ސޭފް ޓޫރިޒަމްގެ ފުރަތަމަ ޑްރާފްޓުގައި ހުރި ފީތައް އުވާލައިފިން: މިނިސްޓަރު އަލީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓަކީ ފައިނަލެއް ކަރުދާހެއް ނޫން ކަމަށާއި ހާލަތު މިހާރު ބަދަލުވުމާއެކު އޭގައި ނަގަން ހިމަނާފައި ހުރި ގިނަ ފީތައް ނުނަގަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކުރި ކަރުދާސް ލީކުކޮށްލާފައިވަނީ އޭގައި ފާހަގަކޮށްފައިވާ ކަންތައްތަަކުގެ ހަގީގަތް ގެއްލޭ ގޮތަށް ކަމަށެވެ.

އެ ޑްރާފްޓާ ގުޅޭގޮތުން ކޮމެޓީގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ބޭރުގެ އެއާލައިންތައް ބަނގުރޫޓުވަމުންދާ މި ދުވަސްވަރު ރާއްޖެ އަންނަ ފްލައިޓުތަކުން ބޮޑެތި ފީތަކެއް ނަގަން ހިމަނާފައިވުމަކީ އެ އެއާލައިންތަކަށް ވެސް ބޮޑު ބުރައަކަށް ވާނެ ކަމަށެވެ.

މެމްބަރުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ އާންމުވެގެން އުޅެނީ އުސޫލުގެ ފުރަތަމަ ދެލިކޮޕީ ކަމަށާއި އެ އުސޫލު އެކުލަވާލާފައި ވަނީ ޖުލައި މަހު ބޯޑަރު ހުޅުވާލުމުގެ ކުރިއަށް އަޅަން ރާވާފައި ހުރި ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. އަދި މިހާރު ތިންވަނަ ޑްރާފްޓަކާ ހަމައަށް އައިއިރު އެ ބައި އުނިކޮށްފައިވާ ކަމަށާއި މިހާރު ތައްޔާރުކުރާ އުސޫލުގައި ރާއްޖެއިން މީގެ ކުރިން ނަގަމުންދިޔަ ފީތަކުގެ އިތުރަށް އެހެން ފީތަކެއް ނަގަން ނުހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޑަސްޓްރީއާ އެއްކޮށް މީތި ހިމުންކޮށް ނިމޭއިރު، އިންޑަސްޓްރީގެ އާންމު ވިސްނުން މިހިރީ ރާއްޖެ އަގުބޮޑު މަންޒިލަކަށް ނުހަދަން. ޕްރީ އޯޕަނިން ޑްރާފްޓުގައި ހުރި ފީތަކެއް މިހާރު މި އޮތް ޑްރާފްޓުގައި ނުހުންނާނެ. އެކަމަށް މަޝްވަރާ ކުރަން ޕޮލިސީ ލެވެލްގައި އިގްތިސާދީ އެހެން ވުޒާރާތަކާއެކު ދެން އަޅުގަނޑުމެން ބަހުސްކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ޓޫރިޒަމް މިނިސްޓްރީން މީތި ފައިނަލް ކުރާއިރު ވިސްނުން މިހިރީ މަޓީއާ ގެސްޓްހައުސް އެސޯސިއޭޝަނާ ބޯޓިން އެސޯސިއޭޝަނާ އަދި އެ ނޫން ވެސް ޓްރެވަލް އެޖެންޓުންނާ އެސޯސިއޭޝަންތަކުގެ ހިޔާލުތަކާއެކު ޓޫރިޒަމް ޕޭޕަރެއް ގޮތަށް ޕޮލިސީ އޮފީހަށް ގެންދަން،"

ފުރަތަމަ ޑްރާފްޓާ ގުޅޭގޮތުން ހުރި ބައެއް އޮޅުންތައް ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ޑްރާފްޓު އެކުލަވާލީ ބަލި ފެތުރުން މުޅިން ކޮންޓްރޯލް ނުވި ނަމަވެސް ބޭރުން މީހުންނަށް އާދެވޭ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ. ނަމަވެސް، މިހާރު ރާއްޖޭގައި ބަލީގެ ހާލަތު ކޮންޓްރޯލް ވެފައި ވާތީ، އުސޫލު ފައިނަލް ކުރާއިރު ބަދަލުތައް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފުރަތަމަ ޑްރާފްޓުގައި އޮތީ ޖުލައިގެ ކުރިން ވެސް، ޖޫން އެކެއްގެ ފަހުން ވެސް ޖެޓުތަކާ އެއްޗެހި އަންނައިރު އޮންނަ އުސޫލު [ޕްރީ އޯޕަނިން]... އޭރު ލަފާކޮށްފައި އޮތީ މިސާލަކަށް ބަލި ކޮންޓްރޯލް ނުވެ އޮތަސް، އައިސޮލޭޓު ކޮށްފައިހުރި ރަށްތަކަށް ކަރަންޓީނަށް ވިޔަސް، އަންނަން ބޭނުންވާ މީހުންނަށް އައުމުގެ ހުއްދަ ދޭން. އެ ފޭސް ތިންވަނަ ޑްރާފްޓާ ހަމައަށް އައިއިރު އުނި ކޮށްފިން. މިހާރު އަޅުގަނޑުމެން މިއަށް ރިފާވެސް މި ކުރަނީ ގައިޑްލައިން ފޮ ރީސްޓާޓިން މޯލްޑިވްސް ޓޫރިޒަމް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ﷲގެ އިރާދައާއެކު އަޅުގަނޑުމެންނަށް މި ބަލި ކޮންޓްރޯލް ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މާޗު ފަހުކޮޅުން ފެށިގެން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފަ އެވެ. ރާއްޖެއަށް އަލުން ފަތުރުވެރިން ގެނައުމުގެ އުސޫލެއް އެކުލަވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ޑްރާފްޓްގައި ބުނާ ގޮތުން ޖޫންގައި ހުޅުވާލަނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށެވެ. އަދި ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު އެވެ.

މީގެ އިތުރުން ޓޫރިސްޓުން ގެނެވޭނީ ވަކި ލައިސެންސެއް، "ސޭފް ޓޫރިޒަމް ރިސޯޓް ލައިސެންސް" ދޫކުރެވޭ ރިސޯޓުތަކަށް އެކަނި ކަމަށާއި އެ ލައިސަންސް ދޫކުރާނީ ސަލާމަތީ ގޮތުން ވަކި ކަންކަން ފުރިހަމަ ކުރާ ރިސޯޓްތަކަށެވެ. އަދި އެ ލައިސަންސް ހޯދަން 50،000 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ވެސް ޑްރާފްޓް އުސޫލުގައިވެ އެވެ.

އާންމުވި ޑްރާފްޓް އުސޫލުގައިވާ ގޮތުން އަންނަ މަހުގެ އެކެއްގައި ފުރަތަމަ ރާއްޖެ ހުޅުވާލާނީ ސުޕަ ޔޮޓުތަކަސާއި ޖެޓުތަކަށެވެ. އަދި އެއަށް ފަހު، ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށް ވެސް ބުނެ އެ އުސޫލުގެ ފުރަތަމަ ދެލި ކޮޕީގައިވެ އެވެ.

އެގޮތުން ރާއްޖެ އަންނަ، ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން 10،000 ޑޮލަރު ދައްކަން ޖެހޭ ކަމަށް އެ ދެލީކޮޕީގައިވެ އެވެ. މީގެ އިތުރުން ޖުލައި މަހު ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 100 ޑޮލަރުގެ ވިސާފީއެއް އަދި ރާއްޖެ ވަންނަ ކޮންމެ ޓޫރިސްޓަކު ޕީސީއާރު ޓެސްޓް ހަދާއިރު، އެ ޓެސްޓަށް 100 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ.

މިނިސްޓްރީއިން މީގެ ކުރިން ވެސް ބުނެފައި ވަނީ އެއީ ފައިނަލް އުސޫލެއް ނޫން ކަމަށާއި މި މަހުގެ 25ގެ ކުރިން އެ އުސޫލަށް ހިޔާލުފާޅު ކުރަން ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުގެ ކިބައިން މިހާރު އެދިފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއިން އަންނަނީ، ސިނާއަތުގެ ފަރާތްތަކާ އެކު ވަކިވަކި ބައްދަލުވުންތައް ވެސް ބާއްވަމުންނެވެ.

މި ޑްރާފްޓާ ގުޅޭގޮތުން ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ ޑްރާފްޓަށް ހިޔާލު ހޯދަން މަޖިލީހުގެ ހިޔާލަށް ވެސް ވަނީ މިހާރު އެދިފަ އެވެ.

comment ކޮމެންޓް