ފުރަބަންދުގައި އޮތަސް ޑްރަގުގެ ބޮޑު މައްސަލައެއްގައި 11 މީހަކަށް ދައުވާކޮށްފި

ފެބްރުއަރީ 12، 2020: ޕީޖީ ހުސެއިން ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 11 މީހަކަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ދައުވާ ކުރަން ފޮނުވީ ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މި އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި ތުހުމަތުވާ 11 މީހުންގެ މައްޗަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ. އެ އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ.

  1. މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް
  2. މ. ބޮއިލިންފިޝް، އަހްމަދު ވިސާމް
  3. މ. މާކޮޅު، މުހައްމަދު މާއިޝް
  4. މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް
  5. ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު
  6. މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު
  7. ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް
  8. މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް
  9. މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު
  10. މއ. ވިރާހް، މުހައްމަދު ޝާމިން
  11. މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު

މިއަދު ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ތުހުމަތުވާ 11 މީހަކަށް ދައުވާ ކުރަން ކްރިިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ހޯދި އެވެ.

އެ މައްސަލަ ކޯޓަށް ފޮނުވުމާ ގުޅިގެން ޕީޖީ ހުސެން ޝަމީމް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ ފުރަބަންދުގެ މި ހާލަތުގައި 576 ސޮފްހާގެ ދައުވާ ޝީޓެއް ތައްޔާރު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ކުރުމުގައި ހަރަކާތްތެރިވެ އެ އޮފީހުގެ ވަކީލުންނަށް ޝުކުރާއި ސާބަސް ދެއްވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލައިގައި ތަހުގީގު ހިންގާފައިވާ ގޮތަށް ވެސް ޝަމީމް ވަނީ ތައުރީފް ކުރައްވައިފަ އެވެ.

comment ކޮމެންޓް