އަޚުލާޤަކީ އިންސާނާގެ ނަފުސުގައި ހަރުލާފައިހުންނަ ސިފައެކެވެ. މި ސިފައިގެ ސަބަބުން، އޭނާ ކަމެއް ކުރަން ބޭނުންވާހިނދު އެކަމެއް ކުރާނީތޯ ނުވަތަ ނުކުރާނީތޯ ކުރިން ވިސްނުމަކާނުލައި އަދި ލަސްކަމެއްނެތި ވަރަށް ފަސޭހަކަމާއެކު އެކަމެއް ކުރެވެއެވެ. މިގޮތުގެމަތީން ކުރި އަމަލަކީ ބުއްދީގެގޮތުންނާއި ޝަރުޢީގޮތުން ރީތި އަމަލެއްކަމުގައިވާނަމަ އެއީ ރަނގަޅު އަޚުލާޤެކެވެ. އަދި އެ ކުރި އަމަލަކީ ބުއްދީގެގޮތުންނާއި ޝަރުޢީގޮތުން ހުތުރު އަމަލެއްކަމުގައިވާނަމަ އެއީ ނުބައި އަޚުލާޤެކެވެ.[ޖުރުޖާނީ، 2000، 89]
އަޚުލާޤު ނުވަތަ ޚުލްޤުގައި ދެކަމެއް ޝަރުޠުވެގެންވެއެވެ. ފުރަތަމަ ކަމަކީ އަޚުލާޤެއްނަމަ އެއީ އިންސާނާގެ ނަފުސުގައި ސާބިތުވެހުންނަ ސިފަޔަކަށް ވާންޖެހެއެވެ. ނަފުސުގައި ހަރުލައި ސާބިތުވެފައިނުވާ ސިފައެއްނަމަ އެއީ އަޚުލާޤެއް ކަމުގައެއްނުވާނެއެވެ. ދެވަނަ ކަމަކީ އަމަލެއް ކުރުމުގައި އަވަސްކަން އެކުލެވިފައިވުމާއި، تَكَلُّفُ ގެ ސިފަ އެކުލެވިފައިނުވުމެވެ. ތަކައްލުފުގެ ސިފައަކީ ތިމާގެ ކިބައިގައި ހަގީގަތުގައިނެތް ސިފައެއް ތިމާގެ ކިބައިގައި ހުރިކަމަށް ހެދިގެން އުޅުމެވެ. މިސާލަކަށް ރުޅިއަންނަ ވަގުތުގައި ރުޅިނާންނަކަމަށް ހެދިގެން އުޅުމަކީ އެއީ ޚުލްޤު ކަމުގައެއްނުވާނެއެވެ.
އަޚުލާޤު ގުޅިފައިވަނީ އިންސާނާގެ ނަފުސާއެވެ. އެހެންކަމުން އެއީ އިންސާނާގެ ހަށިގަނޑުގެ ބޭރުފުށުގެ އަމަލެއްނޫނެވެ. ނަފުސުގައި ހަރުލާފައިހުންނަ އަޚުލާޤު ބޭރުފުށުން ދައްކައިދެނީ މީހާގެ ސުލޫކެވެ. ވީމާ ސުލޫކު ހިމެނެނީ މީހާގެ އަޚުލާޤު ދޭހަކޮށްދޭ ދަލީލުކަމުގައެވެ. އެއީ ގަހުގައި އަޅާ މޭވާއިން، އެ ގަހުގެ ބާވަތް ދެނެގަނެވޭފަދައިންނެވެ. މީހާގެ ސުލޫކު ރަނގަޅުނަމަ އެއީ އޭނާގެ އަޚުލާޤު ރަނގަޅުކަމުގެ ދަލީލެކެވެ. ހަމައެގޮތަށް މީހާގެ ސުލޫކު ގޯސްނަމަ އެއީ އޭނާގެ އަޚުލާޤު ގޯސްކަމުގެ ދަލީލެކެވެ.
އަޚުލާޤަކީ ގުދުރަތުން ދެއްވަވާ އެއްޗެއްހެއްޔެވެ؟ ނުވަތަ އަމިއްލައަށް ލިބގަންނަ އެއްޗެއްހެއްޔެވެ؟
محمّد صالح العُثَيْمِين ވިދާޅުވެފައިވެއެވެ. އަޚުލާޤަކީ ގުދުރަތުން ދެއްވުމާއި އަމިއްލަ މަސައްކަތުން ލިބިގަތުމާއި މި ދެބައިވެސް ހިމެނޭ އެއްޗެކެވެ. އެބަހީ: އަޚުލާޤަކީ ގުދުރަތުން ދެއްވާ އެއްޗަކަށްވީފަދައިން ތިމާގެ އަމިއްލަ މަސައްކަތުން ލިބިގަންނަ ބައެއްވެސް އޭގައި އެކުލެވިގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، أَشَجُّ عَبْد الْقَيْس އަށް ހަދީސްކުރެއްވިއެވެ. "ހަމަކަށަވަރުން، ﷲ ލޯބިވެވޮޑިގަންނަވާ ދެސިފައެއް ތިބާގެ ކިބައިގައިވެއެވެ. (އެއީ) ހިތްތިރިކަމާއި، މަޑުމައިތިރިކަމެވެ." أَشَجُّ ސުވާލުކުރެއްވިއެވެ. އޭ ﷲ ރަސޫލާއެވެ! އެއީ ތިމަން އަމިއްލަޔަށް ލިބިގަތް ދެސިފަތޯއެވެ؟ ނުވަތަ ﷲ ދެއްވި ދެއްވި ދެސިފަތޯއެވެ؟ އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެހެނެއްކަމަކު އެއީ ﷲ ތިބާގެ ކިބައިގައި ލައްވަވާފައިވާ ދެސިފައެވެ." އެހިނދު أَشَجُّ ވިދާޅުވިއެވެ. ﷲ ލޯބިވެވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިވެވަޑައިގަންނަވާ ދެސިފަ އަހުރެންގެ ކިބައިގައި ލެއްވެވި ﷲ އަށް ޙަމްދު ކުރަމެވެ.[އަބޫދާއޫދު: 13/4548] ރިވެތި އަޚުލާޤީ ސިފަތައް ގުދުރަތުން ދެއްވާފައިވާނަމަ އެ ސިފަތައް ލިބިގަތުމަށްޓަކައި އިތުރު މަސައްކަތްތަކެއްކޮށް ބުރައުފުލާކަށްނުޖެހޭނެއެވެ. މިގޮތަށް ރިވެތި އަޚުލާޤު ލިބިފައިނުވާމީހާއަށް އެހެންމީހުންގެ އެހީތެރިކަމާއެކު އަދި އަމިއްލަޔަށް މަސައްކަތްކޮށްގެން ﷲ ގެ އިރާދަފުޅާއެކު ރިވެތި އަޚުލާޤު ލިބިގަނެވިދާނެއެވެ.
ރިވެތި އަޚުލާޤު ލިބިގަނެވޭނެ މަގުތައް
1. އާއިލާ: އާއިލާއަކީ ރަނގަޅު އަޚުލާޤު ލިބިގަތުމުގެ އެންމެ ފުރަތަމަ މަސްދަރުކަމުގައި ބުނެވިދާނެއެވެ. އެހެނީ ދަރިންނަށް އަޚުލާޤީ ސިފަތަކާއި އެހެނިހެންވެސް ކަންތައްތައް އުނގަންނައިދޭ ފުރަތަމަ މަދަރުސާއަކީ އާއިލާއެވެ. ދަރިންގެ ކިބައިގައި ވަކިކަހަލަ ސިފަތަކެއް ހަރުލައްވައި، އެ ދަރިފުޅަކީ އަޚުލާޤު ރަނގަޅު ދަރިއެއްގެގޮތުގައި ބޮޑުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އާއިލާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީސްކުރެއްވިއެވެ. "ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. (އެބަހީ: ހައްގު ދީންކަމަށްވާ އެއްކައުވަންތަކަމުގެ ދީނުގެ މަތީގައެވެ.) ފަހެ، އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މަންމައާއި ބައްޕައެވެ."[ބުޚާރީ: 5/1296]
2. ރަނގަޅު ތައުލީމު: ހެޔޮނުބައި ވަކިކޮށް ބާއްޖަވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭނެ އެންމެ މުހިންމު މަސްދަރަކީ ތައުލީމެވެ. ޤުރުއާނުންގެ އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތްތަކުގައިވެސް އަންގަވާފައިވަނީ ޢިލްމު އުނގެނުމަށެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ."[ޢަލަޤު: 1]
3. ރިވެތި އަޚުލާޤުގެ ނަމޫނާ: ތަރުބަވީ ޢިލްމުވެރިން ވިދާޅުވާގޮތުގައި މީހެއްގެ ކިބައިގައި ސިފައެއް ހަރުލެއްވުމަށް އެންމެ ފަސޭހަ ގޮތްތަކުގެތެރޭގައި "ނަމޫނާ" ދެއްކުން ހިމެނެއެވެ. އެހެންކަމުން އާއިލާގެތެރެއިންނާއި، މުދައްރިސުންގެ ފަރާތުންނާއި، ރަހުމަތްތެރިންގެ ފަރާތުންނާއި އަދި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ފަރާތުން ރިވެތި އަޚުލާޤު ފެނުމަކީ ރަނގަޅު އަޚުލާޤު ލިބިގަތުމަށް މަސައްކަތްކުރާ ފަރާތަށް ވަރަށް މުހިއްމު ކަމެކެވެ. އެއްވެސް އޮޅުމެއްނެތްގޮތުގައި މީސްތަކުންތެރެއިން އަޚުލާޤީ ގޮތުން އެންމެ ފުރިހަމަ ނަމޫނާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވިއެވެ."[އަޙުޒާބު: 21]
4. ރަނގަޅު ރަހުމަތްތެރިން: ރަނގަޅު ރަހުމަތްތެރިންނަކީވެސް ރިވެތި އަޚުލާޤު ލިބިގަތުމުގެ މުހިއްމު މަސްދަރެކެވެ. ރަހުމަތްތެރިންގެ ގޮތުގައި ހެޔޮލަފާ މީހުން އިޚުތިޔާރު ނުކުރުމަކީ ތިމާގެ ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލިގެންދިއުމުގެ މަގެކެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއްހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނިމީހަކު މިތުރަކުކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ."[ފުރުޤާނު: 27-29]
5. މުޖުތަމައު: ރިވެތި އަޚުލާޤު ލިބިގަނެވޭނެ މުޖުތަމައެއްގެ ހާލަތަކަށްވާނީ އެ މުޖުތަމައުގައި ދިރިއުޅޭ މީސްތަކުން އެކަކު އަނެކަކަށް ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު އަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ހައްގަށް ވަސިއްޔަތްކޮށް، އަދި އެކަކުއަނެކަކަށް ކެތްތެރިވުމަށް ވަސިއްޔަތްކޮށް އުޅުނުމީހުން މެނުވީއެވެ."[ޢަޞްރު: 1-3]
ބުނެވިދިޔަ ކަންތައްތަކުގެ އިތުރުން، މީސްތަކުންގެ އަޚުލާޤު ރަނގަޅުކޮށް އެގޮތުގައި ދެމެހެއްޓުމަށްޓަކައި ދައުލަތުގެ މަސްއޫލިއްޔަތުވެސް ވަރަށް ބޮޑެވެ. އިސްލާމީ ދައުލަތެއްގެ އެންމެ މުހިއްމު އެއްމަސްއޫލިއްޔަތަކީ އެތަނެއްގެ ރައްޔިތުންގެ އަޚުލާޤާއި ސުލޫކު ރަނގަޅުކޮށް، ގައުމުގެ އަޚުލާޤީ ތަރުބިޔަތުގެ އޮނިގަނޑު ހަރުދަނާކަންމަތީ ދެމެހެއްޓުމެވެ. އެގޮތުން؛ ގައުމުގެ ތައުލީމީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންދިއުމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުންތައް އެކަށީގެންވާގޮތުގައި ފުއްދޭނެ މަގުތައް ތަނަވަސްކޮށްދޭންޖެހޭނެއެވެ. އަސާސީ ޚިދުމަތްތަކާއެކު، ދިރިއުޅުން އިތުރަށް 'ފުރިހަމަކުރުމަށްޓަކައި' ބޭނުންވާނެ ޚިދުުމަތްތައް ފޯރުކޮށްދިނުމަށްވެސް އިސްކަންދޭންވާނެއެވެ. އިޖުތިމާއީ ރައްކާތެރިކަމާއި އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ޚާއްޞަ ސަމާލުކަން ދޭންޖެހޭނެއެވެ. މިފަދައިން ކަންކުރުމުގައި ދައުލަތުން ޒިންމާދާރުނުވިނަމަ، މީސްތަކުން ރިވެތި އަޚުލާޤީ ސިފަތަކާ ދުރުވެ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހީވެސްނުކުރާފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހުން އޮންނާނީ ވަރަށް ގާތުގައެވެ.