަ ފަރުދީ ޒިންމާއަށް 25 ގަޑިއިރު ތެރޭގައި ވަނީ ދެލައްކައަށް ވުރެ ގިނަ މީހުން ބަލާފައެވެ.
މި ފިލްމުން ފެނިގެންދަނީ އައިންތު ދިރިއުޅޭ ހިސާބަށް އެމްބިއުލެންސެއް އަންނަތަން ފެނުމުން އައިންތު "ކަން ބަލަން" ފުލް ކިޓުގައި ދާންއުޅެން ފެށުމުން އައްޒަ އޭނާއަށް ނަސޭހަތްދޭތަނެވެ. ހަމައެއާއެކު ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބައި ގޭގައި ތިބުމަށް ވެސް މި ފިލްމުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ. މި ފިލްމުގައި އައްޒަގެ ދަރިފުޅު އީތަން ޖުމައިހު ވެސް ފެނިގެން ގޮސްފައިވެއެވެ. މި ފިލްމުގެ ކޮންސެޕްޓަކީ އައިންތުގެ ކޮންސެޕްޓެކެވެ. އަދި އެޑިޓްކޮށް ޑައިރެކްޓްކުރީ އަބްދުﷲ މުއާޒް އެވެ.
އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޔާރާ އިން ނެރުނު ކުރު ފިލްމު ހަގީގަތުގައިވެސް ދިވެހިން ބަލައިގެންފިއެވެ. މި ފިލްމު މިހާރު ބައިސްކޯފުން ވެސް ބަލާލެވޭނެއެވެ.