ރާއްޖެ ހުޅުވާލުން: ރައްކާތެރި ރިސޯޓް ލައިސެންސާއި ޓޫރިސްޓުން ޓެސްޓްކުރުން!

ވީއައިއޭގައި ޓޫރިސްޓުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ހިމަނާ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ އުސޫލެއްގެ ޑްރާފްޓެއް އެކުލަވާލައިފި އެވެ.

ކޮވިޑް -19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލުމާ ގުޅޭގޮތުން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ބުނެފައިވަނީ މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ރިސޯޓުތަކަށް ކަމަށެވެ.

"ސަން"އަށް ކޮޕީ ލިބިފައިވާ އެ ޑްރާފްޓް ގައިޑްލައިންގައިވާ ގޮތުން ސޭފް ޓޫރިޒަމް ރިސޯޓްގެ ގެސްޓް ރޫމްތަކުގެ 10 ޕަސެންޓު އައިސޮލޭޝަނަށް ކަނޑައަޅަންވާނެ ކަމަށާއި ސްޓާފުންގެ 10 ޕަސެންޓަށްވާ ވަރަށް ސްޓާފުންނަށް ހާއްސަ ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީ ގާއިމް ވެފައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ގެސްޓުންނަށް ހިދުމަތްދޭ ސްޓާފުންނަކީ ޕީޕީއީ އަޅައިގެން ހިދުމަތްދިނުމަށް ތަމްރީނުވެފައި ތިބޭ މީހުންނަށް ވާންޖެހޭނެ ކަމަށާއި ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތަށް ސްޓާފުން ތަމްރީނުވެފައި ތިބެންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކޮވިޑް19 އަށް ޝައްކު ކުރެވޭ ކޭހެއް ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސްޓާފުން ތަމްރީނު ކުރެވިފައި ތިބެންޖެހޭނެ ކަމަށާއި ރިސޯޓުގައި އެކަށީގެންވާވަރަށް ޕީޕީއީ (އަންގި މާސްކު، ބޫޓުކަވާ އަދި ގައުން) ހުންނަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ލައިސެންސަށް އެދޭ ރިސޯޓުތަކުގައި ނަރުހަކާއި ޑޮކްޓަރަކު ހުންނަންޖެހޭނެ ކަމަށް ބުނެފައިވާއިރު މި ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށެވެ.

ޑްރާފްޓް އުސޫލުގައިވާ ގޮތުން ރިސޯޓްތަކަށް ޓޫރިސްޓުން ގެންދާ އުޅަނދުތަކުގައި އެޗްޕީއޭއިން ކަނޑައަޅާ ހާއްސަ އުސޫލުތަކެއް ފުރިހަމަ ވެފައި ހުންނަން ޖެހޭއިރު، އުޅަނދުގައި ޓޫރިސްޓުން ބައިތިއްބަން ޖެހޭނީ އެއް ގޮނޑި ދޫކޮށްފަ އެވެ. އަދި އުޅަނދުގެ ކްރޫއިން ޓޫރިސްޓުންނާ މުއާމަލާތް ކުރުމުގައި އެއް މީޓަރު ބަހައްޓަން ޖެހޭއިރު، އެ މީހުން ފޭބުމުން އެ އުޅަނދެއް ޑިސްއިންފެކްޓް ކުރުން ލާޒިމް ކުރެ އެވެ.

މީގެ އިތުރުން ޓޫރިސްޓް ރިސޯޓަށް ފޭބުމާ އެކު ވަގުތުން އެ މީހުން ގެންދަން ޖެހެނީ، އެ މީހެއްގެ ކޮޓަރިއަށެވެ. އަދި އެ މީހަކު ހުންނަ ކޮޓަރިން ސެލްފްސާވިސް ޗެކިން ހެދޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ޓޫރިސްޓަކަށް އެ މީހެއްގެ ކޮޓަރިން ނިކުމެވޭނީ އެއާޕޯޓްގައި ހެދި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުމުން ކަމަށް ވެސް ޑްރާފްޓް އުސޫލުގައިވެ އެވެ.

ޑްރާފްޓް އުސޫލުގެ އުސްއަލިތައް:

  • ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަނި. ލައިސަންސް ފީ 50،000 ޑޮލަރު.
  • ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސްކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުން.
  • ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ. ޓްރެވަލް އިންޝްއަރެންސް ހަދާފައި އޮންނަން ޖެހޭ.
  • ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ. ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން.
  • ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން.
  • ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން.
  • ޖޫންގައި ހުޅުވާލަނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް.
  • ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައިވާއިރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށަށްދާނެތީ ރާއްޖެއަށް މިއަހަރު ލިބޭނެ އާމްދަނީވެސް ބޮޑުތަނުން ދަށަށް ދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. ރިސޯތުތައް ހުއްޓި ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ޗުއްޓީ ދީފައިވަނީ މުސާރަވެސް ނުލިބޭގޮތަށެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ޓޫރިޒަމްގެ ގައިޑްލައިންގެ ޑްރާފްޓްގައިވާ ގޮތުން ސުޕަ ޔޮޓުތަކާއި ޖެޓުތަކުގައި އަންނަ ފަތުރުވެރިންނަށް ޖޫން މަހު ރާއްޖެ ހުޅުވާލެވޭނެ އެވެ. އެގޮތުން ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން ރާއްޖެ ވަންނަން 10،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށްވެސް ބުނެފައިވެ އެވެ. ޕެސެންޖާލައިންތަކަށް ރާއްޖެ އައުމަށް އަދި ހުއްދަ ނުދޭނެ ޑްރާފްޓްގައި ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން މާޗު ފަހުކޮޅުން ފެށިގެން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފަ އެވެ.

ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ޑްރާފްޓް ގައިޑްލައިން އެއް އެކުލަވާލިއިރު، އެ ގައިޑްލައިން ބުނާގޮތުން ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ހެދުމަށްފަހު އެވެ. އެގޮތުން، ޑްރާފްޓް ގައިޑްލައިންގައި ބުނެފައި ވަނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ އެރައިވަލްގައި ހުށަހަޅަން ޖެހޭނެ ކަމަށެވެ. ރާއްޖެ ވަނުމުގެ ފުރުސަތު ދޭނީ އެ ޕީސީއާރު ޓެސްޓް ނެގެޓިވް ވެފައިވާ ނަމަ ނުވަތަ އެންޓި ބޮޑީ ޓެސްޓުން ޕޮޒިޓިވް ނަތީޖާއެއް ދައްކާފައިވާ ނަމަ ކަމަށް އުސޫލުގައިވެ އެވެ.

ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފުރަތަމަ ދޭނީ، ރާއްޖޭގައި އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ނަމަ އެވެ. އަދި ވިސާ ފީގެ ގޮތުގައި 100 ޑޮލަރު ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ނަގާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހާ ޗުއްޓީ ހޭދަކުރަން ބުކިން ހަދާފައި އޮންނަން ޖެހޭނީ ސަރުކާރުން ދޫކޮށްފައިވާ ސޭފް ޓޫރިސްޓު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށެވެ.

އެއާޕޯޓް އެރައިވަލްގައި އަޅާނެ ފިޔަވަޅުތައް ވެސް އުސޫލުގައިވެ އެވެ. އެގޮތުން، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ޕީސީއާރު ޓެސްޓް އެއާޕޯޓްގައި ހަދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކޮންމެ ޓެސްޓަކަށް 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުގެ އަތުން ނަގާނެ އެވެ. މީގެ އިތުރުން ކޮވިޑް އަލާމާތްތައް ކަމަށްވާ، ހުމާއި ރޯގާގެ އަސަރު ހުރިތޯވެސް އެރައިވަލްގައި ބަލާނެ އެވެ. ޓޫރިސްޓުން އެއާޕޯޓްގައި އުޅޭއިރު ހުރިހާ ވަގުތެއްގައި މާކްސް އެޅުން މަޖުބޫރުވާނެ ކަމަށް ވެސް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ.

އެ މީހުންނަށް ހިދުމަތްދޭ އެއާޕޯޓްގެ ހުރިހާ މުވައްޒަފުން ތިބެން ޖެހޭނީ އެއް މީޓަރު ދުރުގައި ކަމަށާއި އެ މީހުން މާސްކް އެޅުމުގެ އިތުރަށް ފޭސް ޝީލްޑް ބޭނުންކޮށް ޑިއުޓީ ނިންމުމަށް ފަހު ޑިސް އިންފެކްޝަން ޕްރޮސީޖާ ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވަނީ އޮންލައިންކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް އެ އުސޫލު އެ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އަދި އެ އުސޫލަށް އިންޑަސްޓްރީގެ ހިޔާލަށް މިނިސްޓަރު ރޭ އެދިވަޑައިގެންނެވިކަން އެނގިފައިވެ އެވެ.

comment ކޮމެންޓް