ރޯއަޑު ނީވެނީ ހެއްޔެވެ؟

ގޭގައި ހުރި އަށިމަތީގައި އޮށޯވެލައިގެން އޮތް ނަމަވެސް އަހަރެންގެ ހަށިގަނޑަކަށް އެއްވެސް ކަހަލަ އަރާމެއް އިޙްސާސެއް ނުވެއެވެ. ގާތުގައި އޮތް ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން އަހަރެން ކަރުނަތައް ހުއްޓުވޭތޯ މަސައްކަތް ކުރީމެވެ. ތުންފަތުގައި ދަތް އަޅައިލަމުން ދެލޯ މަރައިލީ، ކަރުނަތައް ފައިބައިގެން ދިޔުމަށް ފުރުސަތު ނުދޭން ވެގެންނެވެ. އެހެންނަމަވެސް، ކަރުނަތައް އެސްފިޔަތަކާ ޖަދަލުކުރުމަށްފަހު ތިރިއަށް ރޮނގު ދެމިގެން ގޮސްފިއެވެ. ތުންފަތް ފޫދުއްވާލާފައި ނުކުތް ވޭނީ ގިސްލުމުގެ އަޑާއެކު އަހަރެންގެ ފަސް އަހަރަށް ދާ ދަރިފުޅު ޔަޝްފީ ހޭލިއެވެ.

"މަންމާ." އަހަންނަށް ގޮވާލަމުން ޔަޝްފީ އަހަރެންގެ ދެލޮލުން އައި ކަރުނަތައް ފުހެދިނެވެ.

"ނުރޮއި މަންމާ... އިންޝާ ﷲ... ބައްޕަ ވާނީ މި އަނިޔާވެރި ދުނިޔެ ދޫކޮށް ސުވަރުގޭގައި"

އެ ދަރިފުޅުގެ ވާހަކައިން އަހަރެން ހިންހަމަ ޖައްސައިލަން މަސައްކަތް ކުރީމެވެ. ކެތްތެރިވާން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ކެތް ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު ލޮލުގެ ކުރިމަތީގައި ފެންނަ މަންޒަރުތަކުން ހިތް ފަޅައިގެން ދާހާވެއެވެ.

ބިންމަތީގައި ދެމެނީ ލޭގެ ކޯރެވެ. މަގުތައް މަތީގައި ހަތިޔާރާއެކު އިސްރާއީލް ސިފައިން ރަސްކަން ކުރަމުންދަނީއެވެ. ރެއާ ދުވާލު އަޑު އިވެނީ ބޮމާއި ހަމަލާގެ އަޑުފަށްގަނޑެވެ. ބަޑި ޖަހާ އަޑާއި ސަލާމަތަށް އެދި ހަޅޭއްލަވާ އަޑެވެ. މޭތެރޭގައި އޮތް ހިތް އޮންނަނީ އަބަދު ސިހި ސިހިއެވެ. ގޭތެރޭގައި ވެސް ހިމާޔަތެއް ނެތެވެ. އެ ނުލަފާ އަނިޔާވެރިން ގެއަށް ވެސް ވަންނަނީއެވެ. އާއިލާގެ ކުރިމަތީގައި އަންހެން ކުދިންގެ އިއްފަތް ފޭރި ގަންނަނީއެވެ. އަހަރެމެންގެ އަޑު އަހާނެ ކަންފަތެއް އެ މަންޒަރު ދެކޭނެ ލޮލެއް ނުވެއެވެ. މުޅި ދުނިޔެވެސް އޮތީ ފުންނިންޖަކުން ނިދާފައެވެ. އިންސާނީ ޙައްގޭ ކިޔާފައި އަޑުގެ ކޮޅަށް ހަޅޭއްލަވާ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް އަހަރެމެން އުޅެމުންދާ ޙާލެއް ނުފެނެއެވެ. އަހަރެމެންގެ އަޑެއް ވެސް ނީވެއެވެ. އެ މީހުންގެ އަނިޔާވެރިކަމެއް ވެސް ނުފެނެއެވެ.

އަހަންނަކީ ފަލަސްތީނުގެ ޣައްޒާއަށް އުފަން އަންހެން ކުއްޖަކީމެވެ. ޢުމުރުން މިވީ 28 އަހަރު އަހަރެން ހޭދަކުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އަހަރެންގެ ޢުމުރުން އެންމެ އަށް އަހަރުގައި އެމީހުން އަހަރެންގެ ބައްޕަ މަރައިލީ އަހަރެންގެ ކުރިމަތީގައެވެ. އަނިޔާވެރި ގޮތަކަށެވެ. އެ ގޮތަށް ކަންތައް ނުކުރުމަށް އެދި އާދޭސްކުރީމެވެ. އެމީހުންގެ ދެފައި ބުޑަށް ވެއްޓި ރުއީމެވެ. އެކަމަކު އެ މީހުންގެ ހަރު ހިތްތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އަހަންނާ އަހަރެންގެ މަންމަގެ ކުރިމަތީގައި އެ ބައްޕަގެ ގަޔަށް އެމީހުންގެ ވަޒަނުގެ ހަމަލާތައް އަމާޒުކޮށްލިއެވެ. ބައްޕަގެ އަނގައިން އައި ލޭތައް ފެނި އެ ދިމާލަށް ދުއްވައި ގަންނަން އުޅުނު ނަމަވެސް، އެ އަނިޔާވެރިން އެ ފުރުސަތު ވެސް އަހަރެމެން ދެމައިންނަކަށް ނުދިނެވެ. އަހަރެމެންގެ ކުރިމަތީގައި އެ ހަށިގަނޑަށް އެތަކެއް އަނިޔާތަކެއް އެމީހުން ދިނެވެ.

ބައްޕަގެ ފުރާނަ ހަށިގަނޑާ ވަކިވުމުން ވެސް އެމީހުންގެ ހިތް ފުރުނުކަމަށް ނުވިއެވެ. ބައްޕައާ އެންމެ ފަހު ސަލާމް ކޮށްލުމުގެ ފުރުސަތު ވެސް އެމީހުން އަހަރެމެންނަކަށް ނުދިނެވެ. އެވަރުން ފުދުނީއެއް ނޫނެވެ. އަހަރެންގެ ކުރިމަތީގައި މަންމަގެ ޢިއްފަތްތެރިކަން އެމީހުން ފޭރިގަތެވެ.

ރޮއިރޮއި އޮތް މަންމަގެ ގާތަށް ދާން އުޅުނު ނަމަވެސް، އަހަރެންގެ ގައިގައި ހިފައްޓައިގެން ހުރި ފިރިހެން މީހާ އެ ފުރުސަތެއް އަހަންނަކަށް ނުދިނެވެ. އެތައް އަނިޔާއެއް ދިނުމަށް ފަހު އެމީހުން އަހަރެމެން ގެއިން ނުކުމެގެން ދިޔައީ ހިތުން ނުފިލާނެ ވަރުގެ ޒަޚަމުތަކެއް ދީފައެވެ.

އުރުމުން 19 އަހަރުގައި އަހަރެން ޔާސިރުއާ ކައިވެނި ކުރީމެވެ. ޔާސިރަކީ އަހަރެން އުޅޭ އަވަށުގައި އުޅޭ ޒުވާނެކެވެ. އޭނާއަކީ އެހީ ފޯރުކޮށްދޭ ޖަމާއަތަކާ ގުޅިގެން ނިކަމެތިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެމުން ދިޔަ ޒުވާނެކެވެ. ޔާސިރު ކުޑައިރު ދިން ބޮމުގެ ހަމަލާއެއްގައި އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކޮއްކޮ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

އަހަރެމެންގެ ކައިވެންޏަށް އަހަރެއްހާ ދުވަސް ފާއިތުވެދިޔަ ފަހުން، އަހަރެން އަލަތު ދަރިފުޅަށް ބަނޑުބޮޑުވިއެވެ. އެއާއެކު އަހަންނަށް ލިބެމުން ދިޔަ ޔާސިރުގެ އަޅާލުން އިތުރުވިއެވެ.

ހަމަލާތައް ތަންކޮޅެއް މަޑުޖެހިފައި އޮތް ދުވަސް ކޮޅަކަށް ވީތީ މަދުމަދުން އަހަރެން ގެއިން ބޭރަށް ނުކުމެލަމެވެ. އަހަރެންގެ ބަނޑަށް ހަ މަސް ފުރުނުއިރު އަނެއްކާވެސް އެ މީހުންގެ ހަމަލާތައް ފެށުނެވެ. އެ ފަހަރު އަހަންނާ ވަކިވީ އަހަރެންގެ މަންމައެވެ. މަންމަ ވެސް މަރުވީ އެމީހުންގެ ބޮމުގެ ހަމަލާއެއްގައެވެ. ރޮއި ރޮއި އަހަރެންގެ ހާލު ވަރަށް ދެރަވިއެވެ. ހިތްވަރު ލިބުނީ އަހަރެންގެ ފިރިމީހާ ޔާސިރުގެ ފަރާތުން އިވޭ ބަސްތަކުންނެވެ. އެ އޯގާތެރި އަތުގެ ފިރުމުންތަކުން އަހަރެންގެ ހިތުގައި ގަނޑު ފެން އަޅާލަ ދިންފަދައެވެ. އަހަރެން އެންމެ ކަންބޮޑުވީ އަހަރެމެންގެ ދަރިފުޅާ މެދުގައެވެ. އަހަންނަށް ދިމާވި ފަދަ ހިތްދަތި ކަމެއް އެ ދަރިފުޅަށް ދިމާނުވުން އެދި އެތަކެއް ފަހަރު ﷲ އަށް ދުޢާ ދެންނެވުނެވެ. އަހަރެން ތަޙައްމަލު ކުރި ފަދަ ވޭނެއް އެ ދަރިފުޅު ތަޙައްމަލް ކުރާކަށް އަހަރެން ނޭދެމެވެ.

އެ ދަރިފުޅާ މެދު ފޮނި އުންމީދުތަކެއް އަހަރެމެން ދެމަފިރިން ވެސް ކުރީމެވެ. ދަރިފުޅުގެ އަތުގައި ހިފާލައިގެން އަމާން މާހައުލެއްގައި ހިނގާލަށް ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރީމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ބަނޑަށް ނުވަ މަސް ފުރިއްޖެއެވެ. ނުވަ މަހު އަހަރެން އުފުލި ތަކުލީފު ތަކުގެ ބަދަލުގައި ﷲ އަހަންނަށްްް ލޯބިލޯބި އަންހެން ކުއްޖެއް ދެއްވިއެވެ. އެ ދަރިފުޅު އަހަރެންގެ އަތުގައި ބޮނޑިކޮށްލި ފުރަތަމަ ދުވަހު އަހަރެންގެ ހިތް ފުރިގެން ދިޔައެވެ. ލޯތްބާއި ކުލުނާ ޙަމްދަރުދީންނެވެ. ޔާސިރުގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިތަން އަހަރެން ދުށީމެވެ. އަހަރެމެންގެ އެ ދަރިފުޅަށް ފުރިހަމަ ހިމާޔަތް ދޭން ޔާސިރު ވަޢުދުވިއެވެ.

ދަރިފުޅަށް ފަސް އަހަރު ފުރުނެވެ. އަހަރެމެންގެ ދިރިއުޅުމަށް އެއްވެސް ކަހަލަ އުޖާލާކަމެއް ނުލިބެއެވެ. އަބަދާ އަބަދު ތިބެން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަހަރެން އެންމެ ކަންބޮޑުވަނީ އަހަރެމެންގެ ދަރިފުޅާ މެދުގައެވެ. އެ ނުބައި މީހުންގެ ވަކިތަކުގައި އަހަރެންގެ ދަރިފުޅު ހައްޔަރުވާކަށް އަހަރެމެން ދެމަފިރިން ވެސް ނޭދެމެވެ.

*****

"މަންމާ... ހުއްޓާލާ. ކޮއްކޮ ދެރަވޭ" ޚިޔާލުތަކުގައި ބެހެމުން ދިޔަ އަހަންނަށް ހޭވެރިކަމެއްވީ ޔަޝްފީ ވާހަކަ ދެއްކުމާއެކުގައެވެ. އަހަރެން ކަރުނަތައް ފުހެލީ އެ ދަރިފުޅުގެ ޙައްޤުގައެވެ.

އަހަރެންގެ އެއްފަރާތުގައި ޔަޝްފީ ބާއްވަމުން އަހަރެން ޔަޝްފީ ބޮލުގައި ފިރުމައިލީމެވެ.

އަހަރެންގެ ފިރިމީހާ އެ ސިފައިންގެ އަނިޔާވެރި ވަކިތަކުގައި ހައްޔަރުވެ މި ދުނިޔެ ދޫކުރިތާ މިއަދަށް ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް އަހަންނަކަށް ހިތާމަތަކަކާ ދުރަކަށް ނުދެވުނެވެ. ބައްޕަ އެކޭ އެއް ގޮތަށް އަހަރެންގެ ފިރިމީހާ ވެސް މި ދުނިޔެ ދޫކުރީ އެމީހުންގެ ބަޑީގެ ހަމަލާއެއްގައެވެ.

އެއީ އާދައިގެ ދުވަހެކެވެ. އެ ދުވަހު ވެސް ޔާސިރު އުޅުނީ އާދައިގެ މަތިން ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންނަށް ކާތަކެތި ފޯރުކޮށްދިނުމުގައި އަވަދިނެތިއެވެ. ކާއެއްޗެހި ބަހައްޓާފައި ހުރި ގުދަނަށް އެ އަނިޔާވެރިން ވަދެގަނެ އެތަނުގައި ތިބި ގިނަ ބައެއް މަރައިލި މަރައިލުމުގައި އަހަރެންގެ ފިރިމީހާ ވެސް އެމީހުންގެ ޝިކާރައަކަށް ވީއެވެ. އެ ވަރުން ފުދުނީއެއް ނޫނެވެ. އެތަނުގައި ރޯކޮށްލުމަށްފަހު އެތަން ވެސް އަންދައިލީއެވެ.

އެޚަބަރު ލިބުމާއެކު އަހަރެން ދުވަމުން ދިޔައީމެވެ. އެހެންނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. މުޅި ތަނުގައި ވަނީ ހުޅު ހިފާފައެވެ. އަރާ ހޫނުން އެތަނަށް ކައިރިވެވޭ ވަރެއް ވެސް ނޫނެވެ. އަހަރެންގެ ދަރިފުޅު އަހަރެންގެ ގައިގައި ބައްދައިގަނެފައި ރޯން ފެށިއެވެ. ހުރި ތަނަށް އަހަންނަށް ތިރިވެވުނެވެ. އަހަރެންގެ ފިރިމީހާގެ ފުރާނައަށް ރަޙްމަތް ލެއްވުން އެދި ދުޢާ ކުރީމެވެ. ސުވަރުގެ މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރީމެވެ.

ކެތްތެރިކަން އިސްކުރަމުން އަހަރެން ރުއިން ހުއްޓޭތޯ މަސައްކަތް ކުރީމެވެ. ޔަޝްފީ ވެސް އަހަރެންގެ ގައިގައި ބައްދާލައިގެން ރޮއިލަ ރޮއިލާ ހުއްޓެވެ. އެ ކުޑަ ދަރިފުޅަށް ވެސް ވީ ގޮތް ނަގައިގަނެވުނީއެވެ.

*****

ކަރުނަތައް ފުހެލަމުން އަހަރެން ނިދިފައި އޮތް ޔަޝްފީއަށް ބަލައި ލީމެވެ. ޔަޝްފީގެ ނިތުގައި ބޮސްދެމުން އެ ދަރިފުޅު ހެޔޮ ހާލުގައިލެއްވުން އެދި ދުޢާ ކުރީމެވެ. ކެތްކުރަމުން އަހަރެން މާތް ﷲގެ ވަޙީ ބަސްފުޅު މަތިން ހަނދުމަކޮށްލީމެވެ.

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ

ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! [ އަލް ބަޤަރާ 155 ވަނަ އާޔަތް ]

ދުނިޔޭގައި ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަރެން ދުވަހަކުވެސް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލާނަމެވެ. އަހަރެންގެ ޙާލު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. މިއަދު ކެތްތެރިވެއްޖެ ނަމަ ފަހުން އެކަމުގެ ފޮނި މޭވާ ލިބޭނެކަމުގައި އަހަރެން ޔަޤީން ކުރީމެވެ.

އެއީ ވިއްސާރަ ރެއެކެވެ. ކުޑަ ޖިފުނޑި ގަނޑެއްފަދަ އެގޭގައި އަހަރެން ދަރިފުޅާއެކު އިނީމެވެ. އަށިމަތީގައި މިއަދު ލިބުނު ކަދުރުކޮޅަކާއި ފެން ފުޅިއެއް ހުއްޓެވެ.

ޔަޝްފީ ފެން ބޮވާ ކަމަށް ބުނުމުން އަހަރެން ފެންފުޅި ކަނޑައިލުމަށްފަހު ޔަޝްފީގެ ތުމުގައި ޖެއްސީމެވެ. ސިހުނީ ދާދި ގާތުން އިވުނު އަޑުފައްގަނޑާއެކުގައެވެ. ފެން ފުޅިވެސް އަތުން ދޫ ނުވީ ކިރިއާއެވެ. ޔަޝްފީ ކޮށި އެރުމުން ޔަޝްފީގެ ބުރަކަށީގައި ދެފަހަރަކު ޖަހައިލަމުން އެ ޖިފުޑި ގަޑުން ނުކުތީމެވެ.

އޭރު އެތަނާ މާދުރު ނޫން ހިސާބެއްގައި ހުރި ގެ ތަކެއްގައި ރޯ ވެފައި ހުރިތަން ދުށީމެވެ. ވީ ގޮތް އެނގުމާއެކު އަހަންނަށް ޔަޝްފީ ގެނެސް މޭގައި ޖައްސައިލެވުނެވެ. އޭރު އަހަރެންގެ ހިތް ނޭނގޭ ބާރުމިނުގައި ތެޅެމުން ދިޔައެވެ. އޭގެ މިނެޓެއް ހާއިރު ފަހުން ބޮމުގެ ދެވަނަ ހަމަލާއެއް އަމާޒުވެގެން ދިޔަތަން ދުށީމެވެ. ހަމަލާ އަމާޒުވެގެން ދިޔައީ ގެއާ ވަރަށް ކައިރި ހިސާބަކަށެވެ. ޔަޝްފީ ބިރުން އަހަރެންގެ ގައިގައި ބާރަށް ބައްދައިލިއެވެ. އަހަރެން ކަމެއް ނުވާނެޔޭ ބުނެ ޔަޝްފީގެ ގައިގައި ބައްދައިލީމެވެ.

ގެ ކައިރި ހިސާބުތަކަށް ސިފައިންތައް ވެރިވެގަތީ އެ ވަގުތެވެ. އެމީހުން މުޅި ތަނަށް ފެތުރިގަނެ ގެތަކުގެ ތެރެއަށް ވަންނަން ފެށިއެވެ. އަހަރެން ޔަޝްފީ ގޮވައިގެން އެތެރެއަށް ވަނީމެވެ. ގިނަ އިރުތަކެއް ނުވެ އަހަރެމެންގެ ގެއަށް ވެސް ސިފައިން ވަދެއްޖެއެވެ.

ޔަޝްފީ ގެނެސް އަހަރެންގެ މޭގައި ބޮނޑިކޮށްލީމެވެ. އެމީހުން އަހަރެމެން ދެމައިން ވަކިކޮށްލުމަށްފަހު ރޮއި ރޮއި އޮތް ޔަޝްފީ ތަޅުންގަނޑު މައްޗަށް ވައްޓައިލިއެވެ.

އަހަރެންގެ ކުރިމަތީގައި އަހަރެންގެ ދަރިފުޅުގެ ޢިއްފަތް ފޭރެމުން ދިޔައިރު އަހަރެން ހަޅޭއްލަވަމުން ދިޔައީމެވެ. ރޮމުން ދިޔައީމެވެ. އެހެންނަމަވެސް އެމީހުންގެ ހަރު ހިލަ ހިތްތަކަކަށް އަސަރެއް ނުކުރިއެވެ. އަހަރެންގެ ކުރިމަތީގައި އެމީހުން އަހަރެންގެ ދަރިފުޅު މަރާލުމަށްފަހު، ދިޔައިރު އަހަރެން މަރާނުލީ ކިއްވެބާއޭ ހިތަށް އެރިއެވެ.

ރޮމުން ރޮމުން އަހަރެން އަހަރެންގެ ދަރިފުޅު ޔަޝްފީ ކައިރިއަށް ޖެހިލީމެވެ. އެ ދަރިފުޅުގެ ގަޔަށް ވަޒަން އެރި ތަނުން އޭރުވެސް ލޭތަށް ފައިބަމުން ދިޔައެވެ.

ހާލަތު ތަންކޮޅެއް ރަނގަޅު ވީހެން ހީވުމާއެކު އަވަށުތެރެ ހަލަބޮލިވިއެވެ. މިއަދުވެސް އެމީހުން އެދިޔައީ އެތައް ބަޔަކު ޤަތުލު ކުރުމަށްފަހުއެވެ.

ދަރިފުޅު ކަފުންކޮށްފައި އަހަރެންގެ އަތަށް ލާދެވުނު އިރު ބާރަށް ރޮވިއްޖެއެވެ. ކެތްތެރިވާން މަސައްކަތް ކުރި ނަމަވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފަށައިފިއެވެ. އަހަރެމެންގެ އުންމީދުތައް ވެއްޔާ މޮޑެލުމަށްފަހު އެމީހުން މިނިވަން ކަމާއެކު އުދުހެމުން ދާއިރު އެތަން ފެންނަ މީހަކު ހަމަ ނެތީހެއްޔެވެ؟ ދުނިޔެއާ މެދު ޝަކުވާ ކުރެވުނެވެ. މިއަދު އަހަރެންގެ ދަރިފުޅެވެ. މާދަމާ އެހެން މީހެއްގެ ދަރި އެކެވެ. އަހަރެމެންނަކީ ވެސް އިންސާނުންނެވެ. ވޭނުގައި ތެޅި ފޮޅޭއިރު އަހަރެމެންނަށް އަޅާލާނެ ބަޔަކު ނެތީ ހެއްޔެވެ؟ އެކަކަށްވެސް އަހަރެމެން ރޯ އަޑު ނީވެނީހެއްޔެވެ؟

(މިއީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އުޅެމުންދާ ހާލުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އަޅުގަނޑުގެ ދުޢާ އަކީ ދުނިޔޭގައި އަނިޔާ ލިބެމުންދާ އެންމެހާ މުސްލިމުން އެ އަނިޔާއިން މިންޖުކޮށްދެއްވުމެވެ. އަދި އަނިޔާގައި މި ދުނިޔެ ދޫކުރާ އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ސުވަރުގެ މިންވަރުކޮށް ދެއްވުމެވެ. އާމީން)

comment ކޮމެންޓް