ކޮވިޑް-19ގެ މައްޗަށް ކާމިޔާބު ހޯދިކަން ރަސްމީކޮށް ޗައިނާ އިޢުލާނުކޮށްފި

ޗައިނާގެ ޕާލަމެންޓް

ބެއިޖިންގް (22 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19"ގެ މައްޗަށް ކާމިޔާބު ހޯދިއްޖެކަން ޗައިނާއިން ރަސްމީކޮށް އިޢުލާނުކޮށްފި އެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިޔާން ވިދާޅުވީ ޗައިނާގެ ޕާލަމެންޓް "ނެޝަނަލްސް ޕީޕަލްސް އެސެމްބްލީ"ގެ ހޫނު މޫސުމުގެ ދައުރު އިފްތިތާޙު ކުރުމުގެ ގޮތުން މިއަދު ވާހަކަ ދައްކަވަމުން ލީ ވިދާޅުވީ ވަރުގަދަ މަސައްކަތްތަކެއް ގިނަ ގުރުބާނީތަކެއްވެގެން "ކޮވިޑް-19"ގެ މައްޗަށް ޗައިނާގެ ރައްޔިތުން ކާމިޔާބު ހޯދައިފިކަމުގަ އެވެ. މި ކާމިޔާބީ ހާސިލް ކުރެވުނީ ޗައިނާގެ ފިރިހެނުންނާއި އަންހެނުން ހިމެނޭގޮތަށް މުޅި ރައްޔިތުން ގުޅިގެން އެ ވައިރަސް އާ ދެކޮޅަށް މަސައްކަތްކޮށް އެއްބައިވަންތަ ކަމުގެ ވަރުގަދަ ފާރެއް ބިނާކޮށްގެން ކަމުގައެވެ.

މިއީ ކޮވިޑް-19ގެ މައްޗަށް ކާމިޔާބު ހޯދިއްޖެކަން ޗައިނާއިން ރަސްމީކޮށް އިޢުލާނުކުރި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 ޗައިނާއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އެއަށް ފަހު އެ ރޯގާ ޗައިނާގައި ފެތުރިގެން ދިޔުމުން މުޅި ޗައިނާ ވަނީ ތިން މަސް ބައި ވަންދެން ފުރަބަންދުކޮށް އިގްތިސާދީ ހަރަކާތްތައް ހުއްޓާލައިފަ އެވެ.

ލީކިޗިއާން ޗައިނާގެ ޕާލަމެންޓް ހުޅުއްވަނީ

ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭ ހިސާބަށް މިދިޔަ އެޕްރީލް މަހުގެ ކުރީކޮޅު ގައެވެ. އެއަށް ފަހު އެ ވައިރަސް ޖެހޭ މީހުންގެ އަދަދު ޗައިނާގައި ދުވަހެއް ދުވަހަކަށް މަދުވަމުން ގޮސް މިހާރު ޗައިނާއިން ދުވާލެއްގެ މައްޗަށް އެކަކު ޕޮޒިޓިވް ނުވާދުވަސް ވަރަށް ގިނައެވެ.

މިދިޔަ ހަފްތާގައި ޗައިނާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ ހަތަރު މީހެކެެވެ. ޗައިނާގައި 82،0000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 4،000 މީހުން އެ ރޯގާގައި މަރުވެ 78،0000 މީހުން ރަނގަނޅުވެފައިވެ އެވެ. މިހާރު ކޮވިޑް-19 ޖެހި ރަނގަނޅުނުވެ ޗައިނާގައި ތިބީ އެންމެ 82 މީހުން ކަމަށް އެގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި އެވެ.

ޗައިނާ މިހާރު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ ފިޔަވަޅު އުވާލައިފަ އެވެ. އަންނަމަހު ސަރަހައްދީ ރޮނގުތައް ހުޅުވާލައި ބޭރުގެ ވައިގެ ދަތުރުތައް ފަށާނެކަން ވެސް ޗައިނާ ވަނީ އިޢުލާނުކޮށްފަ އެވެ. އެތެރޭގެ ވައިގެ ދަތުރުތައް މިމަހުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ.

ނަމަވެސް މާސްކް އެޅުމާއި ގައިދުރުވުންފަދަ ކޮވިޑް-19 އިން ސަަލާމަތް ވުމަށް އަޅާފައިވާ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޗައިނާ އަދިވެސް ގެންދަނީ ހަރުކަށިކޮށް ތަންފީޒު ކުރަމުންނެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް