މީހުން ގޮވައިގެން ތައިލެންޑަށް ދާ ފަހު ފްލައިޓު ފުރައިފި

ރާއްޖޭގައި ތިބި ތައިލެންޑުގެ 15 މީހަކު އަނބުރާ ގައުމަށް ފުރުވާލައިފައެވެ.

މިއީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދާ އެންމެ ފަހު ފްލައިޓެވެ. މީގެކުރިން ތިން ފަހަރެއްގެ މަތިން ތައިލެންޑު ރައްޔިތުން ވަނީ ގައުމަށް ގެންގޮސްފައެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑުގެ ކޮންސިއުލޭޓުން ބުނީ މިއަދު ފުރި މޯލްޑިވިއަންގެ ފްލައިޓުގައި ރާއްޖޭގައި ތިބި 15 މީހަކު ފުރާފައިވާ ކަމަށެވެ.

އަދި ކޮލަމްބޯއިން ވެސް ތައިލެންޑުގެ 63 މީހަކު އެ ފްލައިޓުގައި ބެންކޮކަށް ދަތުރުކުރާނެ ކަމަށް ކޮންސިއުލޭޓުން ބުންޏެވެ.

މިއާއެކު ރާއްޖޭގައި ތިބި ތައިލެންޑުގެ 349 މީހަކު ވަނީ އަނބުރާ ގައުމަށް ފުރުވާލައިފަ އެވެ. ތައިލެންޑަށް މީހުން ގެންގޮސްފައި ވަނީ މޯލްޑިވިއަންގެ ޗާޓަޑް ފްލައިޓުތަކުގަ އެވެ.

މޯލްޑިވިއަން އިން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ރެސްކިޔު ފްލައިޓުތައް ވަނީ ބާއްވައިފަ އެވެ. އެގޮތުން ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއި ފަތުރުވެރިން ގެންދިޔުމަށް އެކި ފަހަރު މަތިން ފްލައިޓުތައް ބާއްވާފައިވެ އެވެ.

comment ކޮމެންޓް