އަންވަރު އިބްރާހިމް ނުވަތަ ދަރިވަރުންގެ ނަމުން ނަމަ، އަންވަރު ސާ އަކީ ދިވެހި އަދަބީ ޖައްވުގައި މިފަހަކަށް އައިސް ވިދާލާ އެއް ނަމެވެ. ލިޔުންތެރިކަމާއި، ޅެންވެރިކަމާއި، ވާހަކަދެއްކުމުގެ ފަންނުގައި އަންވަރުގެ ވިދުން ގަދަ އެވެ. އަންވަރުގެ ކައިރިން ދަރިވަރުވި އެތައް ކުދީންތަކެއް ދިވެހި ބަހަށް ހިދުމަތްކުރަމުންދާއިރު މި ފިތުރު އީދުގައި އަންވަރު ގެ މުޅީން ތަފާތު އާ ހުނަރެއްވެސް އެނގިގެން ހިނގައްޖެ އެވެ.
އޭނާގެ ކުލަދާނަ ކަން މިފަހަރު ދައްކަނީ މި އީދަށް ވައިބާގައި ބޭނުންކުރާނެ ދިވެިހ ސްޓިކާ ޕެކެއް ތައްޔާރުކޮށްގެންނެވެ. ޖުމްލަ 22 ސްޓިކާ އޭނާ ތައްޔާރުކޮށްފައި ވަނީ އީދުގެ ތަހުނިޔާ ކުރުކޮށް ފޮނިކޮށް ފޮނުވާލެވޭނެ ހުރިހާ މެސެޖެއްވެސް ހިމަނައިގެންނެވެ. މީގެ ކުރިން އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ތަފާތު ތަހުނިޔާގެ ކާޑުތަކާއި މެސެޖުތައް އޭނާ ފަރުމާކޮށްގެން ސޯޝަލް މީޑިއާޔާ ހިއްސާކުރިއަސް ސްޓިކާ ޑިޒައިންކުރުމަކީ މުޅީން އާ ތަޖުރިބާއެއްކަމަށް އަންވަރު ބުންޏެވެ.
"ވައިބާ ސްޓިކާ ޕެކް ހެދުން މިއީ އަލަށް ފެށި ކަމެއް. ނަމަވެސް ކުރިންވެސް ހާއްސަ މުނާސަބާތަކަށް ތަހުނިޔާ ކާޑު/ ޕޯސްޓަރު ފަދަ ތަކެތި ހަދައި މީސްމީޑިއާއަށް ލައި އުޅެން. އެހެންވެ މިފަހަރު ހިތަށް އެރީ ސްޓިކާ ޕެކެއް ހަދާނީއޭ. އަސްލު މިހިޔާލު އައީ އާއިލީ ގްރޫޕެއްގައި ކުއްޖަކު ހެދި ސްޓިކާތަކެއް ފެނުމުން. ހިތަށް އެރީ މިއީ ކޮށްލަން ރަނގަޅު ކަމެކޭ" އަންވަރު ބުންޏެވެ.
މިހާރު ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަންވަރު ބުނާގޮތުން މި މަސައްކަތް އެއްކޮށް ފުރިހަމަކުރުމަށް ހޭދަވީ އެންމެ ތިން ދުވަހެވެ. ސްޓިކާތަކުގައި ފެންނަން ހުރި ލިޔުންކޮޅުތަކަކީ އޭނާ އަތުން ލިޔުމަށްފަހު ކޮމްޕިއުޓަރުން ބައެއް އުނިއިތުރު ގެނެސް، ފޮޓޯ ހިމަނައިގެން ނިންމައި ފުރިހަމަކޮށްފައިވާ މަސައްކަތެކެވެ.
"ލިޔުންތަކަކީ އަމިއްލަ އަތުން ލިޔެފައި ހުރި ލިޔުުންތަކެއް. އެ ލިޔުންތައް ލިޔުމަށްފަހު ކޮންޕިއުޓަރުން އެއަށް ބައެއް ބަދަލުތަކެްއް ގެނައީ. އެއަށް އިތުރު ފުރިހަމަކަން ގެނައީ. ދެން އެއާއެކު ބައެއް ފޮޓޯތަކަކީ އެޑިޓްކޮށްފައި ހުރި ފޮޓޯތަކެއް. އެކަން ކުރީ އެޑޯބް ފޮޓޯޝޮޕް ބޭނުން ކޮށްގެން،" އަންވަރު ބުންޏެވެ.
އަދަބީ ދާއިރާއިން ޒުވާނުންގެ ގައުމީ އިނާމާއި، ވާހަކަދެއްކުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިފައިވާއިރު، ގިނަ އަދަދެއްގެ އަދަބީ މުބާރާތްތަކުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ރަންވަނަތަކެއް ވެސް އަންވަރު ހާސިލްކޮށްފައިވާއިރު މި ސްޓިކާތަކާއި އެކު އޭނާގެ ހުނަރުގެ ލިސްޓަށް އިތުރު ބޮޅެއް ގައިމުވެސް އިތުރުވެއްޖެ އެވެ.
ސްޓިކާތަކަށް ބަލާއިރު، ދިވެހި ތާނައިގެ އަކުރުތައް އެޅުމުގައި ބޭނުންކޮށްފައި ހުރި އުކުޅުތަކުގެ މޮޅުކަމާއި، އަރަބި ސިފަތަކެއް ފެނިގެންދެ އެވެ. އަދި އީދާއި ގުޅޭ އެކި އާދަތަކާއި ގުޅޭ ބައެއް މަންޒަރުތައްވެސް ހިމެނޭއިރު، ކޮވިޑް19ގެ މިހާލަތާއި ގުޅޭހެންވެސް ސްޓިކާތައް ފަރުމާކޮށްފައިވެ އެވެ.
"ސްޓިކާ ހެދުމުގައި ވިސްނީ އީދު ތަހުނިޔާ ކިޔިދާނެ ގޮތްތަކަކަށް. އިސްލާމީ ވަންތަކަމާއި ދިވެހިވަންތަކަން ވެސް ފެންނާނެ ގޮތަކަށް ސްޓިކަރތައް ހެދުމަށް. އެހެންވީމާ ބައެއް ސްޓިކަރތަކުގައި ތާނައިން ލިޔެފައި ހުރިނަމަވެސް ޢަރަބި އަކުރުގެ ބައްޓަން ސިފަވާނެ ގޮތަކަށް ފަރުމާ ކޮށްފައިވާނެ." އޭނާ ބުންޏެވެ.
މީގެއިތުރުންވެސް އަންވަރު ވަނީ މުޅި ދުނިޔެއަށް ފެތުރިފައި މިވާ ބަލިމަޑުކަމާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ކޮވިޑް19 އަށް މީހުންގެ ލޯ ހުޅުވާލިދިނުމުގެ ގޮތުން ހަތަރު ވީޑިއޯއެއް ހަދައި ހިއްސާކޮށްފައިވެ އެވެ. އަދި ކޮރޯނާފަދަ ރޯގާތަކުން ސަލާމަތްވާނެ ގޮތްތަކަށް ކުޑަކުދިން ހޭލުންތެރިކުރުވުމަށް ކުޑަކުދިންގެ ވާހަކަފޮތެއް އޭޝިއާ ފައުންޑޭޝަންގެ "ލެޓްސްރީޑް" މަންސާގައިވެސް ޝާއިރުކޮށްފައިވެ އެވެ. އަދި އެފޮތުގެ އިނގިރޭސި ތަރުޖަމާއެއްވެސް ވަނީ ޝާއިރުކޮށްފަ އެވެ.
އަންވަރުގެ އީދު ސްޓިކާ ޕެކުން އޭނާއަށް އެންމެ ކަމުދާ ސްޓިކާއަކީ ތާނައަކުރުތައް ވަރަށް އަރަބި ސްޓައިލްއަކަށް ލިޔެ ފަރުމާކޮށްފައިވާ ސްޓިކާއެކެވެ. އޭނާ ބުނާގޮތުން މި ސްޓިކާގައި އީދުމުބާރިކް އަޅާއިލެވިފައިވާ ގޮތާއި ފަސް މަންޒަރުވެސް އޭނާއަށް ވަރަށް ކަމުދެ އެވެ.
ބަހާއި ސަގާފަތުގެ ދާއިރާއިން އަންވަރު މާސްޓާސް ހާސިލްކޮށްފައިވާއިރު، މިހާރު އޭނާ ދަނީ ގައުމީ ޔުނިވާސިޓީއިން އެޕްލައިލިންގުއިސްޓިކް ދާއިރާއިން ޕީއެޗްޑީއަށްވެސް ކިޔަވަމުންނެވެ. ދިވެހި ބަހާއި އަދަބަށް ހިދުމަތްކުރުމުގެ ތެރެއިން އޭނާ ފެށި މި މަސައްކަތަކީ ހަމަގައިމުވެސް ގިނަބަޔަކަށް ވަރަށް ކަމުދާނެ މަސައްކަތެކެވެ.
މި ސްޓިކާޕެކް ވަައިބާއިން އަގަކާ ނުލާ ޑައުންލޯޑް ކުރެވޭނެ އެވެ. އެހެންކަމުން ގޭގައި ތިބެގެން "ވާޗުއަލް"ކޮށް ގާތްތިމާގެ އެންމެނަށް އަންވަރު ސާގެ މި ސްޓިކާތަކުން އީދު މުބާރިކް ކިޔާލާށެވެ.