ލޮކްޑައުންގައި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން އޮންލައިންކޮށް ހުށަހެޅޭ ގޮތް ހަދައިފި

މާލޭ ސިޓީ ކައުންސިލް އިދާރާ -- ސަންފޮޓޯ/ ފަޔާޒު މޫސާ

މިޙާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއެކު މާލެ ލޮކްޑައުން ކޮށްފައި އޮންނަ މިހާލަތުގައި އަލަށް އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓަށް އެދި އޮންލައިންކޮށް ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ.

ސިޓީ ކައުންސިލްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސެޓްފިކެޓް ހައްދަން ބޭނުންވާ ފަރާތްތަކުން ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަަމަށެވެ.

މިހާލަތުގައި ދޫކުރާނީ ވަގުތީ ސެޓްފިކެޓެއް ކަމަށާއި އެ ސެޓްފިކެޓް ބޭނުންކުރެވޭނީ ފުރަބަންދުގެ ހާލަތު ނިމެންދެން ކަމަށްވެސް ވަނީ ބުނެފައެވެ.

"އަދި ދާއިމީ އަސްލު ސެޓްފިކެޓް ލިބިވަޑައިގަންނަވާނީ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓްފިކެޓް މި ކައުންސިލަށް ހުށަހެޅުމުން ކަމުގައި ދަންނަވަމެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން އަމަލުކުރާނެ ސީދާ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.

ކޮރޯނާ ޖެހިފައިވާ 1247 މީހަކު ރާއްޖެއިން ފެނިފައިވާއިރު ބަލީ ހަތަރު މީހަކު ވަނީ މަރުވެސްވެފައެވެ.

comment ކޮމެންޓް