ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި ރާނބާފަތުގެ ދައުރު ބޮޑެވެ. ބަތް ކެއްކިޔަސް ރާނބާފަތް ހިމަނަންޖެހެއެވެ. ރިހަ ތެއްޔަށް ވެސް މަދުވެގެން ދެ އިންޗީގެ ރާނބާފަތްކޮޅެއް ވައްޓާލަން މަޖުބޫރެވެ. ބޮނޑިބަތުގެ އެކި ވައްތަރުތަކުގައިވެސް ރާނބާފަތް ހިމަނާނުލެވިއްޖެނަމަ ގިނަ ކެއްކުންތެރިން އޭގެ ރަހަ އާއި މެދު ހިތްހަމައެއްނުޖެހެއެވެ.
މިއަހަރުގެ ރޯދަމަސް މިއަދު އަހަރެމެންނާ އަލްވަދާޢު ކިޔާއިރު ސަންބަދިގޭގައި މިހިމަނާލަނީ މަރިޔަމް އަހުމަދުގެ ރެސިޕީޢެކެވެ. މިއޮތީ މި ރޯދަމަހު ސޯޝަލް މީޑިއާގައި ބޮޑު މަޤްބޫލްކަމެއް ހޯދަމުން އަންނަ "ޕެންޑަން ކްރޭޕް" ގެ މަރީވީއެމްއެމްގެ ވާޝަން، ރާނބަފަތު ކާށި ފޮޅި ރެސިޕީއެވެ. އަޖުމަބަލާލާށެވެ.
ބޭނުންވާ ތަކެތި:
ކާށި ހުނި ފިލިންގ ހެދުމަށް
- 1 ޖޯޑު ކާށި ހުނި
- 1/2 ޖޯޑު ގެރިކިރު
- 1 މޭޒުމަތީ ސަމުސާ ކޯންފްލަރ
- 2 ބިހުގެ ގޮބޮޅި
- 3/4 ޖޯޑު ފުލްކްރީމް ކިރު
- 2 މޭޒުމަތީ ސަމުސާ ބަޓަރ
ފޮޅި ފިހުމަށް
1 ޖޯޑު ފުށް
2 ބިސް
1/2 ޖޯޑު ފުލްކްރީމް ކިރު
1/2 ޖޯޑު ރާނބާފަތުގެ ދިޔަ (މިކްސަރުން ގިރުމަށްފަހު ފުރާނާފަ)
ބަޓަރ ފިޔަވާ ބާކީ ހުރި ބާވަތްތައް ވީޑިއޯއިން ފެންނަގޮތަށް އެއްކޮށް ކައްކާލާށެވެ. އެއަށްފަހު އުނދުންމަތިން ބޭލުމަށްފަހު ބަޓަރ ކޮޅު އެއްކޮށްލާށެވެ. ބަޓަރ ކޮޅު ރަނގަޅަށް ވިރެންދެން އެއްކޮށްލާށެވެ. ކާށި ހުނި ފިލިންގް ތައްޔާރުކޮށްލުމަށްފަހު ދެން ފޮޅި ފިހެލަންވީއެވެ.
މަރީވީއެމްއެމް ފޮޅި ފިހަން ބޭނުންވާ ފުށްގަނޑު ތައްޔާރުކުރަން، ރާނބާފަތުގެ ދިޔަ ހެދުމަށް 4 ރާނބާފަތް 1/2 ޖޯޑުގެ ފެނުގައި މިކްސަރުން ރަނގަޅަށް ގިރާލުމަށްފަހު ފުރާނާލީއެވެ.
އެއަށްފަހު ފޮޅި ފިހަން ބޭނުންވާ 1 ޖޯޑު ފުށާއި، 2 ބިސް އަދި 1/2 ޖޯޑު ފުލްކްރީމް ކިރު، 1/2 ޖޯޑު ރާނބާފަތުގެ ދިޔަ އާއި އެއްކޮށް މިކްސަރަށް އަޅާ ރަނގަޅަށް ގިރާލުމަށްފަހު، މި މިކްސްވެސް ފުރާނާލަން ވާނެއެވެ.
ވީޑިއޯއިން ފެންނަގޮތަށް ތަވައެއްގައި ފޮޅިތައް ފިހޭށެވެ. އަހަރެމެން އާއްމުކޮށް ރިހަފޮޅި ފަދަ ތަކެތި ތައްޔާރުކުރާގޮތަށް ކާށި ހުނި ފިލިންގ ފޮޅިތެރެއަށް އަޅާލުމަށްފަހު އޮޅާލާށެވެ. ރާނބާފަތު ކާށި ފޮޅި ތިތައްޔާރުކޮށްލެވުނީއެވެ.
ގާރނިޝްކޮށްލަން ބޭނުންވާނަމަ ކާށި ހުނިކޮޅެއް ކުޑަ ހަކުރުކޮޅަކާއި އެކު މަޑުގިނީގައި ތަވާގައި ހަނާކޮށްލުމުން ގާރނިޝްއެއްގޮތަށް ބޭނުންކޮށްލަން ވަރަށް ހިތްގައިމުވާނެއެވެ.