ރާއްޖެއިން މޫދުވިނަައިގެ އާ ވައްތަރެއް ފެނިއްޖެ

އައްޑޫ ނޭޗާ ޕާކުން ފެނުނު އާ ވައްތަރެއްގެ މޫދު ވިނައެއް -- ފޮޓޯ/ މޯލްޑިވްސް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓް

ރާއްޖެއިން އަދި މިހާތަނަށް ފެނިފައިނުވާ މޫދުވިނައިގެ އާ ބާވަތެއް ފެނިފައިިވާ ކަމަށް މޯލްޑިވްސް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓުން ބުނެފި އެވެ.

އެ ޕްރޮޖެކްޓުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، އާ ވައްތަރެއްގެ މޫދުވިނައެއް ފާހަގަ ވެފައި ވަނީ އިއްޔެ ބޭއްވި ވެބިނާއެއްގެ ތެރެއިން، މޫދުވިނައިގެ ފޮޓޯތަކެއް ބަލަމުން ދަނިކޮށް ކަމަށެވެ.

އާ ވައްތަރެއްގެ މޫދު ވިނައެއް ފެނިފައި ވަނީ އައްޑޫ ނޭޗާ ޕާކުންނެވެ. އަދި އެއީ ސައިމޮޑޭސިއާ ސެރަލާޓާ ކިޔާ މޫދުވިނައެއް ކަމަށް ތަޖުރިބާކާރުން ކަށަވަރުުކޮށްދީފައިވާ ކަމަށް ވެސް އެ ޕޭޖުގައި ބުނެފައިވެ އެވެ.

މިއާއެކު ރާއްޖެއިން ފެނިފައިިވާ މޫދުވިނައިގެ ބާވަތްތަކުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މީގެ އިތުރުން ރާއްޖެއިން މޫދުވިނައިގެ އިތުރު ވައްތަރުތައް ފެނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މޫދުވިނަ ނޮޅުމުގެ އާދަ ހުއްޓުވައި، އަދި މޫދުވިނަ ހިމާޔަތްކުރުމަށް މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ "ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް"ގެ ނަމުގަައި ބޮޑު ކެމްޕޭނެއް ވެސް ފަށައިފައެވެ. އެ ކެމްޕޭނުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެ ކެމްޕޭނު ފެށީ ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުންގެ ޓީމު "މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް"އާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޗެރިޓީ "ބްލޫ މެރިން ފައުންޑޭޝަން" ގުޅިގެންނެވެ.

މޯލްޑިވްސް ރެސިލިއެންޓް ރީޕްސް ޕްރޮޖެޓަކީ ވެސް ބްލޫ މެރިން ފައުންޑޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

comment ކޮމެންޓް