އެމްއެމްޕީއާރުސީގެ ތަހުގީގު ވަރަށް ބާރަށް އެބަ ހިނގާ: ސީޕީ ހަމީދު

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު 'ސަން' އަށް މީގެކުރީން ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ހިނގަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިރޭ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މުހައްމަދު ހަމީދު ވިދާޅުވީ ފާއިތުވި ހަފްތާގައި އެ މައްސަލަ ބަލަމުން ދަނީ ޖޮއިންޓް ތަހުގީގެއް ގޮތުގައި ކަމަށެވެ. އެ ޖޮއިންޓް ތަހުގީގުގައި ހިމެނެނީ އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަންގެ އިިތުރުން ފުލުހުންނެވެ.

"މިކަންތަކާ ގުޅިގެން މުއައްސަސާތަކުގެ ވެރިންގެ މެދުގައި ފާއިތުވި ހަފްތާގައިވެސް ވަނީ ދެ ފަހަރަކު އޮންލައިންކޮށް ބައްދަލުކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.

އެގޮތުން އެ މައްސަލައިގައި އެންމެ ފަހުން އާންމުކޮށްފައިވަނީ ހިޔާނާތުގެ ފައިސާ އެކި ގޮތްގޮތަށް ލިބިފައިވާ 267 މީހުންގެ ވާހަކަ ކަމަށާއި އެފަރާތްތަކުގެ މައްސަލަ މިހާރުން މިހާރަށް ބަލަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ތިން މުއައްސަސާއިން އެ މައްސަލަ ތަހުގީގުކުރަން ބޭނުންވާ އިންސާނީ ވަސީލަތައް ތަމްރީނުކުރުމުގެ މަސައްކަތް ދާދި ފަހުން ކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށް ކަމާ ބެހޭ މުއައްސަސާތަކުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މިހާރު މަސައްކަތް ފަށާފައެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް މަސައްކަތް ފެށިއިރު، ހަމަ މިފަދަ ގޮތަކަށް އެ ތަހުގީގުގެ މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީން އެއްވެ، ޖޮއިންޓް ކޮމިޓީއެއް މިހާރު ވަނީ އުފައްދަވާފައެވެ.

ޖޮއިންޓް ކޮމިޓީއިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުން ހިމެނެއެވެ.

އެމްއެޕްޕީއާރުސީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އައީ ބަލަމުންނެވެ. ނަމަވެސް އެ ކޮމިޓީން ބަލަން ފެށި އެހެން މައްސަލަތަކާ ހުރެ އެމްއެމްޕީއާރުސީގެ މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

ނަމަވެސް އޭގެ އަށް މަސް ދުވަސްފަހުން އިއްޔެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެމްއެޕްޕީއާރުސީގެ އޮޑިޓް ރިޕޯޓުގެ މައްސަލައާ މެދު ދެން އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް