ފިތުރު ޢީދުގެ އުފާފާޅުކުރާއިރު ދުނިޔޭގެ އެކި ކަންކޮޅުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުން މަތިން ހަނދާން ކުރަންޖެހޭނެ ކަމަށް މިއަދުގެ ޢީދު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ޚުތުބާގައި ބުނީ، މިއަދަކީ އިންސާނިއްޔަތުކަން ފާޅުވާން ޖެހޭ ދުވަހެއް ކަމަށެވެ.
އެ ގޮތުން، ޢީދުގެ އުފާފާޅުކުރާއިރު ދުނިޔޭގެ އެކި ކަންކޮޅުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންގެ މަތިން ހަނދާންކޮށް، އެ މީހުންގެ ކެކުޅުންތަކުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި، މި މުނާސަބަތަކީ ހަމައެކަނި ތަނަވަސް މީހުން ފާހަގަކުރާ މުނާސަބަތަކަށް ނުހަދައި ޢީދުގެ އުފަލުގައި ފަގީރުންނާއި ނިކަމެތިން ވެސް ބައިވެރިކުރަން ވަނީ ނަސޭހަތްތެރިވެފައެވެ.

މިދިޔަ އަހަރުގެ ޢީދު ނަމާދު: މި އަހަރުގެ ޢީދު ޚުތުބާގައި ވަނީ އިންސާނިއްޔަތުކަން ފާޅުކުރަން ނަސޭހަތްތެރިވެފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
"ހަމައެހެންމެ، އަހަރެމެންގެ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތައިލާންވީއެވެ. އިސްލާމް ދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށެވެ. އަނިޔާވެރިޔާއާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެއެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ހަގީގީ އޮގާތެރިކަން އޮންނާނީ އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ، ބާރުގަދަ މީހާ ދެރަ މީހާގެ އަތުގައި ހިފައިގެން ކަމަށެވެ.
"އިސްލާމީ ޢީދުތަކަކީ، އޭގެ އުފަލުގައި އެންމެން ބައިވެރިކުރުވާން ޖެހޭ އިޙުތިފާލުތަކެކެވެ. ޢީދު ދުވަހު އުފާފާޅުކުރަންވީ ހަމަ އެކަނި ތަނަވަސް މީހުން އެކަންޏެއް ނޫނެވެ،" ޚުތުބާގައި ބުންޏެވެ.
އިސްލާމް ދީނުގައި ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުން ވާޖިބުކުރައްވާފައިވަނީ ވެސް އެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ފަގީރުންނަށް ހޯދައިދިނުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން، އިސްލާމް ދީނާއި އަގީދާއަށް ރައްކާތެރިވާން ވެސް ޢީދު ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

ޢީދަށް ހުޅުމާލޭގައި ކުލަބޮކި ދިއްލާފައި -- ފޮޓޯ/ އެޗްޑީސީ
އެ ގޮތުން، ގައުމުގެ އިސްލާމީ ޝަޚުޞިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިޤުލާލު ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންވެ، ގައުމުގެ އިސްލާމީ ޝަޚުޞިއްޔަތު ދަމަހައްޓަން އަޒުމު ކަނޑައަޅަން ޚުތުބާގައި ވަނީ ގޮވާލައިފައެވެ.
"މިއަދު ހުރިހައި ރުޅިވެރިކަމަކާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރާށެވެ. ބައިބައިނުވެ، އެއްގަލަކަށް އަރާށެވެ. އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރާށެވެ. މައިންބަފައިންގެ ޙައްޤުތަކުން ފަށާށެވެ. މައިންބަފައިންކުރެ ހަމަ އެކަކު ވެސް ހިތުގައި ނުޖައްސަން މިއަދު ޢަޒުމު ކަނޑައަޅާށެވެ،" ޚުތުބާގައި ނަސޭހަތްތެރިވިއެވެ.
ޚުތުބާގައި ވަނީ ގާތް މީހުންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށާއި ރަހުމަތްތެރީންނަށް ތަހުނިޔާކިޔައި ހެޔޮ ދުޢާކުރަން ވެސް ނަސޭހަތްތެރިވެފައެވެ.
ޢީދު ޚުތުބާގައި ނިންމާލައިފައިވަނީ އިންސާނިއްޔަތުކަން ފާޅުކުރަން ނަސޭހަތްތެރިވަމުންނެވެ.