ޓޫރިޒަމް ގައިޑްލައިންގެ މަސައްކަތް ނިންމައި، މި މަހު އާންމުކުރާނެ: މިނިސްޓަރު އަލީ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގައި ތިބި ޓޫރިސްޓުންތަކެއް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަތުމަށްފަހު އަމަލުކުރާ ގައިޑްލައިންގެ މަސައްކަތް ނިންމައި ޖޫން މަހުގެ ކުރިން އާންމުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އަލުން ފަތުރުވެރިން ގެނައުމުގެ އުސޫލެއް އެކުލަވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ސޭފް ޓޫރިޒަމް ގައިޑްލައިންގެ ނަމުން ނަންދީފައިވާ އެ އުސޫލުގެ ފުރަތަމަ ޑްރާފްޓު ވަނީ އާންމުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ މި އުސޫލު އެކުލަވާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި މިހާރު ތިންވަނަ ދެލިކޮޕީއަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

"މިހާރު އިންޑަސްޓްރީއާ ކުރަމުންދާ މަޝްވަރާތަކުގައި މީގެ ތިންވަނަ ދެލިކޮޕީއާ ހަމައިގައި އަޅުގަނޑުމެން މި ތިބީ. ހާއްސަކޮށް މަޓީއާ އެއްކޮށް، އަޅުގަނޑުމެން މިހާރު އިއްޔެއާއި މިއަދު ވެސް އަދި އޭގެ އިތުރުން އެމްއޭސީއެލް، ސިވިލް އޭވިއޭޝަން، ޑޮކްޓަރުންގެ ޓެގް ޓީމުގެ ޑރ. އަލީ ލަތީފްއާއި އެމްއެމްޕީއާރުސީއާ އެއްކޮށް އަޅުގަނޑުމެން މިދަނީ މިއަށް ވޯކްއައުޓްކޮށް އިސްލާހު ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: އެންއީއޯސީ

މި އުސޫލުގެ ފުރަތަމަ ޑްރާފްޓް އާންމުވެފައިވާއިރު، މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް އަލުން ފަށަން މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ. އާންމުވެފައިވާ ފުރަތަމަ ޑްރާފްޓުގައި ހިމެނޭ ބައެއް ކަންތައްތައް [އެއާލައިންތަކުންނާއި ޓޫރިސްޓުން އަތުން އިތުރު ފީތަކެއް ނެގުން ފަދަ ކަންކަން] ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އެއީ ޓޫރިޒަމް ހުޅުވާލުމުގެ ކުރިން އަދި ބަލި ފެތުރުން މުޅިން ކޮންޓްރޯލް ނުވާ ކަމަށް ބެލި ހާލަތަށް ތައްޔާރުކުރި ޑްރާފްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ސިނާއަތާ ބައްދަލުކޮށް، ސިޓީ ފޮނުވުމުގެ ކުރިން އިންޓަނެޓްގެ ޒަރިއްޔާއިން ބައްދަލު ކުރުމަށްފަހު ދެންނެވިން މިއީ އަދި ނިމިފައި އޮތް އެއްޗެއް ނޫނޭ، މިއީ ފޭސްތަކެއްގެ މައްޗަށް ފަތުރުވެރިކަން އަލުން ފަށާއިރު، އޭގެ ޕްރީ އޯޕަނިން ފޭސްގައި އޮތް އެއްޗެކޭ. އެހެން ނަމަވެސް އެތަނުން އެއް ބޭފުޅަކު ވަނީ މީތި ޕަބްލިސައިޒް ކުރައްވާފައި. އެއީ ވަރަށް އަންޕްރޮފެޝަނަލް ކަމެއް. އެކަމާ ގުޅިގެން މީގެ ހަގީގަތް ގެއްލި، މީގެ އަސްލަކީ ކޮބައިކަން ނޭނގޭ ހިސާބަށް ގޮސްފައި މިއޮތީ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

https://sun.mv/137000

ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލައްވަމުން މިނިސްޓަރު އަލީ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރާއްޖޭގައި މިވަގުތަށް މި ބަލި ހިފެހެއްޓި، ބައްޔާ އެއް ހަމައަކަށް އާދެވިފައިވާ ކަމަށެވެ.

ޖުލައި މަހު ބޯޑަރު ހުޅުވަން މަސައްކަތް ކުރަމުންދާއިރު، ޓޫރިޒަމް ގައިޑްލައިން އެކުލަވާލުމުގައި ވެސް މިހާރު ބަލަމުންދަނީ ބޯޑަރު ހުޅުވާލުމުގެ ކުރިން އަމަލުކުރާނެ ގޮތުގެ ބަދަލުގައި ބޯޑަރު ހުޅުވާލުމަށްފަހު އަމަލުކުރާނެ ގޮތްތަކަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލަފާކުރަމުން މިހާރު މިދަނީ ޖުލައި މަހުގެ ތެރޭގައި ބޯޑަރު ހުޅުވާލަން. ބޯޑަރު ހުޅުވާލާއިރު އަސްލު މި ޕޭޕަރުގެ ފުރަތަމަ ޑްރާފްޓުގައި އޮތް ކަރަންޓީނު ހާލަތުގައެއް ނޫން ﷲ އިރާދަކުރެއްވިއްޔާ ރާއްޖެ އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖޫން މަހުގެ ކުރިން އެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތާވަލު ވެސް މިނިސްޓަރު އަލީ ހިއްސާ ކުރެއްވި އެވެ.

"މި މަހު 25ވަނަ ދުވަހާ ހަމައަށް ކޮމެންޓްތައް އަންނާނެ. ޑޮމެސްޓިކް ހުރިހާ އެއާލައިނަކާ ވެސް ބައްދަލުކޮށް މި ޑްރާފްޓް ހިއްސާކޮށްފިން. އޭގެ އިތުރުން ހުރިހާ އެސޯސިއޭޝަނަކާ ވެސް ހިއްސާކުރިން. މިއަދު ހަވީރު ވެސް މަޓީއާ އެއްކޮށް މަޝްވަރާތައް ގެންދިޔައިން. އަޅުގަނޑުމެންގެ އަމާޒަކީ ވަޅު އީދު ދުވަހު ހުރިހާ އެސޯސިއޭޝަންތަކުގެ ކޮމެންޓްތަކާއެކު އިށީނދެ ހިމުންކޮށް، 25ވަނަ ދުވަހުގެ ރެއަށް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާ އެއްކޮށް އޮންނަ ފައިނަލް ޑްރާފްޓެއް ނިންމައި، ޕޮލިސީ އޮފީހަށް ފޮނުވުން." މިނިސްޓަރު ވިދާޅުވި އެވެ. "އެއަށްފަހު އިރާދަކުރެއްވިއްޔާ ޖޫން އައުމުގެ ކުރިން މީގެ ފައިނަލް ނިންމުމެއް ނިންމައި، ސަރުކާރުން ޓޫރިޒަމް އަލުން ކިކްސްޓާޓްކުރާ ފައިނަލް ގައިޑްލައިން އާންމުކުރާނީ،"

comment ކޮމެންޓް