ހުއްދަ ނެތި މާލެ އިން އޮމަދުއަށް ދިޔަ އަންހެނަކު ހައްޔަރު ކޮށްފި

އދ. އޮމަދޫ: ލޮކްޑައުން ކޮށްފަައި ހުއްދަ ނުހޯދައި މާލެ އިިން އެ ރަށަށް ދިޔަ މީހަކު އިއްޔެ ވަނީ ހައްޔަރު ކޮށްފައި ----

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް ކަމާބެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ނެތި އދ. އޮމަދުއަށް ދިޔަ އަންހެނަކު ފުލުހުން ހަައްޔަރު ކޮށްފި އެވެ.

މާލެ އިން ކޮވިޑް-19ގެ ބަލިމީހަކު ފެނުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު، ގްރޭޓާރ މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި ކޮންމެހެން ރަށަށް ދާން ޖެހޭ މީހުން ނަން ނޯޓު ކޮށް، 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ނޫނީ ރަށް ރަށަށް މީހުން އެރުވުން އެއްކޮށް ވަނީ ހުއްޓާލާފަ އެވެ.

ފުލުހުން ބުނީ، މާލެ ސަރަހައްދު ލޮކްޑައުންގައި އޮއްވައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމެއްނެތި، މާލެ އިން އޮމަދުއަށް ދިޔަ 24 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އެ ރަށަށް ގޮސްފައިވަނީ، މިދިޔަ ހުކުރު ދުވަހު އެ ރަށު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏަކުންނެވެ. އަދި އެއީ އެ ދޯނި މީހެއްގެ އަނބިމީހާ ކަން ވެސް ވަނީ އެނގިފައެވެ. ނަމަވެސް އަންހެން މީހާއަކީ ގއ އަތޮޅަށް ނިސްބަތްވާ މީހެކެވެ. އަދި މާލެ ލޮކްޑައުން ކުރުމުގެ ކުރިން އޭނާ ދިރިއުޅެމުން އައީ ވެސް މާލޭގަ އެވެ.

އޮމަދޫ ޓާސްކް ފޯސް އިން 'ސަން' އަށް ވާހަކަ ދެއްކި މެންބަރަކު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ހެނދުނު އެ ދޯނި ރަށަށް އައުމުން ޓާސްކް ފޯސްގެ ފަރާތުން ދޯނީގެ މައުލޫމާތު ނެގި ކަމަށާއި އަދި ފަޅުވެރިން ފިޔަވައި އިތުރު މީހަކު އެ ދޯނިން ދަތުރުުކޮށްފައިވާ ކަން އޭރު ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"މާލޭގައި ހުރި މީހަކު އެ ދޯނިން އައި ކަމުގެ ވާހަކަ ދެކެވެން ފެށުމާއި އެކު ޓާސްކް ފޯސްގެ ފަރާތުން އެ ގެއަށް ގޮސް ބެލިއިރު އޭނަ ހުރި ގޭގައި. ދެން އަޅުގަނޑުމެން މަޝްވަރާ ކުރުމަށްފަހު އެޗްޕީއޭއާއި ފުލުހުންނަށް ރިޕޯޓް ކުރީ،" ޓާސްކް ފޯސްގެ މެންބަރަކު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން ވަކި އެއްޗެއް އަންގަންދެން އެ ދޯނިން ދަތުރު ކުރި މީހުންގެ އިތުރުން އަންހެން މީހާ ހުރި ގެ އިން ވެސް މީހުން ނިކުތުން މަނާކޮށް އެކަން ލިއުމުން އަންގާފައިވާނެ ކަން ޓާސްކް ފޯސް އިން ވަނީ ބުނެފަ އެވެ.

މާލޭގައި އިން އެ ރަށަށް އަންނަން 26 މީހަކު ނަން ނޯޓް ކޮށްފައިވާއިރު އެ ލިސްޓްގައި ވެސް އެ އަންހެން މީހާ ހިމެނެ އެވެ.

މީގެ ކުރިން ވެސް ލޮކްޑައުންއާ ހިލާފް ވެގެން ބައެއް މީހުން ހައްޔަރު ކޮށްފައިވެ އެވެ. ނަމަވެސް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ ވެރި ރަށް މާލެ އިން ގަވާއިދާ ހިލާފަށް ބޭރުވުމުން މީހަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ފަސް ހާހަށް ވުރެ ގިނަ މީހުން މާލެ އިން ރަށް ރަށަށް އެނބުރި ދިއުމަށް ނަން ނޯޓް ކޮށްފައިވާއިރު އޭގެ ތެރެއިން ކޮންމެހެން ގެންދަން ޖެހޭ މީހުނަށް އިސްކަން ދީގެން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް އަންނަނީ ފޮނުވަމުންނެވެ.

comment ކޮމެންޓް