ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 29

"ޞަފާ! ފެނުނު ތަ ބޭބެއަށް ފެނުނު ފަދައިން." އަމީރު މުޙައްމަދު އެއްސެވިއެވެ.

"އާދެ! ލޯފުޅު ކުޑަކޮށް ހުޅުވައިލެއްވި ތަން ދުށިން." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ކާފާފުޅާ! އަޅުގަނޑުމެން މި ތިބީ ކާފަގެ އަރިހުގައި." ކާފާފުޅު ސުލްޠާން ސަލީމްއަށް ގޮވައިލައްވަމުން އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ދަރިފުޅުމެން ތިޔަ ކުރަނީ ކީއް؟ ކާފާފުޅަށް އުނދަގޫ ނުކުރާށޭ ބައްޕަ ބުނީމެއް ނު." އަމީރު މުރާދު ވިދާޅުވިއެވެ.

"ކާފާފުޅު ދެންމެ ލޯފުޅު ހުޅުވައިލެއްވި ބައްޕާ!" އަމީރާ ޞަފާ ވިދާޅުވިއެވެ.

"ކުޑަ އިރުކޮޅަކަށް ހޭފުޅުލައްވާފައި އަނެއްކާ ވެސް އަވަހާރަފުޅަށް ރުޖޫއަ ވެވަޑައި ގެންފި." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ހަމަ ރަނގަޅަށް ވެސް ތަ؟ ދަރިފުޅުމެން ތިޔަ ބުނަނީ ދަރިފުޅުމެންނަށް ކަށަވަރު ވާހަކައެއް ތަ؟" އަމީރު މުރާދު އެއްސެވިއެވެ.

"ފުރިހަމަ ޔަގީންކަމާ އެކު މި ދެންނެވީ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އާދެ! ބައްޕާ! އަޅުގަނޑުމެންނަށް ފެނުނު." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އެހެންވީ އިރު ބޭސްވެރިޔާއަށް އަންގާން ޖެހޭނެ. ބައްޕަ މި ދަނީ ބޭސްވެރިޔާ ގޮވައިގެން އަންނާން. ދަރިފުޅުމެން ކާފާފުޅުގެ އަރިހުގައި މަޑު ކުރޭ!" އަމީރު މުރާދު އެހެން ވިދާޅު ވެފައި ކޮޓަރިކޮޅުން ނުކުމެވަޑައި ގަތެވެ.

"ޔާ ރައްބަލް ޢާލަމީން. އަޅަމެންގެ ކާފާފުޅަށް ރަހުމަތް ލައްވައި ފާނދޭ!" ދެ އަމީރުން ދުޢާ ކުރައްވަމުން ގެންދެވިއެވެ.

*****

"ކާފާ! މިއަދު އަޅުގަނޑުމެން ދިޔައީ ފަގީރުުންނަށް ކާބޯތަކެތި ބެހުމުގެ ބުރެއްގައި. ވަރަށް ފައްކާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އެކަމަކު ހިތާމައަކީ އެމީހުން ދިރިއުޅޭ ހާލަތު. ވަރަށް ދެރަ ފޭލިގެތަކެއްގައި އެމީހުން ދިރި އުޅެނީ. އެއީ ފިނީން ވެސް އަދި އިރުގެ ހޫނުން ވެސް އެމީހުން ސަލާމަތް ކޮށް ދެވޭ ވަރުގެ ފޭލިގެތަކެއް ނޫން." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އާނ! އަދި އެމީހުންގެ ހެދުންތައް ވެސް ވަރަށް ބާ. އެމީހުންނަށް އާ ހެދުން ވެސް ދޭން އެބަ ޖެހޭ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ކުޅޭ އެއްޗެއް ވެސް އެމީހުންގެ ކުދީންގެ އަތުގައި ނުވެއް ހުރޭ. ވީމާ ކުޅޭ އެއްޗެހި ވެސް ދޭން ވާނެ." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ވަރަށް ރަނގަޅު! ތިޔަ ހުރިހާ ކަމަކީ ވެސް ރަނގަޅު ކަންކަން. އެކަމަކު އެންމެ ރަނގަޅު ގޮތަކީ އެމީހުން އަމިއްލައަށް ތަކެތި ހޯދުމުގެ ގާބިލުކަން އެމީހުންނަށް ހޯދައި ދިނުން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުވިސްނުނު ކާފާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ދަރިފުޅާ އަހަރެމެންނަށް ގޮސް އެމީހުންނަށް މަހެއް ދެވިދާނެ. އެކަމަކު އަނެއް ދުވަހު ވެސް އަހަރެމެން ނުދިނިއްޔާ އެެމީހުންނަށް މަހެއް ނުލިބޭނެ. އެކަމަކު އެމީހުންނަށް މަސް ބާނާނެ ގޮތް އުނގަންނައި ދީފައި އެމީހުންނަށް މަސްވެރިކަން ކުރާނެ ތަކެތި ހޯދައި ދިނުމުގައި އަހަރެމެން އެހީތެރި ވެއްޖެ ނަމަ އެމީހުންނަށް ބޭނުން ވާ މަސް އެމީހުންނަށް އަމިއްލައަށް ހޯދޭނެ. އަދި އިތުރަށް ބޭނޭ މަހުން އެމީހުންނަށް އާމްދަނީ ވެސް ހޯދޭނެ. ވީމާ އެންމެ މުހިއްމީ އެމީހުންނަށް ތައުލީމު ދިނުން. ކަންކަން އުނގަންނައި ދިނުން. އަދި އެ ކަންކަން އަމަލީ ގޮތުން ކުރުމަށް ބޭނުން ވާނެ ވަސީލަތްތައް ފޯރު ކޮށް ދީ މަގުތައް ތަނަވަސް ކޮށް ދިނުން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ އުފާ ވީ އެ އެންމެން ވެސް އަޅުގަނޑުމެންގެ އަނެއް ކާފައަށް ފުރިހަމަ ސިއްހަތަކާއި ދިގު އުމުރެއް ދެއްވުން އެދި ދުއާ ކުރަމުން ދިޔައީތީ." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ދުޢާގެ ވާހަކަ ދެއްކީ މާ ހަނދާން ވީ އެއްކަލަ ހޮހޮޅައިގައި ބަންދު ވީ މީހުންގެ ވާހަކަ. އެ ވާހަކައިގެ އިތުރު ބައެއް ކިޔައި ދެއްވާން ވީ ނޫން ތޯ؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"އެންމެ ރަނގަޅު! ކިހާ ހިސާބަކަށް އެ ވާހަކަ ކިޔައި ދެވުނީ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ.

"ހޮހޮޅައިގެ ދޮރުމަތީގައި އޮތް ހިލަގަނޑު މައިންބަފައިންނަށް ހެޔޮކޮށް ހިތާ ރާބިޙުގެ ދުޢާއާ ގުޅިގެން ކޮންމެވެސް ވަރަކަށް އެއް ފަރާތަކަށް ޖެހި އުފެދުުނު ކުޑަ ޖާގައިން އެ ހޮހޮޅައަށް އައްޔާއި ވައި ވަންނާން ފެށި ހިސާބަށް." އަމީރާ ޞަފާ ވިދާޅުވިއެވެ.

"އާނ. އާނ. ރަނގަޅު! އެ ހިސާބުން ނޭވާ ހާސް ވުމެއް ނެތި އެމީހުންނަށް ނޭވާ ލެވޭން ފެށި." ގާޒީ ޞަފިއްޔުއްދީނު ވާހަކަ ކިޔައި ދެއްވާން ފެށްޓެވިއެވެ.

*****

"އައު ވެ އައު ވޭވޭ ހުންނަ ސާފު ވައިގެ ރޯޅިތަކުގެ ނިއުމަތަކީ ހާދަ ހާ ވެސް ބޮޑު ނިއުމަތެކޭ!" ރާބިޙަށް ބުނެވުނެވެ.

"މި ތަނުން ނުކުމެވުނީ މާ ނޫނީ ހިތަށް ހަމަ ޖެހުމެއް ނުލިބޭނެ." ޒިޔާދު ބުންޏެވެ.

ކަރު ހިއްކައިގެން ގޮސް އަހަރެން މިހިރީ މަރު ވާން ކައިރި ވެފަ. އެއްވެސް ވަރަކަށް ފެނެއް ނެތް ތަ؟" ޢައްމާރު ބުންޏެވެ.

"އާނ. އެއްވެސް ވަރަކަށް ނެތް. ހުރިހާ ފެނެއް ހުސް ވެއްޖެ. ރާބިޙު އަތުގައި ކިރުފޮދެއް ހުރެ ދާނެ." ޒިޔާދު ބުންޏެވެ.

"ނޫން. އެއްމެ ކިރުފޮދެއް ކީއް ކުރާން، ކިރު ތިއްކަރެއް ވެސް ނެތް." ރާބިޙު ބުންޏެވެ.

"ކަދުރުކޮޅު ވެސް ހުސް ވެއްޖެ. ދެން ހަދާނީ ކިހިނެއް؟" ޢައްމާރު ބުންޏެވެ.

"އަދިވެސް ބޭރަށް ވާރޭ އެބަ ވެހޭ. ބޭރަށް ނުކުމެވިއްޖެއްޔާ ބޯނެ ފެން ލިބޭނެ." ޒިޔާދު ބުންޏެވެ.

"ވާރޭގެ ފެން ބޭރަށް ވެހޭ ތަން ފެންނާތީ އަހަރެންގެ ކަރު ހިއްކުން ވެސް އެބަ ބޮޑު ވޭ." ރާބިޙު ބުންޏެވެ.

"ބޭރަށް ހުޅުވިފައި ހުރި ޖާގައިން އަތް ނެރެވޭ ނަމަ ވެސް ފެންފޮދެއް ނެގުނީސް." ޒިޔާދު ބުންޏެވެ.

"އަދިވެސް ހިނގާ ބަލަ މި ހިލަގަނޑު ދުރު ކުރެވޭ ތޯ." ޢައްމާރު ބުންޏެވެ.

"އުނ. އުނ. އެންމެ ސޫތަކަށް ވެސް ގުޑުވައެއް ނުލެވޭ." ޒިޔާދު ބުންޏެވެ.

"ތިޔައީ ބޭކާރު ކަމެއް. ވަރުބަލި ވެ ކަރު ހިއްކުމާއި ބަނޑުހައި ވުން އިތުރު ވުން ނޫން ކަމެއް ނުވާނެ. އެއްވެސް ވަރަކަށް ނުގުޑޭ." ރާބިޙު ބުންޏެވެ.

"މީގެ ކުރީން ގުޑުނު. އަދި ޖާގައެއް ވެސް ހެދުނު." ޢައްމާރު ބުންޏެވެ.

"އެއީ ދުޢާ ކުރުމުން އެ ހިލަގަނޑަށް އައި ގުޑުމެއް. އަހަރެމެން ކޮއްޕައިގެން ކުރެވުނު ކަމެއް ނޫން." ރާބިޙު ބުންޏެވެ.

"އާނ. ސޯލިހު އަމަލުގެ ފައިދާއިން." ޒިޔާދު ބުންޏެވެ.

"އެހެން ވީ އިރު އަދިވެސް ސޯލިހު އަމަލެއް ހަނދާންކޮށް އެ އަމަލަށް ޓަކައި ވެސް މި މުސީބާތުން ސަލާމަތް ވޭ ތޯ މަސައްކަތް ކުރާން ވީ ނު؟" ޢައްމާރު ބުންޏެވެ.

"އަހަރެން އެބަ އޮތް ވާހަކައެއް. އެކަމަކު އެ ވާހަކަ ކިޔައެއް ނުދެވޭނެ." ޒިޔާދު ބުންޏެވެ.

"ހެޔޮ ނުވާނެ ތިޔަ ހެން ނަހަދާ! އަހަރެމެން މި ތާ ތިބެ ބަނޑުހައިކަމާއި ކަރުހިއްކުމުގެ ސަބަބުން މި ތިބަ މަރުވަނީ." ރާބިޙު ބުންޏެވެ.

"އަހަރެމެންގެ އޮތް ހައި ވެސް އުއްމީދަކީ މިހާރު ކަލެއަށް ކުރެވިފައި އޮތް ސޯލިހު އަމަލެއްގެ ޒިކުރުކޮށް ﷲ އަށް ދުޢާ ދެންނެވުން." ޢައްމާރު ބުންޏެވެ.

"އެއީ އަހަރެން ކިޔައި ދޭން ބޭނުން ވާހަކައެއް ނޫން. އަދި އެ ކަން މެދުވެރިކޮށް ކަމަކަށް އެދޭން ބޭނުން ވި ކަމެއް ވެސް ނޫން. އެކަމަކު އޮތް ހައި ވެސް އުއްމީދަކީ އެއީ ކަމަށް ވަންޏާ ދެން ޖެހޭނީ އެ އަމަލަށް ޓަކައި ދަންނަވާން. އަހަރެމެން މި ތަނުން ސަލާމަތް ކުރައްވައިފިއްޔާ ކަލޭމެން އެ ވާހަކަ އާއްމު ކޮށްގެން ނުވާނެ. އަހަރެންގެ ޒުވާންކަމުގެ ކުރީކޮޅު އަހަންނަކީ ގައިގެ ބާރުގަދަ ހިތްވަރުގަދަ އަދި މުދާ ގިނަ މީހެއް. އަވަށުގެ ކޮންމެ އާއިލާއަކުން ވެސް ބޭނުން ވަނީ އަހަންނަކީ އެ އާއިލާގެ ދަނބިދަރިފުޅަށް ވާން. އެމީހުންގެ އަންހެން ދަރީން ކުރެ ކުއްޖެއްގެ ފިރިއަކަށް އަހަރެން ވާން. އެހެންނަމަވެސް އޭގެ ތެރެއިން އަހަރެންގެ އަތްނބަކަށް ވާން އަހަރެން ބޭނުން ކުއްޖަކަށް ހުރީ އަހަރެންގެ ބޮޑުބޭބެގެ އަންހެން ދަރިފުޅު ޒުބައިދާ އެކަނި." ޒިޔާދު އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

*****

"އަހަރެން ލަސް ނުވެ އަންނާނަން. ދަރިފުޅާ ޒުބައިދާ!" ޒުބައިދާގެ ބައްޕަ ބުންޏެވެ.

"ސަލާމްތެރިކަމާ އެކު ބައްޕާ!" ޒުބައިދާ ބުންޏެވެ. ޒުބައިދާގެ ބައްޕަ ގެއިން ބޭރަށް ނުކުތް އިރު، ޒިޔާދު ހުރީ އެ ގެއާ ކައިރީގައެވެ. ޒުބައިދާގެ ބައްޕަ އަދި ޒިޔާދުގެ ބޮޑުބޭބެ ދިއުމާ އެކު ޒިޔާދު ގޮސް އެ ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އަދި ބުންޏެވެ.

"ޒުބައިދާ! ޒުބައިދާ! ދޮރު ހުޅުވަ ބަލަ! އަހަންނަކީ ޒިޔާދު! ބޮޑުބޭބެގެ ދަރިފުޅު!"

"މާފު ކުރޭ، ބޮޑުބޭބެގެ ދަރިފުޅާ! ބައްޕަ ދެންމެ ބޭރަށް ނުކުމެއްޖެ. ގޭގައި އިނީ އަހަރެން އެކަނި." ޒުބައިދާ ބުންޏެވެ.

"ތިޔައީ މާ ރަނގަޅު ގޮތެއް. އަހަރެން މި އައީ ވެސް ހަމައެކަނި ތިބާއާ ބައްދަލު ކޮށް ވާހަކަ ދައްކާލަން." ޒިޔާދު ބުންޏެވެ.

"އަހަރެމެން ދެ މީހުންނަކީ ކިތައްމެެ ތިމާގެއަސް ކައިވެނި ހުއްދަ ހިސާބުގައި ތިބި އަންހެނަކާއި ފިރިހެނެއް. ކައިވެނި ހުއްދަ ވާ ފިރިހެނަކާއި އަންހެނަކު، ކައިވެންޏާ ނުލައި އެކަހެރި ތަނެއްގައި ތިބުމަކީ ފިތުނައެއް. ވީމާ މި ވަގުތު ދޭ. އަދި ތިބާގެ ބޮޑުބޭބެ ގޭގައި ނެތް މި ވަގުތު ބޮޑުބޭބެގެ ގެއާއި އަހުލުން ރައްކާތެރި ކޮށް ދީ." ޒުބައިދާ ބުންޏެވެ.

"އެކަމަކު އަހަރެން ތިބާއާ ވަކީން ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުން ވެގެން ހުންނަތާ އެތައް ދުވަހެއް ވެ ކެތްތެރިކަން ކޮޅުން ލައިގެން މި އައީ. އަހަރެެން ކީއް ކުރާނީ؟" ޒިޔާދު ބުންޏެވެ.

"ތިޔަ ވާހަކައިން އަހަރެން ލަދު އެބަ ގަނޭ. ތި ވާހަކައިން އަހަންނަށް ނިކަމެތިކަން އިހުސާސް އެބަ ކުރެވޭ. އަހަންނަކީ ދަށުދަރަޖައިގެ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެއް ކަމަށް ތަ ހީ ކުރަނީ؟" ޒުބައިދާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

"ދޮރު ނުހުޅުވައިފި ނަމަ އެހެރަ އާނގަވަޅުން އެތެރެއަށް ފުންމާލައިގެން ވެސް އަހަރެން ގޭތެރެއަށް ވަންނާނަން." ޒިޔާދު ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް