މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ސަން އޮންލައިން އިން ގެނެސްދިން ސެގްމެންޓްތަކުގެ ތެރެއިން ސަންބަދިގޭ ފަހު އެޕިސޯޑާއި ހިސާބަށް އާދެވުނީ އެވެ. ތަފާތު ފަސް ކެއްކުންތެރިންގެ މީރު ރަހަތަކާއި ހުނަރު ފެނިގެންދިޔަ މި ސެގްމެންޓަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ތަރުޙީބާއި ލޯތްބަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.
ފަހު ރެސިޕީވެސް އަހަރެމެންނާ ހިއްސާކޮށްލީ މަޝްހޫރު ފުޑް ބްލޮގަރު، އެލީޝާ އިސްމާއިލް (ނޮނާ)އެވެ.
ޝެފްގޭމްސްޓްރޯންގް ގެ ރަހަތަކުގެ ޖާދޫގައި އަހަރެމެން އެންމެންވަނީ ނިކަން ރަނގަޅަށް ޖައްސާފަ އެވެ. މިފަހަރު ނޮނާ ހިއްސާކޮށްލީ ބަނާނާ ބްރެޑެއް ތައްޔާރުކޮށްލާނެ ގޮތެވެ. ތިހީވީ ރަނގަޅަށެވެ. މިއީ އާދައިގެ ބަނާނާ ބްރެޑެއް ނޫނެވެ. ޓްވިސްޓަކާއެކު "ސިނަމަން ސްވާލް ބަނާނާ ބްރެޑް" ތައްޔާރުކުރާނެގޮތް ނޮނާ ވަރަށް ފުރިހަމައަށް ވަނީ ކިޔާދީފަ އެވެ. ކިޔާލާ ބަލައިލާށެވެ.
ބޭނުންވާތަކެތި:
ބަނާނާ ބްރެޑް ފުށްގަނޑު ތައްޔާރުކުރުމަށް
- 1 1/3 ޖޯޑު އޯލް ޕާރޕަސް ފްލަރ
- 1 ސައިސަމުސާ ބޭކިން ސޮޑާ
- 1 ސައިސަމުސާ ލޮނު
- 1/2 ޖޯޑު ބަޓަރ (މެލްޓްކޮށްފައި)
- 2 ބިސް
- 1/4 ޖޯޑު ގްރެނިއުލޭޓަޑް ވައިޓް ޝުގަރ
- 1/4 ޖޯޑު ބްރައުން ޝުގަރ
- 1/2 ޖޯޑު ޔޯގަޓް
- 1 މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ)
- 1/4 ސައިސަމުސާ ނަޓްމެގް
- 1 މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް (ވެނީލާ އެސެންސް)
- 3 ދޮންކެޔޮ (ރަނގަޅަށް ދޮންވެފައި އަދި މޭޝް ނުވަތަ ޗަސްކޮށްފައި)
- 1/2 ޖޯޑު ޗޮކުލެޓް ޗިޕްސް
ސިނަމަން ސުވާލް ހެދުމަށް
- 1/2 ޖޯޑު ބަޓަރ (މަޑުކޮށްފަ)
- 1/2 ޖޯޑު ބްރައުން ޝުގަރ
- 2 މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ)
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ބޭކިންގ ޓްރޭ ރަނގަޅަށް ގްރީސް ކޮށްލާށެވެ. ބަޓަރކޮޅެއް ނޫނީ ތެޔޮފޮދެއް ހާކާލިޔަސް ރަނގަޅުވާނެ އެވެ.
އެއަށްފަހު ބޯތައްޓެއްގައި 1 1/3 ޖޯޑު ފުށް އަދި ސައިސަމުސަލެއްގެ ބޭކިންގ ސޮޑާ އެއްކޮށްލާށެވެ. އެއަށްފަހު 1/2 ޖޯޑު މެލްޓްކޮށްފައި ހުރި ބަޓަރ އަދި 2 ބިސް އެޅުމަށްފަހު، 1/4 ޖޯޑު ބްރައުން ޝުގަރ އަދި 1/4 ޖޯޑު ގްރެނިއުލޭޓަޑް ވައިޓް ޝުގަރ މިކްސްއަށް އެޑްކޮށް، ހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާނީއެވެ.
ރަނގަޅަށް މިކްސްކޮށްލެވުމުން، 1/2 ޖޯޑު ޔޯގަޓް އެޅުމަށްފަހު އަދިވެސް އެއްފަހަރު ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރަނީއެވެ. ދެން 1 މޭޒުމަތީ ސަމުސާ ފޮނިތޮށި އަދި 1/4 ސައިސަމުސާ ނަޓްމެގް ވެސް އަޅާށެވެ. 1 މޭޒުމަތި ސަމުސާ ވެނީލާ އެކްސްޓްރެކްޓްވެސް އެޅުމަށްފަހު އިންގްރީޑިއަންޓްސް މިކްސްކޮށްލަންވާނެއެވެ.
އެންމެ ފަހު ކަމަކަށް ބެޓަރ ގަނޑަށް މޭޝްކޮށްފައި ނުވަތަ ޗަސްކޮށްފައިހުރި ދޮންކެޔޮ އަދި 1/2 ޖޯޑު ޗޮކްލެޓް ޗިޕްސް އެޑްކޮށްލުމަށްފަހު އެއްކޮށްލާށެވެ. ކިޔުންތެރިންނަށް ކަމުދާ ވައްތަރެއްގެ ޗޮކްލެޓް ޗިޕްސް ބޭނުންކުރަންވީއެވެ.
ސިނަމަން ސްވާރލް ތައްޔާރުކުރުމަށް ވީޑިއޯ އިން ފެންނަގޮތަށް 1/2 ޖޯޑު ބަޓަރ(މަޑުކުރެވިފައިވާ) އަދި 1/2 ޖޯޑު ބްރައުން ޝުގަރ ރަނގަޅަށް ކްރީމް ކޮށްލާށެވެ. 2 މޭޒުމަތީ ސަމުސާ ފޮނިތޮށިވެސް އެޑްކޮށް އަދި ރަނގަޅަށް މިކްސް ކޮށްލާށެވެ.
ޓްރޭއަށް ބަނާނާ ބްރެޑް ބެޓަރގަނޑުން ބައެއް އެޅުމަށްފަހު ތައްޔާރުކުރި ސިނަމަން ސުވާރލްގެ ލޭޔަރ އެއް އަޅައި ވީޑިއޯ އިން ފެންނަގޮތަށް ސްވާރލްކުރަމުން ގެންދާށެވެ.
ބަނާނާ ބްރެޑްގެ ބެޓަރގަނޑު ހުސްވަންދެން މިގޮތަށް ރިޕީޓްކުރަމުން ގެންދާށެވެ.
ބޭނުންނަމަ އެންމެ ފަހު ސްޓެޕްއަކަށް ސްލައިސްކޮށްފައި ހުރި ބަނާނާ ފޮތިތައް ބެޓަރގަނޑުގެ މަތީގައި އަތުރާލާ ޗޮކްލެޓް ޗިޕްސްކޮޅެއްވެސް އެޑްކޮށްލާށެވެ.
180 ޑިގްރީ ސެލްސިއަސްގައި 40-45 މިނިޓް އާއި ދެމެދުގެ މިންވަރަށް ފިހެލާށެވެ.
20 މިނިޓް ވަންދެން ބަނާނާ ބްރެޑް ހިހޫކޮށްލަން ބަހައްޓާށެވެ.
ޢީދު ދުވަހުގެ ހެނދުނު ސަޔަށް ނޫނީ ހަވީރު ސަޔަށް ސިނަމަން ސުވާލް ބަނާނާ ބްރެޑް ސަޅިވާނެ އެވެ. މިއަދު ތައްޔާރުކޮށްނުލެވުނަސް ދެރަ ނުވާށެެވެ. ހަރޯދަ ވެސް އޮތީ ކުރިއަށެވެ.
ސަން ބަދިގެ ޓީމް އަދި މިފަހަރު އަހަރެމެންނަށް ރެސިޕީތައް ހިއްސާކޮށްދިން ހުރިހާ ފަރާތްތަކެއްގެ ފަރާތުން ކިޔުންތެރިންނަށް ކުޑަ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.