އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަދުގެ ޒުވާނުންނަށް ނަމޫނާއެއް: ޢީދު ޙުޡުބާ

ތުޅާދޫގައި މިއަދު ކުރި އަޟްހާ ޢީދު ނަމާދުގެ ތެރެއިން---

މިއަދު ޢީދު ފާހަގަކުރަމުންދާއިރު، އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ޤުރުބާނީން ދަރުސްތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި، އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަދުގެ ޒުވާނުންނަށް ނަމޫނާއެއްކަމަށް އަޟްހާ ޢީދު ޚުޡުބާގައި ހަނދާންކޮށްދީފިއެވެ.

އަޟްހާ ޢީދަކީ ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަންނަ ޢީދެކެވެ. މިއަހަރުގެ އަޟްހާ ޢީދު ނަމާދު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޮށްފައިވާއިރު، މިފަހަރުގެ އަޟްހާ ޢީދު ޚުޡުބާ ޙާއްޞަކޮށްފައިވަނީ، ކިޔަމަންތެރިކަން އަދާކުރުމުގެ މަތިވެރިކަމުގެ މައްޗަށެވެ.

އަޟްހާ ޢީދު ޚުޡުބާގައި ބުނީ، އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި، އެއީ ދަރީން މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ.

އިބްރާހީމްގެފާނު ދަރިކަލުން އިސްމާއީލްގެފާނު، ބަފައިކަލުންގެ ލޯތްބާއި ތަރުބިއްޔަތުގައި ބޮޑުފުޅުވެ އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވޭ ޢުމުރަށް އެޅުމުން އިބްރާހީމްގެފާނު އިމްތިޙާނު ކުރައްވަން މާތްﷲ އިރާދަކުރެއްވިއެވެ.

މިގޮތުން އިސްމާޢީލްގެފާނު ﷲ އަށް ޤުރުބާން ކުރައްވަން ޖެހިވަޑައިގަތުމުން އެކަމުގައި އިސްމާޢީލްގެފާނު ކިޔަމަންތެރިކަން ދެއްކެވިއެވެ. މާތް ﷲ އަށް ޓަކައި ގުރުބާން ކުރެއްވުމަށް އިސްމާޢީލްގެފާނު ކަރުފުޅުގައި ޚަންޖަރު ޖައްސާލެއްވުނު ހިނދު އެންމެފަހުން ﷲ ނިދާ އިއްވެވީ އިސްމާޢީލްގެފާނުގެ ބަދަލުގައި ކަންބަޅި ބަކަރިއެއް ކަތިލެއްވުމަށެވެ.

ޚުޡުބާގައި ބުނީ ޢަޟްހާ ޢީދުގައި އުޟްޙިޔާ ކަތިލާ ހިނދު އަހަރެމެންގެ ހަނދާނަށް ގެނެސްދެނީ، މި މަތިވެރި ޛިކުރާކަމަށެވެ. އަދި ﷲ ގެ ވަޖުހަފުޅަށްޓަކައި ހޭދަކުރުމުގެ ދަރުހެވެ. އަދި ކެތްތެރިވުމުގެ ދަރުސެވެ.

ތުޅާދޫގައި މިއަދު ކުރި އަޟްހާ ޢީދު ނަމާދުގެ ތެރެއިން---

މިއަދުގެ ޚުޡުބާގައި އިތުރަށް ބުނީ، އިސްލާމީ އުއްމަތް ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށްގެން ކަމަށާއި، ކީރިތި ރަސޫލާގެ ޞަޙާބީންގެ ކުރިފުޅުމަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައިލީ އެ ބޭކަލުންގެ ގައިކޮޅުގައި މި ސިފަތައް ހުންނެވުމުންކަމަށެވެ.

" ރަސޫލާގެ ޞަޙާބީންގެ ކުރިފުޅުމަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައިލީ އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫން. އެ ބޭކަލުންގެ ހަށިކޮޅުތައް ބިޔަވެފައި ވަރުގަދަ ކަމަކުންވެސް ނޫން. އެހެނަސް އެބޭކަލުން މާތް ﷲ އަށް ކިޔަމަންގަނެ އިޚްލާޞްތެރިވުމުގެ ސަބަބުން. އެބޭކަލުން އިޚްލާޞްތެރިކަމާއިއެކު އުއްމަތުގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުމުން" އަޟްހާ ޢީދު ހުތުބާގައި ބުންޏެވެ.

މާތްﷲ ޙައްޖާއި ޢީދު ޝަރުޢު ކުރެއްވީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައެވެ. އެކެއްގެ ކެކުޅުންތައް އަނެކަކު ބަރުދާސްތުކޮށް އެންމެން އެކަތި ގަނޑަކަށް ވުމަށްޓަކައެވެ.

މިގޮތުން ޢީދާއި ޙައްޖަކީ ސުލްޙަ މަސަލަސްކަން ގެނުވައިދޭ އަޅުކަމެއްކަން ފާހަގަކުރަމުން ޙުތުބާގައި ވަނީ އީދު ފާހަގަކުރުމަށް ޝަހުވަތްތަކުގެ ފަހަތުން ނުދިއުމަށާއި، ﷲ ގެ ޙައްދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެންމެހާ މުސްލިމުތަކުންނަށް ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް