ގަނޑުވަރު ތެރެއިން 13

ގަނޑުވަރު ތެރެއިން ލޯބި ވާހަކަ ކަވަރު

"ޔޫހަންނާ އަޅުގަނޑާއި މަސައްކަތެއް ހަވާލުކޮށްފައިވޭ. މިހުރިހާ ދުވަހު އަރަބިންނާއި ހަގުރާމަކުރަން ހަދައިގެންނާ ޔޫހަންނާ އަވަހާރަވުމުގެ ސަބަބުން އެ ވަޒީފާ އަދާ ނުކުރެވި މިއޮތީ. އަޅުގަނޑު އަމާނާތްތެރިކަމާއެކު އޭނާ ވިދާޅުވިކަންތައް ފުރިހަމަކޮށްދޭން މިހިރީ. އޭނާ ތަންކޮޅެއްކުރިން އަޅުގަނޑާ ދެއްކެވި ވާހަކައެއްގައި ލޫސީގެ ކައިވެނީގެ ކުރިން އޭނަ މަރުވެދާނެއޭ ކިޔާފައި ވާހަކަފުޅު ދެއްކެވި. އަޅުގަނޑަށް ޗާޓެއް ދެއްކެވި. އޭގައި އެބުނާ ސިއްރުތަނަަށް ސާހިބު ކަމަނާ ގެންގޮސްދޭން އަޅުގަނޑާ ހަވާލުކުރެއްވި........................." ސާޖީގެ އެ ޖުމްލަތަކުން ލޫސީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔުމާއެކު ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ.

އެފަދަ ކަމެއްކުރަން ބޮޑުބޭބެ ސިފައިންގެ މީހަކާ ހަވާލު ކުރެއްވީ ކީއްވެހެއްޔެވެ؟

"ބޮޑުބޭބެ އަޅުގަނޑުކައިރީ ނުބުނާ ސިއްރެއް ނުވާނެ. ދުވަހަކު ކަލޭގެ ވާހަކައެއް ނުދައްކަވާ...." ލޫސީ ފަރުވާތެރިކަމާއެކު އެލޮލަށް ބަލައިލިއެވެ.

"އެކަމަކު އަޅުގަނޑަށް ހީވާ ގޮތުން މި ސިއްރު ޔޫހަންނާ ވިދާޅުނުވެ ހުއްޓާ އޭނާ އަވަހާރަވީ..." ސާޖީ ކުޑަކޮށް ހީލަމުން އަނެއްކާވެސް ވަށައިގެން ހޯދާ ބަލާލައިފިއެވެ.

"ކޮން ސިއްރެއްތަ؟ދުރުދުރުން ނުގެންގޮސް ސީދަލަށް ބުނެފާނަންތަ؟"ލޫސީ ނުތަނަވަސްވިއެވެ.

"ޚަޒާނާއެއްގެ ވާހަކަ.."

"އެ ވާހަކަ ބޮޑުބޭބެ ވިދާޅުވި.."ލޫސީ ބުނެލިއެވެ.

"އެހެންތޯ؟ ވީއިރު އަޅުގަނޑަށް ކަމަކާ ނުލާ ސާހިބުކަމަނާގެ ވަގުތުތައް ބޭކާރުކޮށްލެވިއްޖެ. އަޅުގަނޑަށް މާފުކުރައްވާ. ހަލަބު ޝަހަރުގެ ފަރުބަދަތަކުގެ ތެރޭގައި އެވާ ވާދީއަށް ވުރެ ފުރިހަމަ ތަނެއް ކަމަނާ ދެކެވަޑައިގެންނެވިންތަ؟ "

"އެތަނަކަށް ނުދަން. ބޮޑުބޭބެ އަވަހާރަވީފަހުން އެ ޚަޒާނާގެ ވާހަކަ އެނގުނީ....." ލޫސީ ބުނެދިނެވެ.

"ޔޫހަންނާ އަތްޕުޅުގައި ޗާޓްވެސް އޮތްވާ ދެކުނިން....."

"އެޗާޓު އަހަރެންގެ އަތުގައި މިހާރު ވީ..." ލޫސީ ބުނެލިއެވެ.

"ލައްބަ. އަޅުގަނޑު ދެނެހުރިން. އަޅުގަނޑު ލައްވާ ޔޫހަންނާ ވައުދުކުރުވީ ކަމަނާއަށް މަގުދައްކާ އެ ވާދީއަށް ގެންގޮސްދޭން. ސާހިބުކަމަނާއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ރޫމީންނާއި އަރަބިންނާ ދޭތެރޭ މިއޮތީ ހަގުރާމަ ހިނގަ ހިނގާ. އަޅުގަނޑަކީ ސިފައިންގެ މީހަކަށް ވުމުން ދިރިހުރުމާ މެދު ޔަގީންކަމެއް ނޯންނާނެ. ކޮންމެ ދުވަހަކުވެސް މަރުވެދާނެ. ކުރިމަތީގައި މަރު ހިޔަނިވޭވޭ އަބަދު މިހުންނަނީ. އެހެންވެ އަޅުގަނޑު މަރުވުމުގެ ކުރިން ސާހިބު ކަމަނާ އެވާދީއަށް ގެންގޮސް ޔޫހަންނާގެ ވައުދު ފުރިހަމަކޮށްދޭން ކޮންމެހެންވެސް އެބަ ޖެހޭ. އެއީ ދުނިޔެމަތީގެ ސުވަރުގެ. އެފަދަ ދެވަނަ ވާދީއެއް މި ބިންމައްޗަކު ނުލައްވާނެކަން ޔަގީން. ތަފާތު ވައްތަރުގެ މާ ތަކާއި މޭވާތައް އަޅާ ބަރާވެފައި ހުންނަ ގަސްތަކާއި ފެން ހިނގާ ކޯރުތަކުން އެތަން ޒީނަތްތެރިވެފައިވޭ. ދޫނިތައް އުދުހި އުދުހި. އިންސާނަކު އެތަނަށް ގޮއްސިއްޔާ އަނބުރާ އަންނާކަށް ބޭނުމެއްވެސް ނުވާނެ. އެތަނުގައި އުޅެންލިބޭނީ ނަސީބު ރަގަޅު ބަޔަކަށް ކަމާއިމެދު ޝައްކެއް ނެތް........." ސާޖީ އޭނަގެ ތަޖުރިބާތައް ކިޔައިދިނެވެ.

ލޫސީގެ ހިތުގައި އެ ވާދީއާއިމެދު ޝައުގު އުފެދުނެވެ.

"އެކަމަކު ޝަހަރާއި ހަމަޔަށް ދާނެގޮތެއް ބުނެބަލަ. އަރަބިން އެތިބީ ކިއްލާ ހިސާރަކޮށްގެނެއް ނޫންތަ؟ ވަށައިގެން ދޫންޏަކަށްވެސް އެމީހުންނަށް ނޭގި އުދުހިފައި ނުދެވޭނެޔޯ އެކިޔަނީ....." ލޫސީ ހަނދާންކޮށްދިނެވެ.

"މިހާރު އެހާ ފަރުވާތެރިކަމާއެކު އެމީހުންވެސް ބަލާނެހެން ހިޔެއްނުވޭ. އަޅުގަނޑުމެން އެތަނަށް ދާނީ ރޭގަނޑު. ރޭގަނޑު ހަނދުވަރުގެ އަލީގައި ވާދީ ފެނިއްޖެއްޔާ އަދި އެތަނުގެ ހަގީގީ ރީތިކަން ހާމަވާނީ" ސާޖީ ކިޔައިދިނެވެ.

ލޫސީ ކުޑަކޮށް ވިސްނައިލުމަށްފަހު ފެހި ލޮލުގެ ވިދުވަރު ގަދަވިއެވެ.

"އެންމެ ރަގަޅު. މިރޭ ތި ވާދީއަށް ދާނީ. އަހަންނާއިއެކު އެހެން ދެމީހުން ގެންދާނަން..." ލޫސީ ނިންމިގޮތުން ސާޖީގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ.

"ސާހިބުކަމަނާ. ޔޫހަންނާ އެހާ ސިއްރުކުރައްވާފައި އޮތް ޚަޒާނާއެއްގެ ޚަބަރު އަދި އެހެންމީހުންނަށް އޮޅުން ފިލުމަކީ ރަގަޅުކަަމަކަށް ނުވެ ހިނގައިދާނެ. ޔޫހަންނާ އަޅުގަނޑަށް ވަސިއްޔަތް ކުރެއްވީ ހަމައެކަނި ކަމަނާއަށް މަގު ދެއްކުން. އެހެންމީހަކު ގެންދާކަށް ނުބުނޭ. އެކަމަށް އަޅުގަނޑު ވައުދުވިން. ދެން އެހެންމީހަކު ގެންދަންޏާ އަޅުގަނޑަށް ތިކަމުގައި ބައިވެރިވާކަށް ނުކެރޭނެ..." ސާޖީ ބުނެލިއެވެ.

ލޫސީ ފުންނޭވާއެއް ދޫކޮށްލިއެވެ.

"މީހުން ގިނަވާން ފެށުމުގެ ކުރިން އަވަހަށް ގޮތެއް ނިންމަވާ. އަޅުގަނޑުވެސް ވަރަށް އަވަދިނެތި އުޅެމުން މިއަދު ޗުއްޓީ ނަގައިގެން ކޮންމެހެންވެސް މިއައީ..."

"ދެމީހުން ކިއްލާއިން ބޭރަށް ދާނީ ކިހިނެއްތަ؟ ގަނޑުވަރުގެ ދޮރާށީގައި ފާރައަށް ތިބޭ މީހުންވެސް ހިފަހައްޓަފާނެ......"

"ކިއްލާއިން ނިކުންނަން ސިއްރު ދޮރާށްޓެއް ހުންނަކަން އެނގޭނީ މަދު ބަޔަކަށް. އެތަނުގައި ފޯރިމަރާ ސިފައިންނެއް ނުތިބޭނެ. އެހިސާބަށް ދަނިކޮށް އަޅުގަނޑުމެންނަށް ކިއްލާއިން ނުކުމެވިދާނެ. އަރަބިންގެ އަތްދަށު ވެއްޖެއްޔާ އަޅުގަނޑުމެން ރޮލާ ކާލަފާނެ. އަނިޔާވެރި ނުބައި ބަޔެއް އެއީ....." ސާޖީގެ މޫނު އަލިވެގެން ދިޔުމާއެކު ކުޑަކޮށް ހެވިއްޖެއެވެ.

"އެކަމަކު ދެމީހުން އެކަނި ދާކަށް އަހަންނަށް ނުފެނޭ.." ލޫސީ ފަސްޖެހޭގޮތްވިއެވެ. ސާޖީގެ އުއްމީދު ގެއްލޭގޮތްވުމާއެކު ފިނިވަމުން ދިޔަ ދެއަތްތިލަ އުނގުޅައިލެވުނެވެ. އޭނަ ލޫސީއަށް ވިސްނައިދޭން ބޭނުންކުރާނެ ލަފުޒުތަކެއް ސިކުނޑީގައި އަތުރައިލަން މަސައްކަތްކުރިއެވެ. ނަމަވެސް ދުލަށް އެންމެ ލަފުޒެއްވެސް ނައެވެ. މަޖުބޫރު ކުރަން ހަދައިގެން އިތުރު މައްސަލަ ގަނޑެއް ނިކުމެދާނެއެވެ.

"އެންމެ ރަގަޅު ކަމަނާއަށް ފެންނަގޮތެއް.."ސާޖީ ދާން އެނބުރުނެވެ.

ބޮޑުބޭބެ ޚަޒާނާއެއް ދޫކުރައްވާ އެފަދަ މުހިއްމުކަމެއް އެންމެ އިތުބާރުކުރައްވާ ސިފައިންގެ މީހަކާއި ހަވާލުކުރުމުން އެކަމަށް ކުރިމަތި ލުމެއް ނެތި ފަސްޖެހުމަކީ ފިނޑިކަމެއްކަމުގައި އެވަގުތު އޭނާގެ ޟަމީރު އެންގިއެވެ. އޭނާއަކީ ރަސްދަރިކަނބަލެކެވެ. ހިތްވަރުގަދަ ޖެހިލުންކުޑަ އަންހެންކުއްޖަކަށްވާން ޖެހޭނެއެވެ. ފިނޑިކަމަކީ އެފަދަ ކުއްޖެއްގެ ގައިގާ ހުރެގެންވާނެ ޚަސީލަތެއް ނޫނެވެ. އެ ޚަޒާނާ ބައްޕައަށް ހޯދާދީ ބައްޕަ އަށް ޚިދުމަތެއް ކޮށްދެވިއްޖެއްޔާ ބައްޕަ ކިހާ އުފާވާނެހެއްޔެވެ؟ އަރަބިންނާއި ދެކޮޅަށް ކުރާ ހަގުރާމައިގާ އޭނާއަށްވެސް ބޮޑު ކަމެއް ކޮށްދެވުނުކަމަށް ނަންވާނެއެވެ. ރަސްދަރިކަނބަލެއްގެ މަގާމު އޭނައަށް ހައްގުކަން އޭނާ އެންމެނަށް ސާބިތުކޮށްދޭނެއެވެ.

"ސާޖީ. އަހަރެން ކަލެއާއެކު ދާނަން.." ލޫސީ ބުނެލިއެވެ.

ސާޖީގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ.

"މިިރޭ ބާރަޖަހާއިރު ގަނޑުވަރު ދޮރާށީގެ ބޭރުގައި އަޅުގަނޑު އިންތިޒާރުކުރާނަން..." ސާޖީ ދުރަށް ބަލަން ހުރެ ބުނެލިއެވެ. ލޫސީވެސް އެގަޑިއަށް އަންނާނެކަމަށް ބުނެ އެތަނުން ދާން ހިނގައިގަތުމުން ނަޒަރު އެއްފަރާތް ކޮށްލަން ނޭގިފައި ހުރެވުނެވެ. ލޫސީ ލޯމަތިން ގެއްލުމުން އޭނަ ފައްޅިއަށް ވަދެ އަޅުކަން ކުރާތަނުގައި ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އޭރު ލޮލަށް ކަރުނަ ޖަމާވެ ސައިލެއް ފަދައިން ތިރިއަށް އަންނަން ފެށިއެވެ. އޭނާ ދުޢާކުރަން ފެށިއެވެ.

"ޖީސަސް ކްރައިސްޓް. އަޅުގަނޑު މި ހިތާމައިގާ ނިމިގެން ދަނީ. ތިފަރާތަށް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އަޅުގަނޑު ބޭނުންވަނީ ކޮންކަމެއް ކަން. އަޅުގަނޑަށް ކާމިޔާބު ދެއްވަން ބައްޕަ އަރިހު ދަންނަވާ ދެއްވާ. ނޫނީ އަޅުގަނޑު މި ހިތާމައިގާ މަރުވެދާނެ.............." އޭނާ ރޮއިރޮއިފާ ދުޢާކުރުމަށްފަހު ނިކުތް އިރު ޔޫހަންނާގެ މަގުބަރާގައި މީހުން ގިނަވާން ފަށައިފިއެވެ. އޭރު އަވިވެސް ގަދަވާން ފަށައިފިއެވެ. މާތައް އަޅާލެއް ގިނަކަމުން މެންދުރުވާއިރަށް މަގުބަރާ ފެންނަނީ ބޮޑު މާ ފުންޏެއްގެ ސިފައިގައެވެ. މީހުން އެންމެ ގިނައިން އަންނަ ޒިޔާރާތެވެ. އޭނައަށްވެސް އެފަދަ މާތް މީހަކަށް ވެވޭނެނަމަ އޭ ހިތަށް އަރާފައި ދުޢާކޮށްލެވުނެވެ.

***

ލޫސީ މުޅި ދުވަސް ހޭދަކުރީ ތަފާތު ޚިޔާލުތަކުގައެވެ. ރޭގަނޑަށް އިންތިޒާރު ކުރުމުގައެވެ. ޝައުގުވެރިކަން ހުރީ ހަމައެކަނި އެ ވާދީ އަކަށް ނޫނެވެ. ޚަޒާނާއާއިމެދު ވަރަށް ވިސްނިއެވެ. އޭނާގެ ބޮޑުބޭބެ ހާދަ ރަގަޅޭ ހިތަށް އެރިއެވެ. ހަނގުރާމައިގެ ދުވަސްވަރު ކަމުން ސަރުކާރުގެ ޚަޒާނާވެސް ހުންނާނީ ހުސްވާން ކައިރިވެފައެވެ. ސިފައިންނަށް ހަތިޔާރު ގަތުމުގެ އިތުރުން ހެދުމާއި ކެއުން ބުއިމަށްވެސް އެތައް ޚަރަދެއް ދާނެއެވެ. މިފަދަ ކަމެއް ގައި ބައްޕަ ހުންނަވާނީ މާލީ އެހީތެރިކަމަށް ބޭނުންފުޅު ވެފައެވެ. މި ޚަޒާނާ ހުރި ތަން ދައްކާ އެ ހަދިޔާކުރުމުން ބައްޕަ ކިހާ އުފާވާނެހެއްޔެވެ؟ބައްޕަ ފަޚުރުވެރިވާފަދަ ދަރިއަކަށް އޭނަ ވާނެއެވެ. ބޮޑުބޭބެއަށް ހިތާހިތުން ޝުކުރު ދެންނެވުނު އަދަދެއްވެސް ނޭގެއެވެ. އިރުއޮއްސެން ކައިރިވުމުން ޔޫހަންނާގެ މަގުބަރާއަށް ޒިޔާރާތްކޮށް ވަގުތުކޮޅެއް ހޭދަކުރިއެވެ. ޝުކުރުކުރިއެވެ. ކަރުނަ އެޅިއެވެ.

ގަނޑުވަރަށް އައިތަނާ އޭނާއަށް ފެނުނީ އެހެން ކަހަލަ މަންޒަރެކެވެ. ދާނިޔަލް އާއި މަރިޔަމްއެވެ. ދާނިޔަލް ދިން އެއްޗެއް ކަރުވަޅަށް ލުމަށްފަހު ރަކިގޮތަކަށް މަރިޔަމް އިސްޖެހިއެވެ. މަރިޔަމް ގަނޑުވަރުގައި އުޅެން ފެށިފަހުން އެދެމީހުންގެ ގުޅުން ކުރިއަށް ވުރެ ވަރުގަދަވެފައިވާހެން ހީވެއެވެ. އެކަމާ ވިސްނަމުންގޮސް ބައެއްފަހަރު ލޫސީ ހާސްވެއެވެ. ދެމީހުންގެ ލޯބީގެ ގުޅުމެއް އޮވެ އެކަން މަންމައަށް އެނގިވަޑައިގެންފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މަންމައަށް ކިރިޔާ ޝައްކެއް ވިޔަސް މަރިޔަމްގެ ދުވަސް ދިޔައީއެވެ.

އިރުކޮޅެއްފަހުން މަރިޔަމް އޭނައާއި އަރާ ހަމަކުރިއެވެ.

"ސާހިބުކަމަނާ. ކޮންތާކުންތޯ؟ "

"ބޮޑުބޭބެގެ މަގުބަރާއަށް ދިޔައީ. މަރިޔަމް. ޚާދިމާއިންގެ ލޯތައް ނިކަން ތޫނުވާނެ. ބަލައިގެން އުޅެއްޗޭ...."

"އޯ..މީހަކު އެއްޗެކޭ ބުނިތަ.." މަރިޔަމް މޭގައި އަތް އެޅިއެވެ.

"އަދިއެއް ނުބުނޭ...."

"ތި ނަސޭހަތް އަބަދު ހިތުގައި ބާއްވާނަން..."

"ދާނިޔަލް ކޯނޗެއް ދިނީ؟ " ލޫސީ ހީގަތެވެ.

ރޭގަނޑު ކެއުމަށްފަހު ލޫސީ މަރިޔަމް ގާތު އެދުނީ އޭނަ ނިދާ ބަޔަށް މިރޭ ދިޔުމަށެވެ. މިރޭ އެކަނިވެރިކަން ބޭނުންވާ ކަމުގައެވެ. އެބުނި ބަސްތަކާއިމެދު ވިސްނާލުމުން މަރިޔަމްއަށް ދޭހަވީ އެހެން އެއްޗެކެވެ. ލޫސީ ސިއްރުން ލާވަންއާއި ބައްދަލުކުރަނީ ބާވައޭވެސް ހިތަށް އެރިއެވެ. ލޫސީ ސީރިޔަސްވެފައި ހުރިވަރުން އިތުރަށް އަހާކަށް ނުކެރުނެވެ.

މަރިޔަމް ދިޔުމާއެކު ލޫސީ ޗާޓު ނަގާ މޭޒުމަތީގައި ފަތުރާލައިފިއެވެ. އުށްބައްތިތަކުގެ އަލީގައި ނިކަން ރަގަޅަށް އޭގައި ފާހަގަކޮށް ތިކިޖަހާފައި ހުރި ތަންތަން ހިތުގައި ނޯޓްކޮށްލައިފިއެވެ. ޗާޓު ގެއްލުނަސް ގައިމު ހިތަކުން ފޮހެވިގެން ދެން ނުދާނެއެވެ. އެއަށްފަހު ހެދުުމުގެ އެތެރޭގައި ހުރި ބަަޔަށް ޚަންޖަރަކާއެކު ޗާޓުވެސް ޖަހާލައިފިއެވެ.

ލޫސީ އޭނަ ނެގި ފޮތެއްގައި އަވަސްއަވަހަށް ނޯޓެއް ލިޔުނެވެ.

"އަޅުގަނޑަށް ބޮޑުބޭބެ ދެއްވި ޚަޒާނާއެއް ހޯދަން ދަތުރު މިފަށަނީ ސިފައިންގެ މީހެއްކަމަށްވާ ސާޖީއާއެކު ހަލަބުޝަހަރު ކައިރީގައިވާ ވާދީއަކަށެވެ. ފަތިސްވުމުގެ ކުރިން އެނބުރި އަންނާނަމެވެ. ނަމަވެސް ޚަޒާނާ ނުފެނި ގިނައިރުވެއްޖެ ނަމަ އަޅުގަނޑަށް އާދެވޭނީ މާދަން ރޭގައެވެ. ސަބަބަކީ ދުވާލު އަރަބިންނަށް ފެނިގެން އަޅުގަނޑުމެން ހައްޔަރުކޮށްފާނެތީ ދުވާލު ދަތުރު ކުރުން ރައްކާތެރިކަމުގައި ނުފެންނާތީއެވެ. މާދަން ރެއަށް ނާދެވިއްޖެއްޔާ ބޮޑު މުސީބާތަކާއި ކުރިމަތިވީއެވެ. "

ލޫސީ އަލަމާރިން ސާލެއް ނެގިއެވެ. ވަށައިގެން އަގުބޮޑު ޖަވާހިރުތަކެއް ޖަހާފައިވާ ކަޅުކުލައިގެ ސާލު ހަށިގަނޑުގައި އޮޅާލުމަށްފަހު ކޮޓަރިން ނުކުތެވެ. ހަނދުވަރުގެ އަލިން ބަގީޗާ ފެންވަރުވާލާފައިވާއިރު ނިކަން ސިހުރުވެރި ގޮތަކަށް ދައްކައެވެ. ކޮކާ އަލި އޭނަގެ ދޮންދޮން މޫނަށް އެޅިފައިވާއިރު ފެންނަލެއް ރީތިކަމުން ދެކޭމީހުންގެ ހިތްތައް ހައިރާންކުރުވާނެއެވެ. ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ކިއްލާގެ އެތެރޭގެ ދޮރާށްޓާއި އަރާ ހަަމަވީއިރު ފާރަވެރިން ގަދަޔަށް ނިދާފައި ތިބިތަން ފެނުނެވެ.ގުގުރީގެ އަޑު މާ ދުރަށް އިވެއެވެ. ލިބުނު ފުރުސަތު ނަގާނުލާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގަހަކާއި ނިވާވެލިއެވެ. އޭނާގެ އިންތިޒާރުގައި ސާޖީ ނެތުމުން ހިތުގައި ޝަކުވާ އުފެދުނެވެ. ބޮޑުކަމެއް ދިމާވީހެއްޔެވެ. ނޫނީ އޭނާ ހަދާން ނައްތައިލީހެއްޔެވެ؟މިހާ ބޮޑުކަމެއްގައި ފަރުވާކުޑަކޮށްލައިގެން ނުވާނެތާއެވެ.

އޭނާ ފައްޅިއާއި ދިމާލަށް ހިނގައިގަތްތަނާ އެދިމާލުން ދެމީހަކު އަންނަތަން ފެނި އަވަސްއަވަހަށްގޮސް ޒައިތޫނި ގަސްބޮނޑިއެއްގެ ނިވަލަށް ވަދެއްޖެއެވެ. ޒައިތޫނި އަޅާ ފުރާލާފައިވާ އެތިރި ގަސްތަކުގެ ހިމާޔަތުގައި ހުރުމުން އޭނާ ނުފެންނާނެކަމުގެ ޔަގީންކަން އޮތެވެ. އެދެމީހުން ކައިރިވުމުން އެއީ ލާވަންއާއި އެކުވެރި ތޫމާކަން ޔަގީންވިއެވެ. ލާވަން ފެނުމުން ހިތުގެ ވިންދު އަވަސްވިއެވެ.

"އަހަރެންގެ ހިތަށް އެހެން ކަހަލަ އުދަގޫތަކެއް އެބަވޭ. ކޮންމެވެސް ކަހަލަ ނުރައްކަލެއްވާން އެބަ އުޅެއޭ މަގޭ ހިތް އެބަބުނޭ........" ލާވަން ބުނެލިއެވެ.

"ސާހިބާ މިއަދު ލޫސީ ދެކެވަޑައިނުގަންނަވާތީ ހިތަށް ގޮތްގޮތް ތިވަނީ. އެކަމާ ފިކުރު ބޮޑުނުކުރައްވާ. މާދަން އަރާ އިރާއެކީ ގަނޑުވަރަށް ވަޑައިގެން ހިތަށް ތަސައްލީ ހޯއްދަވާ. ލޯތްބަކީ ބުނަން ނޭގޭފަަދަ އިހުސާސްތަކެއް ކުރުވާ އެއްޗެއް. އެ ލަނޑު ލިބިއްޖެ މީހަކު އުމުރަށް ސަލާމަތް ނުވެވިގެން އުޅެން ޖެހޭނީ........" ތޫމާ ބުނި އަޑުއިވުނެވެ.

"ތިބުނީ ހަމަ ތެދެއް. އެކަމަކު އެއީ ކަލެއަށް ނޭގުނަސް ވަރަށް ރީތި ފޮނި އިހުސާސެއް. ކަލެއަށް އެފަދަ ނަސީބެއް ލިބުން އެދި ދުޢާކުރާނަން. ހޫމް. މިއަދު ގަނޑުވަރަށް ނުދެވުނު. ލޫސީގެ ހާލުކޮޅެއްވެސް ނޭގޭ. އެހެންވެ ހިތަށް ތަދުވަނީ...." ލާވަން ބުނެލިއެވެ. ތޫމާ ޝުކުރު އަދާކުރަމުން ދުޢާކޮށްދޭން އެދުނެވެ.

"އަޅުގަނޑުމެން މިކޮޅަށް އައިއިރު ގަސްތަކާއި ދިމާލަށް އައި އަންހެންމީހާ އެރީ އުޑަށްކަމަށް ވަނީ ބިމެއްކަމެއް ނޭގޭ. އެއީކާކުތަ؟ ޖިންނިއަކަށް ވެދާނެ. ކުއްލިއަކަށް ވިއްޔާ ގެއްލުނީ..."ތޫމާ ކުއްލިއަކަށް އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔައެވެ. ލޫސީ ބިރުގަތެވެ. އެމީހުން އޭނާ ހުރި ގަސްތަކާއި ދިމާލަށް އައިސްދާނެ ހެއްޔެވެ؟

"ތަންތަނުން ފެންނަހާ އަންހެނެއްގެ ފަހަތުން ހިނގާނެ ކަމެއްނެތް. މާތް ރަސްކަލާގެ ހެއްދެވި މަޚުލޫގުން މި ބިންމަތީ ދަތުރުކުރިޔަސް އަހަރެމެން ފޮށޭނެކަމެއް ނެތް.." ލާވަން ހީގަތެވެ. ދެމީހުން ވާހަކަދައްކަމުން އަޑުނުފޯރާ ހިސާބަށް ހިނގައްޖެއެވެ. އޭރު ލޫސީ ހުރީ ބިރުގެންފައެވެ. ލާވަން ޚިޔާލު ބަދަލުވެގެން ތޫމާގެ ބަހަށް ހެއްލި އެބުނާ "ޖިންނި" ދެކޭހިތުން ޒަައިތޫން ގަސްތައް ފާސްކުރަން އަތުވެދާނެހެއްޔެވެ. ލާވަންއާއި ތޫމާއަށް އޭނާ ކަން އެނގިއްޖެއްޔާ ހާދަ ސުވާލުތައް ގިނަވާނެއެވެ.

އަނދިރީގެ ތެރެއިން ފިޔަވަޅުތަކެއްގެ އަޑު ކައިރިވަމުން އައިސް އެމީހަކު ކުރިމައްޗަށް ހުއްޓުމުން ލޫސީ ބިރުގަންނަގޮތް ވިއެވެ. މުޅިން ކަޅު ލިބާހެއްގައި ފޮރުވިގެން މޫނުވެސް ނިވާކޮށްގެން ހުރިއިރު ފެންނަނީ އަނދިރި ހިޔަންޏެއް ހެންނެވެ. ލޫސީ ފިނޑިވާކަށް ބޭނުމެއްނުވިއެވެ. އޭނާ މިދަނީ އެއަށްވުރެ މުހިއްމު މަސައްކަތެއްގައެވެ. ބޮޑު ޚަޒާނާއެއް ބަލައެވެ. ވީމާ ޖިންނި ޝައިތާނުންނާއި ޝައްކާއި ވަހުމުން ހިތް އެއްކިބާކޮށް ހިތްވަރުގަދަ ޖެހިލުންކުޑަ އަންހެންކުއްޖަކަށް ވާން ޖެހެއެވެ.

"ކާކު؟" ލޫސީ ސާބިތު އަޑަކުން ސުވާލުކުރިއެވެ.

"ސާހިބު ކަމަނާ، މިއީ އަޅުގަނޑޭ.."ސާޖީ މަޑުމަޑުން ބުނެލިއެވެ.

"އަލިކުރަން ބައްތިއެއް ކަހަލަ އެއްޗެއް ގެނައިންތަ؟ " ލޫސީ އެހިއެވެ.

"ލައްބަ. އެކަމަކު މަޑުން ވާހަކަދައްކަވާ. އެއްވެސް މީހަކަށް އިވިއްޖެއްނަމަ މި ސިއްރު ބޭޒާރުވާނެ...." ސާޖީ ވައިއަޑަކުން ބުނެލިއެވެ. ދެމީހުން ގަސްތަކުގެ ހިޔަނީގައި ތިބެ ކުރިއަށް ދިޔައެވެ. ދަންވިޔަސް ހަނދުގެ އަލިކަން އަދިވެސް ކޮންމެވެސް ވަރަކަށްދީފައި އޮތެވެ. ކިއްލާގެ ބޭރު ފާރާއި ކައިރިވުމުން ލޫސީއަށް އޭނާ އަތުން އިޝާރާތްކޮށްފައި އެންގީ ހުއްޓުމަށެވެ. ހަނދުވަރުގެ އަލި އެޅި ފާރު ކައިރީގައި އެކިގޮތްގޮތަށް ހެދިފައިވާ ކަށި ގަސްތައް ފެންނާން ހުއްޓެވެ. އެކަށި ގަސްތައް ހުރަސްކޮށް ފާރާއި ހަމަޔަށް ވާސިލު ވުމަކީ އިންސާނަކަށް ފަސޭހަކަމެއް ނޫނެވެ. ސާޖީ ކަށިގަސްތަކުގެ ތެރެއަށް ބައްތިން އަލި ކުރަނިކޮށް ހަނި ގޯޅިގަނޑެއް ފެނުނެވެ. އޭނަ ލޫސީއަށް އޭނާގެ ފަހަތުން އައުމަށް އެދުނެވެ. އިރުގަނޑެއްވާންދެން ހިނގުމަށްފަހު ހޮހަޅައެއްގެ ކުރިމައްޗަށް ނުކުމެވިއްޖެއެވެ. އެދިމާލުން ކަށިން ފުރިފައިވާ ހޯލިތައް އަޅާ ފުރާލާފައި އޮތުމުން އަނެއް މަސައްކަތް ޖެހުނެވެ. ސާޖީ އެ މަސައްކަތް ނިންމާލީ އަތްމަތި އަވަސްކޮށެވެ. ނަމަވެސް ހުރަސްތައް ކުރިމަތިވާވަރުން ލޫސީ ހުރީ ކަންބޮޑުވެފައެވެ.

ސާޖީ ހޮހަޅައަށް ވަދެފައި އައުމަށް އިޝާރާތްކުރިއެވެ.

ހޮހަޅައިގެ އެތެރެ އަނދިރިކަމުން ކަށްވަޅުފަދައެވެ. އޭނަ ސާޖީގެ ގައިގާ އަތް ޖެހޭތޯ އަތް ދިއްކޮށްލިއެވެ. ބިރުގަންނަގޮތްވެ ހަތަރެސްފައި ފިނިވެލައިފިއެވެ. ހާސްވާގޮތްވިއެވެ. ތަން ބަންދު ބޮޑުކަމުން ނޭވާ ނުލެވެނީކަން ނޭގެއެވެ. ކުރިއަށް ހިނގައިގަންނަން ނޭގިފައި ހުއްޓާ ސާޖީ ބައްތިއެއް ދިއްލައިލުމުން ފަނޑު އަލިކަމެއް ފެތުރުނެވެ. ހިލަތަކުގެ މަތިން ހިނގަން ޖެހުމުން ވަރުބަލިވިޔަސް ލޫސީ ކުރިއަށް ދިޔައެވެ. ވަކި ހިސާބަކުން އެތެރެ ކޮނެފައިވާ ބިންގަރާހެއް ފެނުނެވެ.

"ސާހިބުކަމަނާ. ބިންގަރާހަށް ވެދެވަޑައިގަތުމަށްފަހު ވާހަކަފުޅު ނުދައްކަވާތި. އަަޑު ގުގުމައިގެން ދާނެ އަދި ބޭރުގައި ތިބި މީހުންނަށް އިވިދާނެ. ސިފައިންނަށް އެނގިއްޖެއްޔާ ކުރިހާ މަސައްކަތް ފަނުފުލުން ދިޔައީ." ސާޖީ ބުނެދިނުމުން އާއެކޭ ބުނުމުގެ ގޮތުން ލޫސީ ނިތްކުރި އަރުވާލިއެވެ.

ދެމީހުން ބިންގަރާހުގެ ނިމޭކޮޅާއި ހަމަޔަށް ދިޔައެވެ.

"ބޭރަށް ނިކުންނަން ކިހިނެއް ހަދާނީ؟ "ލޫސީ އެހިއެވެ.

"އަޅުގަނޑު މަގު މި ހޯދަނީ..." ސާޖީ ބިންގަރާހުގެ ފާރުގައިވާ ހިލަތަކުގައި އަތް ކާއްތަމުން ބުނެލިއެވެ. އެތައް އިރެއްވީއިރުވެސް އެތަނުން އެންމެ ހިލައެއްވެސް ގުޑުވާ ނުލެވުނެވެ.

"ނުފެނުނީތަ؟ " ލޫސީ ސުވާލުކުރިއެވެ.

"އަޅުގަނޑުވެސް ހަނދާނެއް ނެތް. މަސައްކަތް މިކުރަނީ....."

"މާ ލަސްވެއްޖެއެއްނު. ދެން ނުފެނުނިއްޔާ ދަމާ ހިނގާ..." ލޫސީ ބުނެލިއެވެ.

"އަދި ކުޑަ ވަގުތުކޮޅެއް ދެއްވާ..." ސާޖީ މަސައްކަތް ފެށިއެވެ. އޭރު އޭނާވެސް ހުރީ މި ގަދަފިނީގައި މަސައްކަތްކޮށް ކޮށް ވަރުބަލިވާގޮތްވެފައެވެ. މިރޭ ވާދީއަށް ނުދެވިއްޖެއްޔާ ހުރިހާ އުއްމީދެއް ގެއްލުނީއެވެ. ސިފައިންނަށް އޭނަ ކޮށްފައި ހުރި މަސައްކަތް ނުފެންނާނެ ގޮތަކީ ނެތް ގޮތެކެވެ. އޭނަ ހާދަ ބުރައެއް އުފުލައިފިއެވެ. އާދައިގެ ދުވަހެއްގައި އޭނައަށް މިހާ ބުރަ މަސައްކަތެއް ނުވެސް ކުރެވޭނެއެވެ. އޭނާގެ ހަށިގަނޑަށް މިރޭ ލިބިފައި މިހިރަ ބާރަކާއިމެދު އޭނާވެސް ހައިރާން ވެއްޖެއެވެ. މިރޭ ފަރުބަދަވެސް ކެނޑިދާނެއެވެ. ފުރާނަވެސް ގުރުބާންކޮށްފާނެއެވެ. އެވަގުތު އޭނާގެ ނަސީބު އެހީވިއެވެ. ފާރުން ހިލަގަނޑެއް ގުޑާލައިފިއެވެ. ގައިގާ ހުރި ބާރެއް ލާފައި އެ ހިލަގަނޑުގައި ހިފާ ދަމައިގަތުމުން ހިލަގަނޑު ނެއްޓި ދެެމީހަކަށް ނިކުމެވޭނެ ވަރުގެ ބާގަނޑެއް ހެދިއްޖެއެވެ. ދެމީހުން އެތަނުން ބޭރަށް ނުކުމެވުމުން ގަދަ ފިނިކަން ހަށިގަނޑުގައި ޖެހިގަތެވެ. އެކަމަކު ސާފު ވަޔާއި ތާޒާކަން އިހުސާސްކުރެވުނެވެ. ދެމީހުންނަށް އަދި ކިރިޔާ ހަލަބު ކިއްލާއިން ބޭރަށް ނުކުމެވުނީއެވެ. މިއީ ކިއްލާއިން ބޭރަށް ނިކުންނަން ހުންނަ ސިއްރު ދޮރެވެ. ސާޖީ ހިލަގަނޑެއް ކޮށްޕާލުމުން އެ ހިލަ ބާގަނޑުގައި ޖެހި އެތަން ބެދި ކުރިން ހުރިގޮތަށް ވުމުން އޭނާ ބައްތި ނިވާލައިފިއެވެ.

ނުނިމޭ

comment ކޮމެންޓް