ކޮވިޑްޖެހިގެން ފުރަތަމަ މަރުވި މީހާގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ރިޕޯޓުގައި ލަފާދީފައެއް ނުވޭ: ޑރ. ނަޒްލާ

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު، ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ --- ފޮޓޯ: އެންއީއޯސީ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ މަރުވި މީހާގެ މައްސަލައިގައި އިހުމާލެއް ވެގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ތަހުގީގު ރިޕޯޓުގައި ލަފާ ދީފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރު، ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މަރުވެފައިވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. މަރުވި މީހާ އަކީ، ކޮވިޑް ޖެހުނު މީހެއްގެ ފަސްޓް ކޮންޓެކްޓަށް ވުމުން ޓެސްޓް ހަދަން އޭނާގެ ސާމްޕަލް ނަގާފައިވާ މީހެކެވެ. އޭނާ މަރުވީ އެ ބައްޔަށް ޝައްކުވެގެން ސާމްޕަލް ނަގާފައި ވަނިކޮށެވެ. މީގެ އިތުރުން، އެ މީހާ ދިރިއުޅުނު ގެވެސް ހުރީ ކަރަންޓީނުގައިކަން ވެސް އެނގިފައިވެ އެވެ.

އެކަމާ ގުޅިގެން ކުރި ތަހުގީގުގެ ރިޕޯޓާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ބައެއްގެ އިހުމާލުވާ ކަމަށް ލަފާ ދީފައި ނުވި ނަމަވެސް ބައެއް ކަހަލަ ޕްރޮސީޖާތައް ހަރުދަނާކުރުމަށް ލަފާދީފައިވާ ކަމަށެވެ.

"އެހެންކަމުން އެކަންތައް އަންގާފައިވާ ގޮތަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފެށިފައި ވަނީ،" ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެމަރުގެ ކޭސްގެ އިތުރުން މައްސަލައެއް އުޅޭހެން ހީވާ ހުރިހާ ކޭސްތައް އިތުރަށް ބަލައި ހަދަނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޝަނުން ކަމަށެވެ.

ކޮވިޑް-19ގެ ފުރަތަމަ މަރުގެ ކޭސް ބެލި ބެލުމުގައި ބައެއް ކަންތައްތައް ލަސްވެފައިވާ ކަމަށް އެ ޑިވިޝަނަށް ފާހަގަވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެގޮތުން ސާމްޕަލް ނެގުމާއި، ހާއްސަކޮށް ސާމްޕަލްގެ ނަތީޖާ ލިބުމުގައި ލަސްވެފައިވާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލަތައް ހައްލުކުރުމަށް އަލަށް އަމަލުކުރަން ފަށާނެ ޕްރޮސީޖާތަކުގެ ތެރޭގައި ކޭސްއެއް ޕޮޒިޓިވް ވެއްޖެ ނަމަ، އޭގެ ކޮންޓެކްޓް ޓްރޭސިންގައި އުމުރުން ދުވަސްވީ މީހަކު ފާހަގަކުރެވިއްޖެނަމަ އެމީހެއްގެ އަލާމާތްތައް ނެތް ކަމުގައިވިނަމަވެސް އަވަހަށް ސާމްޕަލް ނެގުމުގެ ކަންތައް ކުރިއަށްދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަދި އޭގެއިތުރުން އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ފެސިލިޓީތަކަށް ގެންދަން ޖެހޭ މީހުން އަވަހަށް ގެންދިޔުމުގެ ކަންތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް