ދިރޭތަކެތީގެ ދުވަސް އޮންލައިންކޮށް ފާހަގަކުރަނީ

މީގެކުރީން ކުރަމަތި އައިލެންޑް ގައި، ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ : މޯލްޑިވްސް ޑޮޓް ކޮމް

ދިރޭތަކެތީގެ މުހިއްމުކަމާމެދު ހޭލުންތެރިކުރުމަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދިރޭތަކެތީގެ ދުވަސް ފާހަގަ ކުރަން އޮންލައިންކޮށް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ހަރާކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

އދ. އިން ފާހަގަކުރަމުން ގެންދާ ދިރޭ ތަކެތީގެ ދުވަހަކީ ދިރޭތަކެތީގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކުރުމުގެ އިތުރުން އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް ފާހަގަކުރާ ދުވަހެކެވެ.

ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމަށް މިފަހަރު ނިންމާފައިވަނީ "އަހަރެމެންގެ ހައްލުތައް ވަނީ ގުދުރަތީ ވެށީގައި" މި ޝިއާރުގެ މައްޗަށެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން މި ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ދިރޭތަކެތީގެ ދުވަސް ފާހަގަކުރާއިރު، ދިރޭތަކެއްޗަކީ ކޮބައިކަން ދެނެގަނެ، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓޭނެ ގޮތްތައް ދެނެތުން މުހިންމު ކަމަށެވެ.

ދިރޭތަކެއްޗަކީ މާތް ﷲ ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމަކާއި އެ ދިރުމެއްގެ ގުދުރަތީ ވެށި ކަމަށާއި އިންސާނުންގެ ލޮލަށް ނުފެންނަ ކިތަންމެ ދިރުމެއް އޭގައި ހިމެނޭ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

ބެކްޓީރިއާ، ފަންގައި، އަލްޖީ ފަދަ ދިރުންތަކަކީ ދަނޑުވެރިކަމާއި، ކާނާ ބަންދުކުރުމާއި، ބޭސްވެރިކަމުގެ ދާއިރާގައި އިންސާނުންނަށް މުހިންމު ރޯލެއް އަދާކުރާ ދިރޭތަކެތި ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ. އެފަދަ ދިރުންތަކުގެ ބެލެންސް ގުދުރަތީ މާހައުލުގައި ހިފަހެއްޓޭނެ ގޮތްތައް ދެނެގަނެ، އެކަމަށް ހުރިހާ އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެއްވެސް ދިރުމެއް ޒަރޫރީ ބޭނުމަށް ވުރެ އިތުރަށް ބޭނުންނުކުރުމާއި އެފަދަ ދިރުންތަކުގެ ވެއްޓަށް ގޯނާ ނުކުރުމުގެ އިތުރުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ. ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކޮންމެ ފަރުދަކަށްވެސް އިސްނަގައިގެން މަސައްކަތް ކުރެވިދާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް