ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 30

"ދޮރު ނުހުޅުވައިފި ނަމަ އެހެރަ އާނގަވަޅުން އެތެރެއަށް ފުންމާލައިގެން ވެސް އަހަރެން ގޭތެރެއަށް ވަންނާނަން." ޒިޔާދު ބުންޏެވެ.

"އެހެން ހަދައިފިއްޔާ އަހަރެން ހަޅޭއް ލަވައި ގަންނާނަން. އޭރުން އަވަށުގެ މީހުންނަށް އިވި، އެއްމެން މި ތަނަށް ޖަމާ ވާނެ. އަދި ކަލޭގެ އަގު ވެއްޓޭނެ." ޒުބައިދާ އިންޒާރު ދިނެވެ.

"ހާދަ ގޮތް ދޫ ނުކުރާ ކުއްޖެކޭ!" ޒިޔާދު ހިތާހިތާ ކިޔައިލިއެވެ. އަދި އެ ގެއާ ދުރަށް ހިނގައިގަންނަމުން ބުންޏެެވެ. "އެކަމަކު އަހަރެން އަދިވެސް އަންނާން. އަހަރެން މި ކަމެއް ހުއްޓައެއް ނުލާނަން."

ޒިޔާދު ދިއުމުން ޒުބައިދާ ރޯން ފެށިއެވެ. ބޮޑުބޭބެގެ ދަރިފުޅުގެ އަމަލުތައް ހުރި ގޮތާއި ވިސްނުން ހުރި ގޮތް ފެނިފައެވެ.

ޒުބައިދާ އެ ވާހަކަތައް އޭނާގެ ރަހުމަތްތެރި ހިންދާ ހިއްސާ ކުރިއެވެ.

"ތިޔަ ހެން ކަންކަން ސިއްރު ކޮށްގެން ހުންނާކަށް ނުވާނެ. ތިބާގެ ބޮޑުބޭބެގެ ދަރިފުޅު ޒިޔާދު އެވަނީ އޭނާގެ އަމަލުތައް ހުންނާން ޖެހޭ ހައްދުން ބޭރަށް ގެންގޮސްފަ. ބައްޕަ ގާތުގައި ތިޔަ ވާހަކަތައް ބުނޭ." ހިންދު އޭނާ ދެކޭ ގޮތް ހާމަކޮށް ލަފާ ދިނެވެ.

"ބައްޕައަށް ބޮޑުބޭބެ ކިޔާ މާ ގިނަ ބަޔަކު ތިބީކީ ނޫޫން. އެންމެ ގާތްކޮށް އައިސް އުޅެނީ ވެސް ޒިޔާދު. ވީ އިރު، ޒިޔާދުގެ އެފަދަ ވާހަކައެއް އިވިއްޖެ ނަމަ ބައްޕައަށް ކެތް ނުކުރެވޭ ވަރުގެ އަސަރެއް ކުރާނެ. އަހަރެންގެ ބޮޑުބޭބެގެ ދަރިފުޅު ފަލީހަތް ވާން ވެސް އަހަރެންނެއް ނޭދެން." ޒުބައިދާ ބުންޏެވެ.

"ތިޔަހެންވެއްޖެއްޔާ އޭނާގެ އެ އަމަލު ތަކުރާރު ވިޔަސް، އެ ކަމަށް ކެތް ކޮށް ލައިގެން އމިއްލަ ނަފްސަށް މަލާމާތް ކޮށްލަކޮށްލާ އިނދޭ." ހިންދު ބުންޏެވެ.

"ތިޔަހެނެއް ނުވާނެ. އަހަންނަކީ ހިތްވަރު ބަލި، ފިނޑިއެއް ނޫން. އަހަންނަކީ މިނިވަނެއް. އަހަރެންގެ ނުރުހުމުގައި ގަދަކަމަކުން އެއްވެސް މީހަކަށް އަހަރެން ލައްވައިި ކަމެއް ނުކުރުވޭނެ. އަންހެނަކު ފިރިހެނަކާ ވާހަކަ ދައްކައި ގާތްކަން ބެހެއްޓުމުގެ އެތަކެއް ސަބަބެއް އޮވެ ދާނެ. އެހެންނަމަވެސް ފިރިހެނަކު އަންހެނަކާ ގާތްކަން ބޭއްވުމަށް މަސައްކަތް ކުރާނީ ވަރަށް މަދު ފަހަރަކު ނޫނީ އެމީހުންގެ ލައްޒަތަށް ޓަކައި. ބައެއް ފަހަރު ޖިސްމާނީ ލައްޒަތަކާ ހަމަޔަށް ދާން އަޅާ ފިޔަވަޅުތައް ލަސް ވިޔަސް އަދި ނުސީދާކޮށް ކަންކަން ކުރަމުން ދިޔަޔަސް އެމީހުންގެ އާޚިރުު މަގްސަދަކީ އެއީ. މިކަން ނުދަނެ، ފިރިހެނުންގެ ވެސް ވިސްނުން ހުންނަނީ ތިމާމެންގެ ވިސްނުން ހުންނަ ހެން ކަމަށް ހީވެގެން ފިރިހެނުންނާ ވާހަކަ ދައްކާ އަންހެނުންނަށް ލަނޑު ލިބެނީ. އަހަންނަކީ ފިރިހެނުންގެ ވިސްނުން ހުންނަ ގޮތް ނޭނގޭ މީހެއް ނޫން. ވީމާ އެއްވެސް ފިރިހެނަކަށް އައިސް އަހަރެން އެކަނި އިންދައި ވާހަކަ ދައްކާށޭ ކިޔާފައި އައިސް އަހަންނާ ވާހަކަ ދެއްކުމުގެ ފުރުސަތެއް އަހަރެން ނުދޭނަން." ޒުބައިދާ ބުންޏެވެ.

"ޒުބައިދާ ބުނީމެއްނު ޒިޔާދާ މެދު ގަޔާ ވާ ވާހަކަ." ހިންދު ބުމަ ހިއްލައިލަމުން ބުންޏެވެ.

"އަހަރެން ޒިޔާދާ ގަޔާ ވިޔަސް، އަހަރެންގެ އިއްފަތްތެރިކަން ނަގައިލުމުގެ ފުރުސަތު އޭނާއަކަށް ވެސް ނުދޭނަން. އަހަރެންގެ އުނޫސަތު އަހަރެން އެއްވެސް މީހަކާ ހިއްސާ ކުރާނީ އަހަރެންނާ ކައިވެނި ކުރުމުން." ޒުބައިދާ ބުންޏެވެ.

"އެކަމަކު ޒިޔާދު މިހާރު ހީ ކުރާނީ ޒުބައިދާ އޭނާއާ ގަޔާ ނުވަނީ ކަމަށް. ވީ އިރު ކައިވެންޏަށް އެދިގެން ޒުބައިދާގެ ބައްޕަގެ ގާތަށް އޭނާ އަތުވެދާނެ ތަ؟ ޒުބައިދާ ވެސް އޭނާޔާ ގަޔާ ވާ ކަން އަންގާލަން ވީއެއްނު." ހިންދު ބުންޏެވެ.

"ނޫން. އޭނާއަށް އެ ކަން އެނގިިއްޖެ ނަމަ، އޭނާ ބޭނުން ވާނީ އަހަރެން އެކަނި ގޭގައި އިންނަ ވަގުތުތަކުގައި އަހަރެންގެ ގާތަށް އަންނާން. އެ ވާނީ ނޭނގި ތިއްބައި ގޯހެއް ހެދިގެން ދިއުމުގެ ފުރުސަތަކަށް. ގޯހެއް ހެދިދާނެ އެއްވެސް ކަމަކަށް އަހަރެން ފުރުސަތެއް ނުދޭނަން." ޒުބައިދާ ބުންޏެވެ.

"ރަނގަޅު! އަހަރެން ތިޔަ ވިސްނުމަކާ ދެކޮޅެއް ނަހަދާނަން." ހިންދު ބުންޏެވެ.

*****

"ދަރިފުޅާ! ދަރިފުޅުގެ ކައިވެންޏަށް އެދި އާޝިރު ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރާން ތިޔަ އުޅެނީ ކީއްވެ؟ އޭނާގެ ހުރި އުނި ކަމަކީ ކޮބާ؟ ދަރިފުޅާ!" ޒުބައިދާގެ ބައްޕަ ބުންޏެވެ.

"އަޅުގަނޑު ގަޔާވާ ސިފަތަކެއް ހުރި މީހެއް ނޫން އޭނާއަކީ." ޒުބައިދާ ބުންޏެވެ.

"އެކަމަކު އޭނާއަކީ މުދާ ހުރި އަދި ފައިސާ ގިނަ މީހެއް. ދަރިފުޅާ!" ޒުބައިދާގެ ބައްޕަ ބުންޏެވެ.

"ފައިސާވެރިކަމަކީ ބޮޑު ވެ ކުޑަ ވާ އެއްޗެއް. ބޮޑެތި މުއްސަނދީން ބަނގުރޫޓު ވެ، އާދައިގެ ދިރި އުޅުމެއް އުޅޭ މީހުން މުއްސަނދި ވާ ތަން ފެންނަނީ މަދަކުން ނޫން ބައްޕާ! އަންހެން ކުއްޖެއްގެ ހަޔާތަކީ ފިރިހެނުންގެ ހަޔާތް ފަދަ އެއްޗެއް ނޫން. ފިރިހެނުންގެ ތެރެއިން ގިނަ މީހުން ބޭނުން ވަނީ ގިނަ ބައިވެރީން ތިބޭން. އެއީ އެމީހުންގެ ޝަރަފަކީ. އެކަކު ވަރިކޮށްފައި އަނެކަކު ބައިވެރިއަކަށް ހެދުމަކީ ވެސް ފިރިހެނުންނަށް ފަސޭހަ ކަމެއް. ކިތައްމެ ފަހަރަކު ވެސް ފިރިހެނުން އާ ހަޔާތެއް ފަށައިިފާނެ. އެކަމަކު އަންހެން ކުއްޖަކު ބޭނުން ވާނީ އޭނާގެ ހަޔާތުގެ ބައިވެރިއާ އަކީ އޭނާގެ ހުރިހާ ކަމެއް ކަމުގައި ވެ، އޭނާއާ އެކު މުޅި ހަޔާތް ހޭދަ ކުރާން. އަންހެން ކުއްޖެއްގެ ހަޔާތަކީީ އެއްމެ ހަޔާތެއް. ވީމާ އަޅުގަނޑު ގަޔާ ނުވާ މީހަކާ ކައިވެނި ކޮށްގެން ހިތްހަމަ ނުޖެހި މުޅި ހަޔާތް ވޭތު ކުރާކަށް ބޭނުމެއް ނޫން. އެކަހަލަ ކަމަކަށް އަޅުގަނޑުގެ މައްޗަށް މަޖުބޫރު ކުރާން ބައްޕަ ބޭނުން ތޯ؟" ޒުބައިދާ ބުންޏެވެ.

"ދަރިފުޅަށް ބައްޕަ މަޖުބޫރެއް ނުކުރާނަން. އަންހެން ކުދީން އެމީހުން ބޭނުން ނުވާ މީހުންނާ ކައިވެނި ކުރުވުމަކީ ނަބީބޭކަލުން މަނާ ކުރައްވާ ކަމެއް. އެކަމަކު ދަރިފުޅު އަވަހަށް ކައިވެންޏެއް ކުރާ ތަން ދެކޭން މި މުސްކުޅި ބައްޕަ އެބަ ބޭނުން ވޭ. ބައްޕަ މަރު ވުމުގެ ކުރީން." ޒުބައިދާގެ ބައްޕަ ބުންޏެވެ.

"ބައްޕަގެ އުމުރު ﷲ ދިގު ކުރައްވާށި!" ޒުބައިދާ ދުޢާ ކުރިއެވެ.

"ބައްޕަގެ ބަލި ދަނީ ބޮޑު ވަމުން. ކުރާ ފަރުވާއަކުން ރަނގަޅު ވަނީކީ ނޫން. ވީމާ ބައްޕަ ދުނިޔޭގައި ހުއްޓައި ދަރިފުޅުގެ ކައިވެނި ވުމަކީ ބައްޕަ ދެން މި ދުނިޔޭގައި ހަމައެކަނި ދެކޭން ބޭނުން ކަމަކީ." ޒުބައިދާގެ ބައްޕަ ބުންޏެވެ.

"މި ދުވަސްކޮޅު މި އަވަށަށް ވަރަށް މޮޅު ބޭސްވެރިޔަކު އަންނަ ވާހަކަ އެބަ ދެކެވޭ." މައުޒޫ ބަދަލު ކުރެވޭ ތޯ ޒުބައިދާ މަސައްކަތް ކުރިއެވެ.

"ތިޔަ މޮޅު ބޭސްވެރިޔާގެ ވާހަކަ ދެއްކުން ހުއްޓާލާ! ކައިވެންޏާ މެދު ވިސްނާ! އަހަންނަށް ޓަކައި ނަމަވެސް." ޒުބައިދާގެ ބައްޕަ ބުންޏެވެ.

"ބައްޕާ! އަޅުގަނޑު ކައިވެނި ކުރާނަން. އިންޝާ ﷲ." ޒުބައިދާ ބުންޏެވެ.

"ކޮން އިރަކު؟ ދަރިފުޅާ ޒުބައިދާ!" ޒުބައިދާގެ ބައްޕަ އެހިއެވެ.

"އެކަމުގެ ވަގުތު ޖެހުނީމާ ބައްޕާ! އަޅުގަނޑު ގަޔާވާ މީހަކު އައިސް މި ގޭގެ ދޮރުގައި ޓަކި ޖެހީމާ." ޒުބައިދާ ބުންޏެވެ.

*****

"ޒިޔާދު! ކިހިނެއް ވީ؟" ޒިޔާދުގެ އެކުވެރި ހައްމާދު ސުވާލު ކުރިއެވެ.

"އުދާސްތައް ކުޑައެއް ނުވޭ. އެކުވެރިޔާ!" ޒިޔާދު ބުންޏެވެ.

"ކޮން އުދާސްތަކެއް؟ ތިބާގެ ވިޔަފާރި ކާމިޔާބު ވެ މުއްސަނދިކަން އިތުރު ވަމުން ދާ ތަން އަހަންނަށް ފެންނަނީ. އުދާސްތަކެއްގެ ތެރޭގައި އުޅޭން ޖެހޭ ސަބަބެއް ނުވިސްނުނު." ހައްމާދު އެހިއެވެ.

"ހުރިހާ އެއްޗަކީ ވިޔަފާރިއެއް ނޫން. އެކުވެރިޔާ!" ޒިޔާދު ބުންޏެވެ.

"އަދިވެސް ލޯބިވާ ކުއްޖާގެ ކަންތަކުގައި ތަ ތިޔަ ވިސްނަނީ." ހައްމާދު އެހިއެވެ.

"އެއްމެ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ މަތީން އަހަރެންގެ ވިސްނުން ކެނޑިގެނެއް ނުދޭ." ޒިޔާދު ބުންޏެވެ.

"އަހަންނަށް ފެންނަނީ ތިޔައީ ބޭކާރު ކަމެއްގެ ގޮތުގައި. ތީގެ ސަބަބުން އަމިއްލަ ނަފްސު ހަލާކު ވުން ނޫން ކަމެއް ނުވާނެ. މި އަވަށުގައި ރަނގަޅު އަދި ރީތި އަންހެން ކުދީން މަދެއް ނޫން. ކޮންމެވެސް އެހެން ކުއްޖަކާ މެދު ވިސްނާ. ފިރިހެނުން އެމީހުންގެ ބޮޑުބޭބެއިންގެ ދަރީންނާ ކައިވެނި ކުރުމަކީ އަހަރެމެންގެ ސަގާފަތެއް ވެސް ނޫން. އަހަރެމެންގެ ސަގާފަތަކީ ފިރިހެނުން އެމީހުންގެ ބައްޕަފަރާތު ބޮޑުދައިތައިންގެ އަންހެން ދަރީންނާ ކައިވެނި ކުރުން. އަދި އަންހެން ކުދީން އެމީހުންގެ މައިފުށުގެ ބޮޑުބޭބެއިންގެ ފިރިހެން ދަރީންނާ ކައިވެނި ކުރުން." ހައްމާދު ބުންޏެވެ.

"ތިޔަ ކިޔަނީ އެކައްޗެއް ނު. އަހަރެން މި އުޅެނީ ސަގާފީ ކަމެއް ކުރާކަށް ނޫން. އަހަރެން ކައިވެނި ކުރާނީ އަހަރެން ލޯބިިވާ ކުއްޖާއާ. އޭނާއާ ކައިވެނި ކުރުން ހަރާމް ވާނެ ފަދަ ކަމެއް ނެތް. ކައިވެނި ހަލާލިއްޔާ ސަގާފަތަށް ބެލުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަކަށް އަހަރެން ނުދެކެން." ޒިޔާދު ބުންޏެވެ.

*****

"ބައްޕަގެ ބަލި ހާލު ރަނގަޅެއް ނުވޭ. އެއާ އެކު ވެސް ބޭސްވެރިޔާއަށް ސަތޭކަ ވިހި ރަން ދީނާރު ދޭން އަހަރެން މި ވަނީ ޖެހިފައި. އެއީ މިހާރު އަހަރެންގެ ބޮލުގައި އެޅިފައި ވާ ދަރަންޏެއް. އެ ދަރަނި ދެއްކުމުގެ އެންމެ ފަހު މުއްދަތަކީ މާދަމާ." ޒުބައިދާ ބުންޏެވެ.

"އަހަރެންގެ އަތުގައި ތިހާ ވަރަށް ފައިސާ ހުރި ނަމަ ވަގުތުން ދިނީމުސް." ހިންދު ބުންޏެވެ.

"އަހަރެންގެ އެންމެ ފަހު އުއްމީދަކަށް ވިސްނީ ތިޔަ އެކުވެރިޔާ ހިންދު!" ޒުބައިދާ ބުންޏެވެ.

"ބޮޑުބޭބެގެ ދަރިފުޅު ޒިޔާދު ގާތު ބުނާން ވީ ނު؟" ހިންދު ބުންޏެވެ.

"ޒިޔާދުއޭ! ބައްޕަ މިހާ ބަލި އިރު ބައްޕައަށް ގޮވާލަން ވެސް އޭނާ ނާދޭ." ޒުބައިދާ ބުންޏެވެ.

"އޭނާ އުޅެނީ އޭނާގެ ވިޔަފާރީގައި ވަރަށް ބޮޑަށް މަޝްއޫލު ވެގެން. އަނެއް ކޮޅުން އެންމެ ފަހުން އޭނާ ތިޔަ ގެޔަށް އައި ދުވަހު ދިމާވީކީ އޭނާއަށް ދެން ތިޔަ ގެއަށް އަންނާން ކެރޭ ވަރުގެ ކަމެއް ނޫނެއް ނު." ހެމުން ހެމުން ހިންދު ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް