ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 31

"ޒިޔާދުއޭ! ބައްޕަ މިހާ ބަލި އިރު ބައްޕައަށް ގޮވާލަން ވެސް އޭނާ ނާދޭ." ޒުބައިދާ ބުންޏެވެ.

"އޭނާ އުޅެނީ އޭނާގެ ވިޔަފާރީގައި ވަރަށް ބޮޑަށް މަޝްއޫލު ވެގެން. އަނެއް ކޮޅުން އެންމެ ފަހުން އޭނާ ތިޔަ ގެޔަށް އައި ދުވަހު ދިމާވީކީ އޭނާއަށް ދެން ތިޔަ ގެއަށް އަންނާން ކެރޭ ވަރުގެ ކަމެއް ނޫނެއް ނު." ހެމުން ހެމުން ހިންދު ބުންޏެވެ.

"އޭނާއަކީ އެއް އިރެއްގައި ވެސް މަސައްކަތާ މާ ބޮޑަށް މަޝްއޫލު ވެގެން އުޅޭ މީހެއް ނޫން. އެއްމެންނަށް ވެސް އެކަން އެނގޭ. އޭނާ ނާންނަނީ އަހަރެން ދެކެ ރުޅީން ކަމަށް ވެދާނެ." ޒުބައިދާ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް، އެއީ ތިބާގެ ބޮޑުބޭބެގެ ދަރިފުޅު. ނުދަންނަ ނުވަތަ ދުރުހިލޭ މީހަކަށް ވުރެ ކަމަކަށް އެދޭން އައުލާކަން ބޮޑީ އޭނާގެ ގާތުން. ކަމެއް ވޭތޯ މަސައްކަތް ކުރުމުން ގެއްލޭނެެ އެއްޗެއް ނޯންނާނެ. ވީމާ ޒިޔާދުގެ ކިބައިން އެދޭ." ހިންދު ބުންޏެވެ.

"އާނ. އަހަރެން ދާނަން. އެހެން ނޫނަސް އަހަރެންގެ ކުރިމަތީގައި އެހެން ގޮތެއް ނުވެސް ނެތް މެ." ޒުބައިދާ ބުންޏެވެ.

ޒިޔާދު އުޅޭ ގެއަށް އިރު އޮއްސުނު ފަހުން ޒުބައިދާ ދިޔައެވެ. އަދި ދޮރުގައި ޓަކި ޖެހިއެވެ. އިރުކޮޅަކުން ދޮރު ހުޅުވުނެވެ. ދޮރު ހުޅުވީ ޒިޔާދެވެ.

"ޒުބައިދާ! ރޭގަނޑު މި ގެއާ ހަމަޔަށް އަންނާން ޖެހުނީ ކީއްވެ؟ އެތެރެއަށް ވަދޭ!" ހައިރާންކަމާ އެކު ޒިޔާދު ބުންޏެވެ.

"އަހަރެން މިއައީ 120 ދީނާރު ބޭނުން ވެގެން." ގޭ ތެރެއަށް ވަންނަމުން ޒުބައިދާ ބުންޏެވެ.

"ތިބާ ބޭނުން ކޮންމެ އެއްޗެއް އަހަރެން ދޭނަން. އެކަމަކު އެ ފައިސާގެ ބަދަލުގައި އަހަންނަށް ލިބޭނީ ކޮން ކަމެއް؟" ޒިޔާދު ބުންޏެވެ.

"ބަދަލުގައި ކަމެއް ބޭނުން ވޭތަ؟" ޒުބައިދާ އެހިއެވެ.

"ޒުބައިދާ! އަހަރެން ބޭނުން ވަނީ ތިބާ." ޒިޔާދު ބުންޏެވެ.

"އަހަރެން ހަދާނީ ކިހިނެއް؟" ޒުބައިދާގެ ހިތަށް އެރިއެވެ.

"ކީއްވެ ޖަވާބެއް ނުދީ ތިޔަ ހުންނަނީ." ޒިޔާދު ބުންޏެވެ.

"ބޮޑުބޭބެގެ ދަރިފުޅާ. ބޭނުން ވާ ގޮތެއް. ކޮބާ ފައިސާ؟" ޒުބައިދާ ބުންޏެވެ. އޭރު ޒުބައިދާގެ ލޮލުން ކަރުނަ އާދެއެވެ.

ޒިޔާދު ގޮސް އޭނާގެ ފޮށި ހުޅުވިއެވެ. އަދި 100 ދީނާރު އަޅާފައި އޮތް ކީސާއެއް ނެގިއެވެ. އަދި އެހެން ކީސާއަކުން 20 ދީނާރު ނެގުމަށް ފަހު 100 ދީނާރު އޮތް ކީސާއަށް ލިއެވެ. އަދި އެ ފައިސާ ގޮސް ޒުބައިދާގެ އަތަށް ދިއް ކޮށްލިއެވެ.

"މިހިރީ ފައިސާ." ޒިޔާދު ބުންޏެވެ. ޒުބައިދާ ރޯން ފެށިއެވެ.

"ކީއްވެ ތިޔަ ރޮނީ؟" ޒިޔާދު އެހިއެވެ.

"މިހާ ނިކަމެތި ދަރަޖައަކަށް އަހަރެން ވެއްޓިދާނެ ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރަން. އަހަރެން އެންމެ އެދުނު ކަމަކީ ތިބާ އަހަރެންނާ ކައިވެނި ކުރުން. ކައިވެނީން ބޭރުން ތިބާއާ ވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. ﷲއަށް ބިރު ގަނޭ! ބޮޑުބޭބެގެ ދަރިފުޅާ!" ރޮމުން ރޮމުން ޒުބައިދާ ބުންޏެވެ.

"ލާ ޙައުލަ ޥަލާ ޤުއްޥަތަ އިއްލާ ބިﷲ." ޒިޔާދަށް ބުނެވުނެވެ. އަދި ބުންޏެވެ. "ޒުބައިދާ ގެއަށް ދޭ. އަހަރެންގެ ގޯސް ނިޔަތެއް ނެތް. އަހަންނަށް ކުށެއް ކުރެވުނު ނަމަ ފާފަ ފުއްސެވުން އެދި ﷲގެ ހަޒުރަތުގައި ދަންނަވަން."

ޒުބައިދާ ހިނގައިގަތެވެ.

"އަދި މަޑު ކުރޭ! މި ފައިސާ ކީސާ ގެންދޭ!" ފައިސާ ކީސާ ޒުބައިދާގެ އަތަށް ދެމުން ޒިޔާދު ބުންޏެވެ.

"އަހަރެން ފައިސާ ބޭނުން ވީ .... " ޒުބައިދާ ބުނާން އުޅުނެވެ.

"ފައިސާއިން ޒުބައިދާ ކުރަނީ ކީއް ތޯ ބަލާކަށް އަހަރެން ބޭނުމެއް ނޫން. ފައިސާ ހިފައިގެން ގެއަށް ދޭ. ފައިސާގެ ބަދަލުގައި އެއްވެސް ކަމެއް އަހަރެން ބޭނުމެއް ނޫން. އަދި އަހަރެންގެ މުއާމަލާތް ހުރި ގޮތަށް އަހަންނަށް މާފު ކުރޭ. ﷲގެ ރައްކާތެރިކަމާ އެކު ގެއަށް ދޭ!" ޒުބައިދާގެ ވާހަކަ މެދު ކަނޑައިލުމަށް ފަހު ޒިޔާދު ބުންޏެވެ.

ޒިޔާދު އެހެން ބުނުމުން އިތުރު ވާހަކައެއް ދެއްކުމެއް ނެތި ޒުބައިދާ ގެއަށް ދާން ހިނގައިގަތެވެ. ކުޑަ ތަންކޮޅަކަށް ގޮސްފައި ޒުބައިދާ އެނބުރި ބަލައިލިއެވެ. ޒުބައިދާއާ ދިމާއަށް ބަލަހައްޓައިގެން ދޮރު ކަނީގައި އަތް ވިއްދައިގެެން ޒިޔާދު ހުއްޓެވެ.

*****

"ޔާ ރައްބަލް ޢާލަމީން! މި އަޅާ އެ ކަންތައް އެ ގޮތަށް ކުރީ އިބަ އިލާހުގެ ރުއްސެވުން އެދިގެން ކަމަށް ދެކެވޮޑިގަންނަވަންޏާ އަޅަމެން މި ތިބަ ހާލަތުން ނަޖާ ކުރައްވާނދޭ. އިބަ އިލާހު މެނުވީ އެހެން އިލާހަކު ނުވޭ!" ޒިޔާދު ދުޢާ ކުރިއެވެ.

ހޮހޮޅައިގެ އާނގަމަތީގައި އޮތް ހިލަގަނޑު ޒިޔާދުގެ ދުޢާއާ އެކު ތަންކޮޅަކަށް ދުރަށް ޖެހުނެވެ. ރާބިޙުގެ ދުޢާއާ އެކު ދުރަށް ޖެހިގެން އުފެދުނު ޖާގަ އިތުރަށް ބޮޑު ވިއެވެ.

"ޔާ ރައްބީ! އަލްޙަމްދު ލިﷲ." ރާބިޙު ބުންޏެވެ.

"އަލްޙަމްދު ލިﷲ." ޢައްމާރު ވެސް ﷲއަށް ޙަމްދު ކުރިއެވެ.

ހިލަގަނޑު ކުރިއަށް ވުރެ ބޮޑަށް ދުރުވެ، އުފެދުނު ޖާގަ ބޮޑުވުމުން ޒިޔާދާއި ޢައްމާރާއި ރާބިޙު ޝުކުރުގެ ސަޖިދައެއް ކުރިއެވެ.

*****

"ދުޢާއަކީ އެފަދަ ވަރުގަދަ އެއްޗެއް. ކިތައްމެ ކުޑަ ކަމަކާ ނަމަވެސް ދުޢާ ކުރާން ވާނެ. ޒިޔާދުއަށް ﷲގެ ރުއްސެވުުން ލިބުނީ ފާހިޝް ވިސްނުމާ ދުރުހެލި ވީމާ. ކީރިތި ޤުރްއާނުގެ މޫމިނޫން ސޫރަތުގެ 5 ވަނަ އާޔަތާއި 6 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅުތަކުގެ މާނައަކީ - އަދި އެއުރެންނީ، އެއުރެންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާމީހުންނެވެ. (5) އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް (ހަލާލު ގޮތުގައި) މިލްކުވެގެންވާ (އަދި އަނބީންގެ ގޮތުގައި ގެންގުޅެވޭ އަންހެން) އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. (6)- ޞަދަޤަﷲ އަލްޢަޡީމް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ޒިޔާދު ރަނގަޅު ވީ އެންމެ ފަހު ވަގުތުގައި ދޯ ކާފާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އެންމެ ފަހު ވަގުތު ވެސް އިހުލާސްތެރިކަމާ އެކު ﷲއަށް ޓަކައި ކަމެއް ކޮށްފިއްޔާ ނުވަތަ ކަމަކުން ދުރުވެއްޖެއްޔާ ﷲގެ ރުހިވޮޑިގަތުން ލިބޭނެ. ﷲއަކީ އޯގާވަންތަ އިލާހު. ގޯސް ކަމެއް ކުރުމަށް މީހަކު ހިތަށް އެރިޔަސް، އެ ގޯސް ކަންތައް ނުކުރާ ހާ ހިނދަކު ﷲ އެމީހަކަށް އަޒާބެއް ނުދެއްވާ. ނުބައި ކަމެއް ކޮށްފި ނަމަ އޭނާގެ ފަތުގައި ލިޔުއްވަނީ އެއްމެ ނުބައިކަމެއް. އެކަމަކު ހެޔޮ ކަމެއް ކުރާން ހިތަށް އެރިޔަސް އެއް ސަވާބު ދެއްވާ. އަދި އެ ހެޔޮކަން ކޮށްފިއްޔާ އެފަދަ 10 ހެޔޮ ކަމުގެ ސަވާބު ދެއްވައި އޭނާގެ ފަތުގައި 10 ހެޔޮކަން ލިޔުއްވާ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ބައްޕާ! ކީއްވެގެން ތޯ ޒިޔާދު ގޮސް އޭނާގެ ބޮޑުބޭބެގެ ގާތުގައި ޒުބައިދާގެ ކައިވެންޏަށް ނޭދި ހުރީ. އަދި ޒުބައިދާގެ ގާތުގައި އެ ފައިސާ ދިން ވަގުތު ވެސް ބުނެވޭނެއެއް ނު ކައިވެނި ކުރާން ބޭނުން ވާހަކަ." ސަލްމާ ވިދާޅުވިއެވެ.

"ދަރިފުޅާ! ބައްޕައަކަށް ނޭނގޭ! އެހެންނަމަވެސް ވެދާނެ އެ ސަގާފަތުގައި ބައްޕަފަރާތު ބޮޑުބޭބެއެއްގެ އަންހެން ދަރިފުޅާ ކައިވެނި ކުރުމަކީ އައިބު ކަމަކަށް ވާތީ ހުށަހަަޅާން ނުކެރި ހުރީ ކަމަށް ވެސް. އެ ސަގާފަތުގައި ކައިވެނި ކޮށް އުޅުނީ މަންމަފަރާތު ބޮޑުބޭބެއިންގެ އަންހެން ކުދީންނާ. އެއީ ދަރީންގެ ނަސަބު ކަށަވަރު ކުރުމުގެ ގޮތުން. އަދި ގަބީލާގެ ލޭގައި ކިލަނބު ކަމެއް ނެތް ކަމާއި ގަބީލާގެ ލޭ ސާފުކަން ޔަގީން ކުރުމުގެ ގޮތުން. ފައިސާ ދިން ވަގުތު ކައިވެންޏަށް އެދުނު ނަމަ އެއީ ފައިސާގެ ބަދަލުގައި އެދުނު އެދުމެއް ކަމަށް ވެދާނެތީ ނުބުނީ ކަމަށް ވެސް ވެދާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"މި ވާހަކައިގެ އިބުރަތަކީ އިންސާނާ އޭނާގެ ނަފްސުގެ އެދުންތަކުގެ ކުރިމަތީގައި ކެތްތެރިވުން. އަދި ނުބައި ކަންތަކުން ދުރުހެލި ވުމުގައި ކާމިޔާބު ހޯދުން." ސަލްމާ ވިދާޅުވިއެވެ.

"އަދި އެހެން ފިލާވަޅެއް ވެސް މި ވާހަކައިން ލިބޭ. އެއީ ކޮންމެ ހެޔޮ އަމަލެއް ވެސް އިހުލާސްތެރިކަމާ އެކު ﷲއަށް ޓަކައި އެކަނި ކުރުން. އޭގައި ދުނިޔަވީ އެއްވެސް އެދުމެއް ނެތުން." ގާޒީ ޞަފިއްޔުއްދީީނު ވިިދާޅުވިއެވެ.

"ކާފާ ދެން ވީ ކިހިނެއް؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ދަރިފުޅާ! އަދިވެސް މި ވާހަކަ ނުއެއް ނިމޭ. ވީމާ ދެން ވީ ގޮތް ކިޔައި ދޭން ވެސް ވަގުތު ބޭނުން ވޭ. އިރާދަ ކުރެއްވިއްޔާ ދެން އޮތް ބައި މާދަމާ ކިޔައި ދޭނަން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ހެޔޮ ފަތިހަކަށް ހޭލުމުގެ ތައުފީގު ކާފައަށް ﷲ ދެއްވާށި!" އަމީރާ ޞަފާއާއި އަމީރު މުޙައްމަދާ ދެ ބޭފުުޅުން ވިދާޅުވިއެވެ.

"ދަރިިފުޅުމެންނަކީ ހެޔޮކަމުގެ އަހުލުވެރީން. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

- ނުނިމޭ -

comment ކޮމެންޓް